ހއ. މުރައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް އެމަސައްކަތް ކުރަމުން ގެންދާ އެމްޓީސީސީން ބުނެފިއެވެ. އެކުންފުނީން މިއަދު ބުނީ އެ މަސައްކަތުގެ 75 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 212 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 407 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 107 މީޓަރުގެ ސަރަޙައްދެއްގެ ބޭރުތޮށި މަރާމާތު ކުރުން ހިިމެނެއެވެ. އޭގެ އިތުރުން 105 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 50 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، ބަނދަރާއި ނެރު ފުންކުރުން ވެސް ހިމެނެއެވެ. އަދި ރޭމްޕެއް ހެދުމާއި، ވޯރކްވޭ ބްރިޖެއް ހެދުމާއި، ނެރުބައްތިއާއި ބަނދަރު ބައްތި ހަރުކުރުމުގެ މަަސައްކަތް ހިމެނެއެވެ. މި މަޝްރޫޢަކީ 33.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.