ރޭ ފެށި ޔޫރަޕިއަން ނޭޝަންސް ލީގް ގްރޫޕް އޭ-2 ގައި ސްޕެއިނާއި ޕޯޗުގަލް ބައްދަލު ކުރި މެޗް 1-1 އިން އެއްވަރުވެއްޖެއެވެ.
ސްޕެއިނުގެ ސެވިއްޔާގައި ކުޅުނު މިމެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީ އެންމެފަހުގެ ރަނައަޕް ސްޕެއިނުންނެވެ. މިލަނޑު ކާމިޔާބު ކޮށްދިނީ ފޯވާޑް އަލްވާރޯ މޮރާޓާއެވެ. މިއީ ސްޕެއިން ގައުމީ ޓީމަށް އޭނާ ކާމިޔާބު ކޮށްދިން 26 ވަނަ ލަނޑެވެ.
ފުރަތަމަ އެގާރައިގައި މަޝްހޫރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ނުހިމަނައި ކުޅެމުންދިޔަ ޕޯޗުގަލްއަށް ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސް ކުރެވިފައެއް ނުވެއެވެ. ރޮނާލްޑޯ ކުޅެން އެރުވީ 62 ވަނަ މިނެޓުގައެވެ. ޕޯޗުގަލްއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ 82 ވަނަ މިނެޓުގައި ވިންގަރ ރިކާޑޯ ހޯޓާއެވެ. ހޯޓާ މިލަނޑު ޖެހީ އޭނާ ކުޅެން އެރުވިިތާ ދިހަ މިނެޓް ތެރޭގައެވެ. ހޯޓާ މިލަނޑު ޖެހީ ޑިފެންޑަރު ޖައޯ ކެންސަލޯ ނަގައިދިން ހުރަހަކުންނެވެ. މިއީ ހޯޓާ ގައުމީ ޓީމަށް ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑެވެ.
ޕޯޗުގަލްގެ ކޯޗް ފެނާންޑޯ ސަންތޯސް މެޗަށްފަހު ބުނީ ރޮނާލްޑޯ ބެންޗަށްލީ ރަނގަޅަށް ކަމަށާއި އޭނާ ބޭނުންވީ ތަފާތުކޮށް މެޗް ފަށަން ކަމަށެވެ. "އަހަރެން ބޭނުންވީ އެކި ޕޮސިޝަންތަކަށް ދުވެގެން ކުޅެ، ތަފާތު ގޮތަކަށް މެޗް ފަށަން. އަހަރެން ނުބުނަން މިއީ އެންމެ ރަނގަޅު ނަތީޖާކަމަކަށް. އެކަމަކު ހަގީގަތުގައި މިތަނުގައި (ސްޕެއިންގައި) އެގައުމާއު އެއްވަރު ކުރެވުމަކީ ވަރަށް ޝައުގުކުރުވަނިވި ނަތީޖާއެއް. ކުރިއަށް އޮތް މެޗުތައް ކާމިޔާބުކޮށް އިތުރަށް ކުރިއަަށް ދެވިދާނެކަމާމެދު އިތުބާރު ލިބިއްޖެ" ޕޯޗުގަލްއަށް ޔޫރޯ އާއި ނޭޝަންސް ލީގް ކާމިޔާބު ކޮށްދީފައިވާ ސަންތޯޒް ބުންޏެވެ.
ނޭޝަންސް ލީގުގައި ދެން އެންމެ އަވަހަށް ޕޯޗުގަލް ކުޅެން ޖެހޭ މެޗުގައި ބައްދަލު ކުރާނީ އަމިއްލަ ގައުމުގައި ސްވިޓްޒަލޭންޑާއެވެ. ސްޕެއިން ރަށުން ބޭރުގައި ނިކުންނާނީ ޗެކްރިޕަބްލިކާ ދެކޮޅަށެވެ.