ޕާކިސްތާންގެ އެންމެ އިސް ޓެރަރިސްޓް ޖަމާއަތްތަކަށްވާ، ލަޝްކަރޭ ތޮއްޔިބާއާއި ޖަމާއަތުއްދަޢުވާގެ ބާނީ ހާފިޒް މުހައްމަދު ސައީދަށް ޕާކިސްތާންގެ އެންޓި ޓެރަރިޒަމް ކޯޓުން ދިހަ އަހަރުގެ ޖަލު ޙުކުމެއް ކޮށްފިއެވެ. ހާފިޒް ސައީދުގެ ވަނަވަރު ކިޔާލެވޭނީ، ގިނަ އަދަދެއްގެ ޓެރަރިސްޓް ހާދިސާތަކާއެކުގައެވެ. އެއިން އެންމެ މަޝްހޫރު ހާދިސާއަކީ، މުމްބާއީގައި 2008 ގައި ދީފައިވާ ޓެރަރިސްޓް ހަމަލާތަކެވެ. މާދަމާ، 26 ނޮވެމްބަރުގައި މި ހަމަލާއަށް ބާރަ އަހަރު ފުރޭނެއެވެ.
އެންޓި ޓެރަރިޒަމް ކޯޓުން ޙުކުމް ކޮށްފައިވާ މީހުންގެ ތެރޭގައި ހާފިޒް އަބްދުއްރަޙްމާން މައްކީއާއި މާލިކް ޒަފަރު އިގްބާލާއި ޔަހްޔާ އަޒީޒާއި އަބްދުއްސަލާމްވެސް ހިމެނެއެވެ. މިއިން ބައެއް މީހުންނަށް ފަސް އަހަރަށް ޙުކުމް ކޮށްފައި ވާއިރު އަނެއްބައި މީހުންނަށް ޙުކުމް ކޮށްފައިވަނީ އަހަރަކަށެވެ. މި މީހުންނަކީ ހާފިޒް ސައީދުގެ އާއިލާގެ މީހުންނެވެ.
ހާފިޒް ސައީދާއ ބައިވެރިންނަށް ޙުކުމް ކޮށްފައިވަނީ، ޓެރަރިސްޓް ހަމަލާއެއް ދީގެނެއް ނޫނެވެ. ހާފިޒް ސައީދަކީ، އިސްލާމީ ޚިޔާލުގެ މީހުންނާއި އިސްލާމީ ޖަމާއަތްތަކުން ޕާކިސްތާންގެ ސިޔާސީ މައިދާނުގައި އިސް ދައުރެއް ހޯދުމަށް ކުރާ މަސައްކަތަށް އެހީތެރިވެ ދިނުމުގައި ފަންޑް ކުރާ މީހެކެވެ. އޭނާ އަށް ދިހަ އަހަރުގެ ޖަލު ޙުކުމެއް ކޮށްފައި ވަނީ، ޓެރަރިސްޓް އަމަލުތައް ހިންގުމަށް ފައިސާ ހޯދައި ހޭދަކުރުމުގެ ކުށުގައެވެ.
މަނީލޯންޑަރިންގެ މައްސަލައަކީ، ޕާކިސްތާންގައި ބޮޑު މައްސަލައެކެވެ. ޕާކިސްތާންގައި ސިޔާސީ ލީޑަރުން މިމައްސަލާގައި ޙުކުމް ކޮށްފައި ވެއެވެ. އަދި ދީނީ މީހުންވެސް ޙުކުމް އިއްވާފައި ވެއެވެ. ދީނީ ޖަމުއިއްޔާތައް އުވާލާފައިވެސް ވެއެވެ.
މަނީލޯންޑައިންގެ މައްސަލަ ޕާކިސްތާންގައި އާންމު ވެފައިވާ މިންވަރުން، އިންޓަރނޭޝަނަލް ފައިނޭންޝަލް އެކްޝަން ޓާސްކްފޯސް އިން ވަނީ އެ ޖަމާއަތުގެ ގްރޭ ލިސްޓްގައި ޕާކިސްތާން ހިމަނާފައެވެ. ތަކުރާރުކޮށް ޕާކިސްތާނަށް މިކަމުގައި ފިޔަވަޅު އެޅުމަށް މި ޖަމާއަތުން ގޮވާލާފައި ވެއެވެ. ޕާކިސްތަން ސަރުކާރުން މިކަމުގައި ކުރި ހޯދުމަށް މަސައްކަތް ކުރަމުން ދެއެވެ. ނަމަވެސް އެކިއެކި ސިޔާސީ ހުރަސް ތަކާހެދި ކުރިއެރުން ލިބެނީ އެތިއެތިކޮޅުންނެވެ.
ޕާކިސްތާންގައި ޖަމާއަތްތަކުން ހިންގާ ޓެރރިސްޓް ހަމަލާތަކަށް ދައުލަތުން ވާގިވެރިވާ ކަމުގެ ކުލަވަރެއްވެސް، މަސްއޫލުވެރިން ދައްކަވާ ބައެއް ވާހަކަތަކުން ފެނިގެން ދެއެވެ. އޭގެ ތެރޭގައި އުސާމާ ބިން ލާދިންއަކީ މުޖާހިދެއްކަމަށް ޕާކިސްތާން ބޮޑު ވަޒީރު ޕާލަމެންޓްގައި ސިފަ ކުރެއްވުމާއި އަދި ސިފައިންގެ އިސްޖެނެރަލުން ކަޝްމީރަށް ހަނގުރާމަވެރިން ވެއްދުމާއި ކަޝްމީރު ހަނގުރާމައިގައި ސިފައިން އެހީތެރިވާކަމަށް ވާހަކަ ދެއްކުން ހިމެނެއެވެ.
އާންމު މުހާވިރާގައި ބުނެވޭ ފަދައިން އެކެއްގެ ހަނގުރާމަވެރިއަކީ އަނެކެއްގެ މިނިވަން ކަމުގެ ބަތޮލެވެ. އެކަމަކު މި އުސޫލުން ޕާކިސްތާނުން ކަޝްމީރަށް ވަދެ ހަނގުރާމަ ކުރާ މީހުން އިސްތިސްނާ ކުރެވެއެވެ. ޕާކިސްތާންގައިވެސް މި މީހުނަށް އެންޓި ޓެރަރިޒަމްގައ ކޯޓުގައި ޙުކުމް ކުރެވެއެވެ.
ކަޝްމީރުގައި ދެވޭ ހަމަލާތަކުގައި ޕާކިސްތާންގެ އަޑީ ދައުލަތުގެ އަތެއްވާކަމަށް އިންޑިއާއިން ތުހުމަތު ކުރެއެވެ.
ހަމައެފަދައިން، ޕާކިސްތާނުގައި ޓެރަރިސްޓް ހަމަލާތައް ދޭކަމަށް އިސްލާމްއާބާދުން ނިއުދިއްލީއަށްވެސް ތުހުމަތު ކުރެއެވެ. ޕާކިސްތާންގެ ޚާރިޖީ ވަޒީރު މަހްމޫދު ޤުރައިޝީ ވަނީ، އިންޑިއާއިން ޕާކިސްތާންގައި ހިންގާ ކަމަށް އިސްލާމްއާބާދުން ތުހުމަތުކުރާ ޓެރަރިސްޓް އަމަލުތަކަށް ދުނިޔޭގެ ސަމާލުކަން ހޯދުމަށް މަޢްލޫމާތު ހިމެނޭ ފައިލެއް ތައްޔާރުކުރައްވައި ދުނިޔޭގެ ގައުމުތަކަށް ބައްސަވާފައެވެ.
ކިޔާލުމަށް: އިންޑިއާއިން ޓެރަރިޒަމަށް ވާގިވެރިވާ ކަމުގެ ތުހުމަތު
އދގައި އިންނަވާ ޕާކިސްތާންގެ ދާއިމީ މަންދޫބު ވިދާޅުވާ ގޮތުގައި އިންޑިއާއަކީ، އދގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް ކުފޫހަމަވާ ގައުމެއް ނޫނެވެ.
އިންޑިއާގެ މަސްއޫލުވެރިން ޕާކިސްތާންގެ މިއަމަލުތަކަށްދޭ ރައްދެއްވެސް އޮވެއެވެ. އިންޑިއާއިން ބުނަނީ އިންޑިއާ މަގްބޫލުވެފައި، ދުނިޔޭގެ ގައުމުތަކުން އިންޑިއާއާއެކު އިންވެސްޓް ކުރަން ބޭނުންވާތީ އެކަމަށް ޕާކިސްތާނުން ހަސަދަވެރިވާތީ މިފަދަ ވާހަކަތައް ދައްކަނީ ކަމަށެވެ.
މަޙްމޫދު ޤުރެއިޝީ، ހާމަކުރައްވާފައިވާ އިންޑިއާއާ ބެހޭ ފައިލަކީ، 880 ސޮފްހާގެ ފައިލެކެވެ. މިފައިލް ތައްޔާރުކޮށްފައިވަނީ ޕާކިސްތާންގެ ފެޑެރަލް އިންވެސްޓިގޭޝަން އެޖެންސީންނެވެ.
މި ވާހަކައިގެ ނިވަލުގައި ޕާކިސްތާނުގެ ޖަމާއަތްތަކުން އެކި ހިސާބުހިސާބުތަކުގައި ދީފައިވާ ޓެރަރިސްޓް ހަމަލާތަކަށް ހިޔަންޏެއް ނޭޅުޥޭނެއެވެ. ހަރުކަށި އިސްލާމީ ޚިޔާލުގެ ސިޔާސީ ވިސްނުމަކީ ޕާކިސްތާންގެ މެއިންސްޓްރީމްގައި ދައުރެއް އަދާ ކުރާ ބައެކެވެ. މިދިޔަ ތަނާގައިވެސް ޕާކިސްތާނަށް މި ކަމުން އެތަކެއް ގެއްލުންތަކާ ކުރިމަތިލާން ޖެހިފައި ވެއެވެ. އަދި ކުރިއަށްއޮތް ތާނގައި ދިމާވާން ހުރި ގޮންޖެހުންތައްވެސް މަދެއް ނޫނެވެ.
ޕާކިސްތާނަށް އޮތް ހައްލަކީ، އިސްލާމް ދީނުގެ ނަމުގައި ޓެރަރިސްޓް ހަރަކާތްތަކަށް ފަހިވާ އަމަލުތައް ހިންގާ ދީނީ ޖަމާއަތްތައް ކޮންޓްރޯލް ކުރުމެވެ. އަދި އިސްލާމިސްޓް ހަރުކަށި ފިކުރަށް މެއިންސްޓްރީމް ޕޮލިޓިކްސްއިން ޖާގައެއް ނުދިނުމެވެ.