މާލޭ ޓޯޔާޑާ ދިމާ މޫދުގައި މަރުވެފައި އޮއްވާ ފެނުނު ބިދޭސީ މީހާ މޫދަށް އެރުނީ އަމިއްލައަށް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، އެ މީހާ އަންގާރަ ދުވަހުގެ ހެނދުނު 09:29 ހާއިރު އަމިއްލައަށް މޫދަށް އެރޭ މަންޒަރު, އަދި އޭގެ ކުޑަ އިރުކޮޅެއް ފަހުން ހަށިގަނޑު ފެންމަތީގައި ހަރަކާތެއް ނެތި އޮންނަ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެންނަކަމަށެވެ.

އަންގާރަ ދުވަހު ނިޔާވި މީހަކީ އުމުރުން 58 އަހަރުގެ އިނގިރޭސި ވިލާތަށް ނިސްބަތްވާ ފިރިހެނެކެވެ. އޭނާ މޫދުގައި އޮއްވާ ފެނިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އަންގާރަ ދުވަހުގެ ހެނދުނު 09:43 ހާއިރުއެވެ.

ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް އެމީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި ހޮސްޕިޓަލަށް ގެނައިރު ވެސް މަރުވެފައިވާ ކަމަށް އެމީހާ ބެލި ޑޮކްޓަރާއި ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.