ސެންޓަރ ފޯރ ހައި ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްސީ) އާއި މާލޭގެ ބައެއް އެހެނިހެން ސްކޫލްތަކުގައި ޓީބީ ބަލި ފެތުރެމުންދާކަމަށް ސޯޝިއަލް މީޑިޔާގައި މިއަދު ހޫނުކަމާއެކު ފެތުރުނު ޚަބަރު އެޑިއުކޭޝަން މިނިސްޓްރީއިން މިރޭ ދޮގު ކޮށްފިއެވެ.

އެމިނިސްޓްރީއިން މިރޭ މިކަމާއި ގުޅޭ ގޮތުން ނެރެނުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ހަޤީގަތް ބެލުމެއް ނެތި ފަތުރާ މިފަދަ ޚަބަރުތަކުގެ ސަބަބުން ބެލެނިވެރިންނާއި ދަރިވަރުންގެ ހިތުގައި ނުތަނަވަސްކަން އުފެދޭނެތީ، އެފަދަ ޚަބަރުތައް ނުފެތުރުމަށް އެމިނިސްޓްރީއިން އިލްތިމާސް ކުރާ ކަމަށެވެ.

""ހެލްތް ޕްރޮޓެކްޝަން އޭޖެންސީ [އެޗްޕީއޭ] އިން ކުރިއަށް ގެންދާ 'ޓިއުބާކްލޯސިސް [ޓީބީ] އެލިމިނޭޝަން ޕްރޮގްރާމް' ގެ ދަށުން، އެޗްޕީއޭ އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން ސްކޫލުތަލުގެ ދަރިވަރުން ޓީބީ ބައްޔަށް ސްކްރީން ކުރުމުގެ ޕްރޮގްރާމަކީ ދޭތެރެ ދޭތެރެއިން ކުރިއަށް ގެންދާ ޕްރޮގްރާމެއް،" މިނިސްޓްރީގެ ނޫސްބަޔާނުގައި ބުންޏެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރި ކަމަކީ އަބަދުވެސް މިނިސްޓްރީއިން އެންމެ ބޮޑު އިސްކަމެއްދޭ ކަންތައްކަމަށާއި އެކަމުގެ ޔަގީންކަން އެންމެހައި ފަރާތްތަކަށް ޔަގީންކޮށްދޭ ކަމަށެވެ.

ރާއްޖޭގައި ހަގީގަތާއި ހިލާފް ގިނަ ޚަބަރުތަކެއް، އޭގެ ތެދުދޮގު ބެލުމެއް ނެތި ސޯޝިއަލް މީޑިޔާގެ ޕްލެޓްފޯމްތަކުގައި ފެތެރުމަކީ އާންމުކޮށް ހިނގާ ކަމެއްކަން ފާހަގަ ކޮށްލެވެއެވެ.