ރޭފަތިހުން ފެށިގެން މިއަދު ހެނދުނުގެ ވަގުތަކާ ހަމައަށް މާލެއިން ކަރަންޓު ކެނޑުނީ މާލެ ސަރަޙައްދަށް ކަރަންޓު ދިނުމުގެ ކެޕޭސިޓީ ސްޓެލްކޯގެ ކިބައިގައި ނެތިގެން ނޫންކަމަށާއި އެއީ ދިމާވި ޓެކްނިކަލް އެހެން މައްސަލައެއްގެ ސަބަބުންކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފް ވިދާޅުވީ މިއަދު ގިނަ ވަގުތުތަކަކަށް މާލެއިން ކަރަންޓު ކެނޑުމުން އެކަމުގެ ޗަކުވާ ޢާއްމުންގެ ފަރާތުން ލިބިފައިވާކަމަށެވެ. މިއަދު މާލެއިން ކަރަންޓު ކެނޑިފައިވަނީ އާތު ފޯލްޓެއްގެ ސަބަބުންކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ މިއަދު ވީގޮތަކީ 11 ކޭވީކޭބަލަކަށް މައްސަލައެއް ދިމާވީކަމަށެވެ. އެއީ މިއަދު ފުރަތަމަ ކަރަންޓު ކެނޑުނު ސަބަބުކަމަށާ، އެއީ އަމީނީ މަގުން ގާކޮށި ކައިރީ ހުންނަ 102 ނަމްބަރު ސަބްސްޓޭޝަންއަށް ކަރަންޓުދާ ކޭބަލްކަމަށް ޝަރީފް ވިދާޅުވިއެވެ. މިމައްސަލަ ދިމާވީ މިކޭބަލަށް ކޮންމެވެސް ގޮތަކުން ގެއްލުމެއް ލިބިފައިވަނިކޮށް ވާރޭވެހި އޭގެ މައްސަލަ ބޮޑުވުމުންކަމަށް ބެލެވޭކަމުގައި ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ބައެއް ކޮންސްޓްރަކްޝަން ކުންފުނިތަކުން އެކި މަސައްކަތްތައް ކުރުމަށް މާލޭގެ މަގުތައް ކޮށްނައިރު ސްޓެލްކޯގެ ކަރަންޓު ކޭބަލްތަކަށް ގެއްލުންވަމުންދާކަމަށެވެ. އަދި މިކަމުގައި އެންމެ ކަންބޮޑުވާކަމަކީ މިގޮތަށް ކޭބަލްތަކަށް ގެއްލުން ވުމުން އެކަން ސްޓެލްކޯއަށް ނާންގާ ހުންނަ ހުރުންކަމަށް ޝަރީފް ވިދާޅުވިއެވެ.
ގާތްގަނޑަކަށް 5 ގަޑިއެއްހާއިރުފަހުން ސްޓެލްކޯއިން ވަނީ މާލޭގެ ހުރިހާ ހިސާބުތަކަށް އަލުން ކަރަންޓު ދީފައެވެ.