ބަޔާން މިޔުނިކުގައި އޭނާގެ ކެރިޔަރު ނިމިއްޖެކަމަށާއި މިހާރު ބޭނުންވަނީ އައު ގޮންޖެހުމަކާ ކުރިމަތިލާން ކަމަށާއި ބަޔާން މިޔުނިކުން އޭނާ ނުހުއްޓުވާނެ ކަމަށް އުއްމީދު ކުރާކަމަށް އެކްލަބަށް ކުޅެމުން އަންނަ ޕޮލެންޑް ގައުމީ ޓީމުގެ ނުރައްކާތެރި ފޯވާޑް ރޮބަޓް ލެވަންޑޮސްކީ މިއަދު ބުނެފިއެވެ.

ބަޔާން މިޔުނިކާއެކު ޔުއެފާ ޗެމްޕިއަންސް ލީގާއި ކްލަބު ވޯލްޑް ކަޕާއި ޖަރުމަނު ޑޮމެސްޓިކް ހުރިހާ މުބާރާތްތަކެއް ލެވަންޑޮސްކީ ވަނީ ކާމިޔާބު ކޮށްފައެވެ. އަދި ޖަރުމަނު ލީގުގައި އެއްސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑްވެސް މިމުއްދަތުގައި ލެވަންޑޮސްކީ ވަނީ މުގުރާލާފައެވެ.

"ބަޔާން މިޔުނިކުގައި އަހަރެންގެ ވާހަކަ ނިމުމަކަށް އަތުވެއްޖެ. އަހަރެންގެ ހިޔާލަކަށް ނާދޭ މިހާރަށްވުރެ އިތުރަށް ކްލަބަށް އެއްބާރުލުން ދޭނެ ގޮތެއް. އަހަރެން އުއްމީދު ކުރަނީ އެމީހުން (ބަޔާން މިޔުނިކުން) އަހަރެން ނުހުއްޓުވާނެކަމަށް. އެހެން ކްލަބަކަށް އަހަރެން ބަދަލުވުމަކީ ދެފަރާތަށްވެސް އެންމެ ފައިދާ ހުރި ގޮތް" ލެވަންޑޮސްކީ ބުންޏެވެ.

މިއީ ބަޔާން މިޔުނިކް ދޫކޮށްލަން ބޭނުންވާކަން ސާފުކޮށް މީޑިޔާގައި ލެވަންޑޮސްކީ ބުނި ފުރަތަމަ ފަހަރެވެ. ބަޔާންއާއެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓް އަންނަ އަހަރުގެ ޖޫންމަހު ހަމަވާއިރު ލެވަންޑޮސްކީ ބޭނުންވަނީ އެކްލަބުން މިހާރަށްވުރެ ބޮޑު މުސާރައެއް އޭނާއަށް ދިނުންކަމަށް ޖަރުމަނުގެ ބައެއް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އެކަމަކު ބަޔާނުން މިކަމަށް އެއްބަސް ނުވަނީއެވެ.

ފާއިތުވެދިޔަ ދެސީޒަނުގައި 98 ލަނޑު ކާމިޔާބުކޮށް އެންމެފަހުން ދެއަހަރު ފީފާ "ބެސްޓް" އެވޯޑް ހާސިލްކޮށްފައިވާ ލެވަންޑޮސްކީ،33، ގެންދިޔުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަމުން ދަނީ ސްޕެއިނުގެ މަޝްހޫރު ބާސެލޯނާއިންނެވެ. މީގެ އިތުރުން އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެލްސީއިންވެސް އޭނާއަށް ޝައުގުވެރިވާކަމަށް މީޑިޔާ ބައެއް ރިޕޯޓުތައް ބުނެއެވެ.