ރައީސުލްޖުމްހޫރިއްޔާ އަދި ޗީފް ސްކައުޓް އިބްރާހީމް މުޙައްމަދު ޞާލިޙް، ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މެންބަރުންނާއި ބައްދަލުކުރައްވާ، ޤައުމީ ސްކައުޓް ކައުންސިލަށް އަލަށް ޢައްޔަނު ކުރެއްވި މެންބަރުންނަށް މަޤާމުގެ ލިޔުން ހަވާލުކޮށްދެއްވައިފިއެވެ.
ގައުމީ ސްކައުޓް ކައުންސިލަށް އަލަށް އައްޔަން ކުރެއްވި މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާ މަގާމުގެ ލިޔުން ހަވާލުކޮށްދެއްވާފައިވަނީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
ސްކައުޓް ކައުންސިލަށް އަލަށް އައްޔަން ކުރެއްވި މެންބަރުންނަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ސްކައުޓް އެސޯސިއޭޝަންގެ މެންބަރުންނާއި ބައްދަލުވެސް ކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ސްކައުޓް އެސޯސިއޭޝަންގެ ފަރާތުން ވަނީ ސްކައުޓް ހަރަކާތްތައް ކުރިއަށްދާ ގޮތުގެ މައު ލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފަ އެވެ. އަދި ސްކައުޓްގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހުރި ހުރަސްތަކާއި ދަތިތަކުގެ މައުލޫމާތު މި ބައްދަލުކުރެއްވުމުގައި އެ އެސޯސިއޭޝަންގެ ފަރާތުން ތަފްސީލްކޮށްދެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސްކައުޓް ޖަމްބަރީގެ ތައްޔާރީތަކާއި ތަމްރީން ޕްރޮގްރާމްތަކާއި ގުޅޭ ގޮތުން މައުލޫމާތު ސާފުކުރައްވާފަ އެވެ. އަދި ސްކައުޓްގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށާއި ފުޅާކުރުމަށް ކުރާ މަސައްކަތްތަކުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގައި ރައީސް ސޯލިހް ވަނީ ވިދާޅުވެފަ އެވެ.