އިސްރާއީލުގެ ހެލްތު މިނިސްޓްރީން ކަނޑައަޅާފައިވާ ކަރަންޓީނު ލިސްޓުން ސައުދީ އަރަބިއްޔާ އުނިކޮށް، ސައުދީ އަރަބިއްޔާ ގްރީން ލިސްޓަށް ލައިފިއެވެ.

މާނައަކީ، ސައުދީ އަރަބިއްޔާއަށް ގޮސްފައި ނުވަތަ ސައުދީ އަރަބިއްޔާއިން އިސްރާއީލަށް އަންނަމީހުން ކަރަންޓީނުވާން ނުޖެހުމެވެ.

އިސްރާއީލުގެ ކަރަންޓީނު ވާންޖެހޭ ގައުމުތަކުގެ ލިސްޓުން ސައުދީ އަރަބިއްޔާ މި އުނިކުރީ، އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ މިދިޔަ އާދީއްތަދުވަހު ސައުދީ އަރަބިއްޔާއަށް ދަތުރެއްކޮށް ސައުދީ ވަލީއަހުދު މުހަންމަދު ބިން ސަލްމާންއާ ބައްދަލު ކުރައްވާފައިވާ ކަމަށް، އިސްރާއީލުގެ މީޑިއާއިން އިއްޔެ ރިޕޯޓްކޮށްފައި ވަނިކޮށެވެ.

އިސްރާއީލުގެ ބެންގޫރިއަން އިންޓަރނޭޝަނަލް އެއަޕޯޓުން ފުރައިގެން ސައުދީ އަރަބިއްޔާގެ ރަތްކަނޑުގެ ސިޓީއެއް ކަމަށްވާ ނިއޯމްއަށް ނަތަންޔާހޫ އާންމުކޮށް ދަތުރުކުރާ ޖެޓް ދިޔަކަން ފްލައިޓް ޑާޓާއިން ދައްކައެވެ. އެދުވަހު އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕޭވެސް ހުންނެވީ ނިއޯމްގައެވެ.

އިސްރާއީލަށް އަންނަ ދަތުރުވެރިން ކަރަންޓީނުވާން ނުޖެހޭ ނުވަތަ ރައްކާތެރި ގައުމުތަކުގެ ލިސްޓުގައި ސައުދީ އަރަބިއްޔާ ހިމެނި ނަމަވެސް، މިކަމަކީ، އިސްރާއީލުގެ މީޑިއައިން ރިޕޯޓްކޮށްފައިވާ، ނަތަންޔާހޫގެ ދަތުރާ ގުޅުންހުރި ކަމެއް ނޫންކަމަށް ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.

ނަތަންޔާހޫ އިސްރާއީލަށް ދަތުރެއް ކުރިކަން ކަށަވަރުކޮށްދޭން އިސްރާއީލުންނާއި ސައުދީ އަރަބިއްޔާއިންވެސް ވަނީ ދެކޮޅު ހަދާފައެވެ.

އެހެން ނަމަވެސް، އިސްރާއީލު ސަރުކާރުގެ އެތެރޭގެ މަސްދަރަކުންވަނީ މިކަން ހިނގާފައިވާކަން މީޑިއާއަށް ކަށަވަރު ކޮށްދީފައެވެ.

އިސްރާއީލު ހެލްތު މިނިސްޓްރީން ސައުދީ އަރަބިއްޔާ ގްރީން ލިސްޓަށް ލުމަކީ، ނަތަންޔަހޫއާއި، ސަރުކާރުގެ ވެރިން ސައުދީއަށް ކުރި ދަތުރަށްފަހު 14 ދުވަހު ކަރަންޓީނުވާން ނުޖެހޭގޮތް ހެދުމުގެ ފިޔަވަޅެއް ކަމަށް އިސްރާއީލުގެ ބައެއް ނޫސްތަކުން ތުހުމަތު ކުރެއެވެ.

މިދުވަސްވަރަކީ، ސައުދީ އަރަބިއްޔާއިން އިސްރާއީލާ އާދައިގެ ގުޅުމަކަށް ދާން އުޅޭކަމުގެ ވާހަކަތަކެއް ފެތުރެމުންދާ ދުވަސްވަރެކެވެ.

އިސްރާއީލުން ގްރީން ލިސްޓުގައި ހިމެނި ގައުމުތަކުގެ ތެރޭގައި ބަހްރެއިންވެސް ހިމެނެއެވެ. ބަހްރެއިނަކީ އިސްރާއީލާއެކު އާދައިގެ ގުޅުމަކަށް ދިއުމަށް ނިންމާފައިވާ ގައުމެކެވެ.

ނަތަންޔާހޫ އަންގާރަދުވަހު ބުނެފައިވަނީ، އޭނާ ބަހްރެއިންގެ ވަލީއަހުދު ސަލްމާން ބިން ހަމަދު އަލްޚަލީފާއަށް ފޯނުން ވާހަކަ ދައްކަވައިފި ކަމަށާއި، އަދި ބަހްރެއިނަށް ވަރަށް އަވަހަށް ވަޑައިގަތުމަށް ވަލީއަހުދު ދެއްވި ދައުވަތުވެސް ގަބޫލު ކުރައްވާފައިވާ ކަމަށެވެ.