މިހާރު ކުރިއަށްދާ ޔުއެފާ ނޭޝަންސް ލީގުގައި، ދުނިޔޭގެ ޗެމްޕިއަން ފްރާންސުން ލަނޑެއް ޖަހައި ކުރި ހޯދާފައި ވަނިކޮށް ފަހަތުން އަރައި ދެލަނޑު ޖަހައިގެން 2-1 އިން ޑެންމާކް ރޭ މޮޅުވެއްޖެއެވެ.

ފްރާންސްގެ މަޝްހޫރު ސްޓޭޑް ޑި ޕެރިހުގައި ކުޅުނު މިމެޗުގައި ފްރާންސުން ލީޑް ނެގީ މިސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ފޯވާޑް ކަރީމް ބެންޒެމާގެ ހިތްގައިމު ލަނޑަކުން 51 ވަނަ މިނެޓުގައެވެ. މެޗުގެ ތަރިޔަކަށްވީ 60 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުމެ ޑެންމާކަށް 68 ވަނަ މިނެޓާއި 88 ވަނަ މިނެޓުގައި ލަނޑު ޖަހައިދިން ފޯވާޑް އަންދްރެސް ކޯނެލިއަސްއެވެ. މިއީ ތުރުކީގެ ޓްރަބްޒަންސްޕޯއަށް ކުޅެމުން އަންނަ ކޯނެލިއަސް އިންޓަނޭޝަނަލް މެޗެއްގައި ދެލަނޑު ޖެހި ފުރަތަމަ ފަހަރެވެ.

ފްރާންސުން މިމެޗަށް ނިކުތީ، ބައްޕަ މަރުވުމުން ހިތާމައިގައި ހުރި ކޯޗް ޑިޑިއެ ޑޯޝެމްޕް ނުލައެވެ. ފްރާންސަށް އިތުރު މައްސަލަތައް ދިމާވީ ދެވަނަ ހާފް ފަށައިގެން މިނެޓެއް ނުވެ އުޅެނިކޮށް ނުރައްކާތެރި ފޯވާޑް ކިލިއަން އެމްބައްޕޭ އަނިޔާގެ ސަބަބުން ބަދަލު ކުރަން ޖެހުމުންނެވެ.

ނޭޝަންސް ލީގުގައި ރޭ މިގްރޫޕު (ގްރޫޕް އޭ-1) ގައި ކުޅުނު އަނެއް މެޗުގައި އެންމެފަހުގެ ވޯލްޑް ކަޕުގެ ދެވަނަ ހޯދި ކްރޭޝިޔާގެ މައްޗަށް އޮސްޓްރިއާއިން ވަނީ 3-0 އިން ކުރި ހޯދާފައެވެ. ނިމިދިޔަ ސީޒަނުގައި މެންޗެސްޓަރ ޔުނައިޓެޑަށް އިރުޝާދު ދިން ކޯޗް ރަލްފް ރަންގްނިކުގެ އިރުޝާދުގެ ދަށުން ކުޅުނު އޮސްޓްރިއާއިން ވަނީ މެޗުގައި މޮޅަށް ކުޅެ ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާފައެވެ.