ބައިނަލްއަގްވާމީ މައިދާނުގައި ސްރީލަންކާއާއެކު މަސައްކަތް ކުރަމުންދާ އެގައުމުގެ އިތުބާރު ކުރެވޭ ރަހުމަތްތެރިންނާ އެކު އޮންނަ ގުޅުން ވަރަށް ބޮޑަށް ގޯސްކޮށްފައިވާ ކަމުގައި ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެއެވެ. ޕާލަމެންޓްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ސްރީލަންކާއަށް ލޯނާއި އެހީ ފޯރުކޮށްދޭ ގައުމުތަކުގެ ލިސްޓުގައި އެންމެ ކުރީގައި އުޅުނީ އިންޑިއާއާއި ޖަޕާން ކަމަށެވެ. އަބަދުވެސް ބަދަހިކަން އޮންނަ މި ގައުމުތަކާ އެކު އޮތް ގުޅުން މިފަހަކަށް އައިސް ފަނޑުވެފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި މި ހާރު އެގުޅުންތައް އަލުން ބިނާކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖަޕާނަށް އިޝާރާތް ކުރައްވައި ބޮޑުވަޒީރު ވިދާޅުވީ ޖަޕާނަކީ ސްރީލަންކާގެ ޒަމާންވީ ރަހުމަތްތެރިޔާ ކަމަށެވެ. އަދި ލަންކާއަށް ވަރަށް ބޮޑެތި އެހީތަކެއް ވެދީފައިވާ ޤައުމެއްކަމުގައި އޭނާ ވިދާޅުވިއެވެ. އެކަމަކު މިހާރު ޖަޕާނުން ލަންކާއާ މެދު ހިތްހަމަނުޖެހުން މެދުވެރި ވެފައި ވަނީ ކުރީގައި ހިނގައިދިޔަ ހިތާމަވެރި ކަންތައްތަކެއްގެ ސަބަބުން ކަމުގައި ވިދާޅުވިއެވެ.
އަދި ބައެއް މަޝްރޫއުތައް ޖަޕާނަށް ނުދިނުމާއި އެކަން ރަސްމީކޮށް އެފަރާތަށް އަންގާފައި ނުވުމުން ސްރީލަންކާ ފެއިލްވެފައިވާ ކަމުގައި ވިދާޅުވިއެވެ.
ޗައިނާއިން ވަނީ ސްރީލަންކާގައި އެންމެ ބޮޑު އިންވެސްޓަރުގެ މަގާމު ހޯދައި އެހެން ގައުމުތައް ފަހަތަށް ޖައްސާލާފައެވެ. ސްރީލަންކާގެ އިގްތިސާދު ވަޅު ޖެހުމުގެ ސަބަބަކީ މިއީ ކަމަށްވެސް ތުހުމަތު ކޮށްފައި ވެއެވެ.