ޗައިނާގެ ހުޅަނގު އުތުރުގެ ޝިންޖިއާން ސަރަހައްދުގެ އޮފިޝަލުން ވަނީ ދެ ސިޓީއެއްގައި ގިނަ ދުވަސްވަންދެން ބަންދުކޮށްފައިވާ މިސްކިތްތައް މިދިޔަ ހަފްތާގައި ޒިޔާރަތްކުރެއްވި އދގެ ހިއުމަންރައިޓްސް ކޮމިޝަންގެ ވެރިޔާގެ ދަތުރުފޅާ ދިމާ ކޮށް ހުޅުވާފައެވެ. ޗައިނާއިން މުސްލިމް އުއިޣުރު ދަރިކޮޅުގެ މީހުންގެ ދީނާއި ސަގާފަތާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅި ނަމަވެސް، ޗައިނާއިން މި ފިޔަވަޅުން ދައްކައި ދޭން ބޭނުންވީ އާންމު ހާލަތަށް ޝިންޖިއާންގެ ކަންކަން ރުޖޫއަވެފައިވާ ކަމަށެވެ.

ޝިންޖިއާންގެ ވެރިރަށް އުރުމްޗީ އަދި ކަޝްގަރުގެ މިސްކިތްތައް ހުޅުވާފައިވަނީ އދގެ ހިއުމަންރައިޓްސް ކޮމިޝަނަރ މި ސަރަހައްދުގައި ހޭދަކުރެއްވި ދެ ދުވަހުގެ ތެރޭގައެވެ. މިޝޭލް ބެކްލެޓް ޗައިނާއަށް ކުރެއްވި ހަ ދުވަހުގެ ދަތުރުގައި ދެ ދުވަހު ޝިންޖިއާންގައި ހޙޭދަ ކުރެއްވިއެވެ.

އެމެރިކާގެ އެކްޓިވިސްޓް ގްރޫޕެއް ކަމަށްވާ އުއިޣުރު ހިއުމަން ރައިޓްސް ޕްރޮޖެކްޓް އިން ބުނާ ގޮތުގައި 2017 ވަނަ އަހަރުން ފެށިގެން މިހާތަނަށް 16،000 މިސްކިތް ނުވަތަ ގާތްގަނޑަކަށް 65% މިސްކިތް ވަނީ ކޮމިއުނިސްޓް ޕާޓީގެ ސިޔާސަތުތަކުގެ ސަބަބުން ވީރާނާ ކޮށްލާފައެވެ. ނުވަތަ ހަލާކުވެފައެވެ. އަދި އިތުރު އެހެން މިސްކިތްތައް ބަންދުކޮށްފައި ވީ ނަމަވެސް އެތަންތަން ފަޅަށް ދޫކޮށްލާފައި ވާކަމަށެވެ.

އެހެން ނަމަވެސް މަޝްހޫރު މަދު މިސްކިތްތަކެއް އަދިވެސް ހުޅުވާފައި ބަހައްޓައެވެ. ނަމަވެސް، އެ މިސްކިތްތައް އޮންނަނީ ކޮމިއުނިސްޓް ޕާޓީގެ މޮނިޓަރިންގެ ދަށުގައެވެ.

މި ފިޔަވަޅުތަކަކީ އުއިޣުރު ދީނީ އާދަކާދަތަކުގެ ސަގާފަތް ފޮހެލުމަށް ހިންގާ ހަރުކަށި އަމަލުތަކުގެ ތެރެއިން އަޅާ ފިޔަވަޅުތަކެއް ކަމަށް ދެކޮޅުވެރިން ފާހަގަ ކުރެއެވެ.