ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ސިޔާމާ މުޙައްމަދާމެދު ސުލޫކީ ފިޔަވަޅު އެޅުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީން ނިންމައިފިއެވެ.

ޖޭއެސްސީން ބުނެފައިވަނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ބަންދުގައި ހުރި ފަރާތެއް ބަންދުން ދޫކޮށްލާ ސަބަބެއްގެ ގޮތުގައި އެފަރާތުގެ "ކުށުގެ ރެކޯޑު ފިޔަވާ އިތުރު ހެއްކެއް ހުށަހަޅާފައި ނުވާތީ" ކަމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އަމުރުގައި ބަޔާން ކޮށްފައި ވަނީ ކުށުގެ ރެކޯޑު ފިޔަވާ އިތުރު އެހެން ހެކިވެސް ހުއްޓާކަމަށް ކޯޓަށް ފުލުހުން ހުށަހެޅި ލިޔެކިޔުމުގައި ފާހަގަ ކޮށްފައި ވަނިކޮށްކަމަށެވެ.

އަދި އެމައްސަލައިގައި ހުރި ހެއްކަކީ ކޮބައިތޯ ސާފުކުރުމެއް ނެތި ޙަޤީޤަތާ ޚިލާފަށްކަން އެނގޭ ކަމާއި، އަދި ތުހުމަތުކުރެވޭ ފަރާތް ބަންދުން ދޫކޮށްލިކަން ޝަރީޢަތުގެ މަޖިލީހުގައި އިޢުލާނު ކުރިއިރު، އެފަރާތުގެ ކުށުގެ ރެކޯޑު ފިޔަވާ އިތުރު ހެއްކެއް ނެތް ކަމުގެ މައްޗަށް ރިޢާޔަތް ކުރިކަން ފާހަގަކޮށްފައި ނުވާހިނދު، މި ކަމުގައި އިސް މެޖިސްޓްރޭޓް ސިޔާމާ މުޙައްމަދު ޢަމަލުކޮށްފައި ވަނީ ޒިންމާދާރުކަން ކުޑަ ގޮތެއްގައިކަން ތަހުޤީޤަށް ސާބިތުވާ ކަމަށެވެ.

އިސްމެޖިސްޓްރޭޓް ސިޔާމާ މުހައްމަދުގެ މި އަމަލަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާ ޚިލާފް އަމަލެއްކަމުގައި ވާތީ، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ސިޔާމާ މުޙައްމަދަށް ނަޞޭޙަތް ދިނުމާ އެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އެންގުމުގެ ފިޔަވަޅު އެޅުމަށް ފެންނަ ކަމަށް ޖޭއެސްސީން ނިންމާފައިވާ ކަމަށެވެ.