އިންޑިއާ އާއި ގަތަރު ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޝަންގެ ބައްދަލުވުމެއް މި އަހަރުގެ ފަހުކޮޅު ބާއްވާ ގޮތަށް ނިންމައިފިއެވެ. މި ނިންމުން ނިންމާފައި ވަނީ އިންޑިއާގެ ނާއިބް ރައީސް ވެންކައިޔާ ނައިޑޫ، ޤަތަރަށް ކުރައްވާ ދަތުރުފުޅުގައެވެ.
ދޯހާގައި އިއްޔެ ބޭއްވި ޕްރެސް ބްރީފިންއެއްގައި ވާހަކަ ދައްކަވަމުން އިންޑިއާގެއެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ އޯވަސީސް އިންޑިއަން އެފެއާޒްގެ ސެކްރެޓަރީ އައުސާފް ސައްޔިދު ވިދާޅުވީ މި ކޮމިޝަންގެ ބައްދަލުވުން ބޭއްވިގެންދާނީ އިންޑިއާއަށް ގަތަރުގެ އަމީރު ކުރައްވާ ފުރަމާނަ ދަތުރުފުޅަށް ފަހުގައި ކަމަށެވެ.
ވެންކައިޔާ ނައިޑޫގެ ދަތުރުފުޅުގައި ޤަތަރުގެ އަމީރަށް އިންޑިއާއަށް ވަޑައިގަތުމަށް ދައުވަތުއަރުވާފައި ވެއެވެ. ނައިޑޫ ޤަތަރަށް ކުރެއްވި ދަތުރުފުޅަކީ ސެނެގޯލްއާއި ގެބޮންއަށް ކުރެއްވި ދަތރުފުޅަށް ފަހު ކުރެއްވި ދަތރުފުޅެކެވެ.
ޤަތަރުގައި ނައިޑޫ ވަނީ ޤަތަރުގެ އަމީރާއި އަމީރުގެ ބައްޕާފުޅާއި ޤަތަރުގެ ޕާލަމެންޓްގެ ރައީސާވެސް ބައްދަލު ކުރައްވާފައެވެ.
އިންޑިއާ އާއި ގަތަރުން ވެސް ދެ ގައުމުގެ ރަހުމަތްތެރިކަން އިތުރަށް ބަދަހި ކުރަން އެއްބސްވެފައިވާ ކަމަށާއި އަދި މިއަހަރުގެ ފަހުކޮޅު ފޮރިން މިނިސްޓަރުންގެ ޖޮއިންޓް ކޮމިޝަންގެ ބައްދަލުވުން އޮންނާނެ ކަމަށް އައުސާފު ސައްޔިދު ވިދާޅުވިއެވެ.
ދޯހާގައި މިހާރު ހިނގަމުންދާ އިންޑިޔާ-ޤަޠަރު ބިޒްނަސް ފޯރަމްގައި، އިންޑިއާގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ "އިންޑިއާ-ޤަތަރު ސްޓާޓް-އަޕް ބްރިޖް" އިފްތިތާހު ކޮށްދެއްވާފައެވެ.އިންޑިއާ-ޤަތަރު ބިޒްނަސް ފޯރަމްގައި ވިޔަފާރިވެރިންގެ ޖަމްޢިއްޔާގެ މެންބަރުންނާ މުޚާޠަބުކުރައްވައި، ނައިޑޫ ވަނީ އިންޑިޔާ-ޤަޠަރު ގެ ގުޅުމުގެ ހަރުދަނާކަމުގެ މައްޗަށް އަލިއަޅުއްވައިލައްވައި، ވިޔަފާރިއަށް ފަހި މާޙައުލެއް ބިނާކުރުމަށާއި، ދެޤައުމަށް ފައިދާހުރި އިތުރު ގުޅުންތައް އުފެއްދުމަށް ގޮވާލައްވާފައެވެ.އިންޑިއާއާއި ގަތަރުން ޖޮއިންޓް ކޮމިޝަނެއް އެކުލަވާލުމަށް ނިންމީ 2018 ވަނަ އަހަރު އެވެ. މި ކޮމިޝަނުން އިޤްތިޞާދީ، ވިޔަފާރި، ޘަޤާފީ، ސައިންޓިފިކް، ޓެކްނޮލޮޖިކަލް، އިންފޮމޭޝަން ޓެކްނޯލޮޖީ އަދި ތަޢުލީމީ ރޮނގުން ގުޅުން އިތުރަށް ބަދަހިކުރުމަށް ބޭނުންވާ މަޝްވަރާތައް ބޭއްވުން ހިމެނެއެވެ. ޖޮއިންޓް ކޮމިޝަންގެ ރިޔާސަތު ބަލަހައްޓަވަނީ ދެ ޤައުމުގެ ޚާރިޖީ ވަޒީރުންނެވެ.