ރާއްޖޭގެ އިޤްތިޞާދަކީ ދެމެހެއްޓެނިވި އިޤްތިޞާދަކަށް ހެދުމަށްޓަކައި ތިމާވެށީގެ ދާއިރާއިން ދިރާސާތައް ކުރަންޖެހިފައިވާކަމަށް އެސް.ޓީ.އޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

އިންޓަރނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ)އިން ބޭއްވި ފޯރަމެއްގައި ވާހަކަދައްކަވަމުން އަމްރު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދީ ދާއިރާ ފުޅާކުރުމަށް، ސަރަހައްދީ އެއްބާރުލުން ބޭނުންވާކަމަށެވެ. އިޤްތިޞާދީގޮތުން މައިގަނޑު ގޮތެއްގައި ރާއްޖޭގެ ބަރޯސާވަނީ ފަތުރުވެރިކަމަށްކަން ފާހަގަކުރައްވައި އަމްރު ވިދާޅުވީ، ފަތުރުވެރިކަމުގެ އިތުރުން މަސްވެރިކަންފަދަ ރާއްޖޭގެ އިޤްތިޞާދީ ސިނާޢަތްތަކަށް ތިމާވެށީގެ މައްސަލަތަކުގެ ސަބަބުން ގޮންޖެހުން ބޮޑުކަމަށެވެ. އެގޮތުން ކަނޑުގެ ލޮނުގަނޑު އުފުލުމާއި މޫސުމީ އެހެންވެސް ބަދަލުތަކާއި، ދުނިޔޭގެ ފިނިހޫނުމިން މައްޗަށް ދިއުންފަދަ ކަންކަމަކީ ރާއްޖޭގެ އިޤްތިޞާދަށް ހީނަރުކަން އަތުވެދާނެ މައްސަލަތައްކަމަށެވެ. އަދި ތިމާވެށީގެ މިފަދަ މައްސަލަތަކުގެ ސަބުބުން މިހާރުވެސް އިޤްތިޞާދީ ސިނާޢަތްތަކަށް އަސަރުކުރާކަމަށާ، ނުރައްކާތެރި ޙާލަތުތައް ބޮޑުވާވަރަކަށް މިފަދަ ގެއްލުންތައްވެސް ބޮޑުވަމުން އަންނާނެކަމަށެވެ.

އެހެންނަމަވެސް ރާއްޖެއަީ މޫސުމީ ބަދަލުތަކާދެކޮޅަށް އަޑުއުފުލުމާއި މަސައްކަތްކުރުމުގައި ނަމޫނާ ޤައުމެއްކަން އަމްރު ފާހަގަކުރެއްވިއެވެ. އެގޮތުން ތިމާވެއްޓާ ރައްޓެހި އެކިއެކި ކަންކަން ރާއްޖޭގައި ޕްރޮމޯޓްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ފޯރަމްގައި ވާހަކަފުޅުދައްކަވަމުން އަމްރުވަނީ އައި.ޓީ.އެފް.ސީން އެސް.ޓީ.އޯއަށް ފޯރުކޮށްދޭ ފައިނޭންސިންގ ފެސިލިޓީ 175 މިލިއަން ޑޮލަރަށް ބޮޑުކޮށްދެއްވިކަމަށްޓަކާ ޝުކުރު އަދާކުރައްވާފައެވެ. މިއީ ރާއްޖޭގެ ބޭހާއި ކާނާއާއި ހަކަތައިގެ ޔަޤީންކަން ކަށަވަރުކުރުމަށް އެކުންފުނިން ކުރާ މަސައްކަތްތަކަށް ލިބިގެންދާ އިތުރު ބާރެއްކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ކާބޯތަކެއްޗާބޭހާއި ހަކަތައިގެ ޔަޤީންކަން ކަށަވަރުކުރުމުގައި އެސް.ޓީ.އޯއިން މުހިންމު ދައުރެއް އަދާކުރާކަން އަމްރު ފާހަގަކުރެއްވިއެވެ.