އެކުވެރި އަރަބި އިމާރާތުގެ ތަރައްގީއަށާއި ވަޒީފާގެ ބާޒާރަށް ބޭނުންވާ މީހުން މުސްތަގްބަލަށް ތައްޔާރު ކުރުމަށް ޕަބްލިކް ސްކޫލްތަކަށް އާ މޮޑެލްއެއް ތައާރަފްކޮށްފި އެވެ. ސާދަހާސް ދަރިވަރުންނަށް ޓާގެޓްކުރާ މި މޮޑެލް ހިންގުމަށް ނިންމާފައި ވަނީ ސަރުކާރުގެ ސްކޫލުތަކުގައެވެ.
މި މޮޑެލް ހިންގުމާއި ކުރިއަށްދާ ގޮޔތް މޮނީޓާ ކުރަމުން ދާނީ ތައުލީމީ ވުޒާރާގެ ދަށުގައި އޮންނަ ސްކޫލު އެޑިއުކޭޝަން ފައިންޑޭޝަނުންނެވެ. މި މޮޑެލްގައި އަރަބި އަދި އިސްލާމީ މާއްދާގެ އިތުރުން ސައިންސާއި މެތްސްފަދަ މާއްދާތަކަށް ޚާއްސަ ސަމާލުކަން ދެވި ޝައުގުވެރިވާ މޮޅެތި ކުދިންނަށް ހުރިހައި މަރުހަލާއެއްގައި ސަމާލުކަން ދެވި ޓާގެޓް ކުރުން ހިމެނެއެވެ. އަދި ވީހާވެސް ބޮޑަށް ބައިނަލްއަގްވާމީ ކަރިކިއުލަމްތަކާއެއް ގޮތަށް މި ކުދިންގެ އުނގެނުމުގެ ކަންތައްތައް ކުރިއަށް ގެންދެވޭނެ ކަމަށް ޝެއިޚު މުޙައްމަދު ބިން ރާޝިދު އާލަމަކްތޫމް ވިދާޅުވެއެވެ.
އޭނާ ވިދާޅުވިގޮތުގައި މިކަމަށް ހޮވާލެވޭ ކުދިންގެ ޚަރަދުގެ ހުރިހައި ކަމެއް ހަމަޖައްސަމުން ގެންދާނީ ސަރުކާރުންނެވެ. ޔޫއޭއީން ލަފާ ކުރާ ގޮތުގައި މި ނިޒާމަށް އަމަލު ކުރުމުގެ ސަބަބުން އޭގެ ފައިދާ ޔޫއޭއީގެ ތައުލީމީ ނިޒާމަށް ކުރާނެއެވެ.
މި މޮޑެލްގައި ބައިނަލްއަގްވާމީ ކަރިކިއުލަމްތައް ތަންފީޒު ކުރުމަށް ސަމާލުކަން ދެވޭއިރު އެކަމަށް ބޭނުންވާ ދުނިޔޭގެ ފެންވަރުގެ ތަޖުރިބާކާރުންވެސް ޔޫއޭއީ ސަރުކާރުން ހޯދާނެއެވެ. ޔޫއޭއީ ސަރުކާރުން ބުނާ ގޮތުގައި މި މޮޑެލްގެ މަގްސަދަކީ، ކިޔަވައިގެން ނިކުންނަ ދަރިވަރުންނަކީ ތައުލީމީ ގޮތުން މުއްސަނދި ތަޖުރިބާއެއް ލިބިފައިވާ ޔޫއޭއީގެ ތަސައްވަރު ހަގީގަތަކަށް ހަދައި ދިނުމުގެ ވައްޓަފާޅިއާއި ގާބިލުކަން ލިބިފައިވާ ޒުވާނުން އުފެއްދުމެވެ.