ޔުއެފާ ޗެމްޕިއަންސް ލީގް ފައިނަލުގައި ރޭ އިނގިރޭސިވިލާތުގެ ލިވަޕޫލް 0-1 އިން ބަލިކޮށް ޔޫރަޕުގެ ކްލަބު ފުޓްބޯޅައިގެ ރަސްގެފާނަކީ ރެއާލް މެޑްރިޑްކަން އެކްލަބުން ރޭ އަނެއްކާވެސް ސާބިތު ކޮށްދީފިއެވެ.

ފްރާންސްގެ ޕެރިހުގައި ކުޅުނު ފައިނަލް މެޗުގައި ލިވަޕޫލްއިން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ރެއާލްގެ ގޯލަށް އަމާޒުކޮށް 24 ހަމަލާ ފޮނުވާލިއެވެ. މީގެ ތެރެއިން 9 ހަމަލާ ރެއާލްގެ ގޯލަށް އަމާޒުވިއިރު މިހަމަލާތައް ދިފާއު ކުރުމުގައި ރެއާލްގެ ކީޕަރު ބެލްޖިއަމްގެ ތިބައުޓް ކޯޓްއާ ވަނީ އާދަޔާ ހިލާފް މޮޅެތި ސޭވްތަކެއް ކޮށްފައެވެ. މުޅި މެޗުގައި ރެއާލްއަށް އުފެއްދިނީ 4 ހަމަލާއެވެ. މީގެ ތެރެއިން ގޯލަށް އަމާޒުކޮށްލެވުނީ އެންމެ 2 ހަމަލާއެވެ. ރެއާލްގެ ނަސީބު އަތުގައި ހިފީ 59 ވަނަ މިނެޓުގައި ބްރެޒިލްގެ ވިންގަރ ވިނީޝިއަސް ޖޫނިއަރ ލަނޑު ޖެހުމުންނެވެ. ނަތީޖާ ހަމަހަމަ ކުރުމަށް ލިވަޕޫލްއިން ގިނަ މަސައްކަތްތަކެއް ކުރިނަމަވެސް ރެއާލްގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ.

މިއީ ރެއާލް އާއި ލިވަޕޫލް ޗެމްޕިއަންސް ލީގް ފައިނަލުގައި ބައްދަލު ކުރި 3 ފަހަރެވެ. މީގެ ތެރެއިން ލިވަޕޫލް މޮޅުވީ ޕެރިހުގައި 1981 ވަނަ އަހަރު ކުޅުނު ފައިނަލްގައެވެ. އޭގެފަހުން 2018 ވަނަ އަހަރު ރެއާލް އަތުން ފައިނަލުގައި ލިވަޕޫލް ބަލިވީ 3-1 އިންނެވެ.

މިއީ ފާއިތުވެދިޔަ 10 އަހަރު ތެރޭގައި ރެއާލްއިން ޗެމްޕިއަންސް ލީގް ކާމިޔާބު ކުރި 5 ވަނަ ފަހަރެވެ. އަދި ޔޫރަޕުގެ ފުޓްބޯޅައިގެ ތާރިހުގައި އެކްލަބުން ޔޫރަޕުގެ ތާޖު ހޯދި މިއީ 14 ވަނަ ފަހަރެވެ. އެންމެ ކައިރިން ވާދަކުރާ އޭސީ މިލާނަށް ކާމިޔާބު ކުރެވިފައި ވަނީ 7 ޗެމްޕިއަންސް ލީގެވެ. ބަޔާން މިޔުނިކާއި ލިވަޕޫލްއިން 6 ފަހަރު ޗެމްޕިއަންސް ލީގް ކާމިޔާބު ކޮށްފައިވާއިރު ބާސެލޯނާއިން 5 ފަހަރު، އަޔަކްސްއިން 4 ފަހަރު އަދި މެންޗެސްޓަރ ޔުނައިޓެޑް 3 ފަހަރު، އިންޓަމިލާން 3 ފަހަރު، ޔުވެންޓަސް އާއި ބެންފީކާ، ޗެލްސީ، ޕޯޓޯ އަދި ނޮޓިންހަމް ފޮރެސްޓުން ވަނީ 2 ފަހަރު ޗެމްޕިއަންސް ލީގް ކާމިޔާބު ކޮށްފައެވެ.