މިވަގުތު އޮތީ ޗެމްޕިއަންސް ލީގް ކާމިޔާބީއާއެކު އުފާފާޅު ކުރުން ކަމަށާއި މިކާމިޔާބީއާއެކު ކިލިއަން އެމްބައްޕޭ މަތިން ހަނދާން ނެތިއްޖެކަމަށް ރެއާލް މެޑްރިޑުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވިދާޅުވެއްޖެއެވެ.
ޕެރޭޒް މިހެން ވިދާޅުވީ ޗެމްޕިއަންސް ލީގް ފައިނަލް މެޗަށްފަހު ނޫސްވެރިޔަކު އެމްބައްޕޭގެ ޓްރާންސްފާއާ ގުޅޭ ގޮތުން އޭނާއާ ސުވާލު ކުރުމުންނެވެ. ޕެރޭޒް ވަނީ މީގެ ހަތަރު އަހަރެއްހައި ދުވަސް ކުރިން ފެށިގެން އެމްބައްޕޭ ރެއާލްއަށް ގެނައުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. ޕީއެސްޖީއާއެކު އެމްބައްޕޭ ހަދާފައިވާ ކޮންޓްރެކްޓް ކުރިއަށް އޮތް ޖޫންމަހު ހަމަވާން އޮތުމާއެކު މިފަހަރު ރެއާލްއަށް އެމްބައްޕޭ ބަދަލުވާނެ ކަމަށް އޮތީ ބެލިވިފައެވެ. އަދި ރެއާލްގެ ހުށަހެޅުމަށް އެމްބައްޕޭ އެއްބަސްވުމާ ދާދި ކައިރިއަށް ދިޔަ ކަމަށްވެސް މީޑިޔާ ރިޕޯޓުތައް އޭރު ދިޔައީ ބުނަމުންނެވެ.
ޕެރޭޒް ވިދާޅުވީ އެމްބައްޕޭގެ ޓްރާންސްފާގެ އަސަރު ޓީމުގައި މިހާރު ނެތް ކަމަށާއި މިވަގުތު އޮތީ ޗެމްޕިއަންސް ލީގުގެ ކާމިޔާބީގެ އުފާފާޅު ކުރުމުގެ ހަރަކާތްތައް ކަމަށެވެ. "އަހަރެމެން އެމްބައްޕޭގެ ޓްރާންސްފާގައި ހިނގައިދިޔަ ކަންކަމުން އަރައިގަނެފިން. އެމްބައްޕޭއެއް ނެތް (ރެއާލް މެޑްރިޑުގައި) އެކަމަކު މިވަގުތު އޮތީ އުފާފާޅު ކުރުން" ޕެރޭޒް ވިދާޅުވިއެވެ.
ޕެރޭޒް އިތުރަށް ވިދާޅީ އޭނާއަކީ އަބަދުވެސް އެންމެ މޮޅެތި ކުޅުންތެރިން ރެއާލްއަށް ގެންނަން ބޭނުންވާ މީހެއް ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް މޮޅެތި ކުޅުންތެރިން ގެނައުމަށް މަސައްކަތް ކުރާނެ ކަމަށެވެ. މީގެ އިތުރުން ޕެރޭޒް ވަނީ ރެއާލްގެ ކުޅުންތެރިންނަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފައެވެ. "އަހަރެމެން ޗެމްޕިއަންސް ލީގް މިފަހަރު މިހޯދީ އެންމެ ބޮޑެތި ބަޖެޓްތައް (އިޝާރާތް ކުރީ ޕީއެސްޖީ އާއި މެންޗެސްޓަރ ސިޓީ އަދި ޗެލްސީއަށް) ބަލި ކުރުމަށްފަހު. ރެއާލްއަށް ބޭނުންވަނީ މިކްލަބުގެ ޝަރަފާއި ފަހްރު ދަމަހައްޓަން މަސައްކަތް ކުރާނެ ކުޅުންތެރިން" ޕެރޭޒް ވިދާޅުވިއެވެ.