އިސްރާއީލުގެ ބޮޑުވަޒީރު ނެފްތާލީ ބެނެޓް ޔޫއޭއީގެ ވެރިރަށް އަބޫދާބީއަށް ކުރެއްވި ކުރު ދަތުރުފުޅު ނިންމަވާލައްވައިފިއެވެ. މި ދަތުރުފުޅުގައި ބެނެޓް ވަނީ ޔޫއޭއީގެ ރައީސް ޝެއިޚް މުހައްމަދު ބިން ޒާއިދު އާލް ނަހްޔާންއާ ބައްދަލުކުރައްވާފައެވެ.

އިސްރާއީލު ސަރުކާރުގެ ތަރުޖަމާނު ވިދާޅުވީ، ބެނެޓް ވަނީ ދެ ގައުމުގެ ދެމެދުގައި ސަލާމަތީ ގޮތުން އެއްބާރުލުން އިތުރު ކުރުމަށާއި އީރާނުގެ ފަރާތުން ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމާއި އަދި އޭގެ ސަބަބުން ކުރާނެ އަސަރުތަކާ ބެހޭ ގޮތުން މުހަންމަދު ބިން ޒާއިދުއާ މަޝްވަރާ ކުރައްވާފައެވެ.

އިންޓަރނޭޝަނަލް އެޓޮމިކް އެޖެންސީއާއި އީރާނާ ދެމެދު ނިއުކްލިއަރގެ ރޮނގުން ކުރެވޭ މަޝްވަރާއާ ބެހޭގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ތަރުޖަމާން ވިދާޅުވިއެވެ.

މަޝްވަރާތަކުގައި އިޒްރޭލުން ވަނީ އީރާނެގ ފުށުން ދިމާވެދާނެ ނުރައްކަލަކާ ކުރިމަތި ލުމުގެ ގޮތުން ގަލްފްގެ އެތައް ގައުމެއްގައި އިޒްރޭލުގެ ރޭޑާތައް ބެހެއްޓުމަށް ނިންމާފައެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، އަބޫދާބީގެ ދަތުރުފުޅުގެ އަމާޒަކީ އިސްރާއީލާއި ޔޫއޭއީއާ ދެމެދު އާ ފެންވަރެއްގައި ގުޅުމެއް ބިނާކުރުން ކަމަށެވެ.