ދެކުނު ކޮރެއާ އާއި ޓޮޓެންހަމްގެ ތަރި ސޮން ހިއުންގ މިންގ ނުހިމަނައި ނިމިިދިޔަ ސީޒަނުގެ އިނގިރޭސި ޕްރިމިއަރ ލީގުގެ އެންމެ މޮޅު ފުރަތަމަ އެގާރަ އިއުލާން ކޮށްފިއެވެ.
ޓޮޓެންހަމްއަށް ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދައި ދިނުމަށާއި ޕެނަލްޓީއަކާއި ނުލައި 23 ލަނޑު ޖަހައިގެން ނިމިދިޔަ ސީޒަނުގެ އިނގިރޭސި ޕްރިމިއަރ ލީގުގެ ރަންބޫޓް ހޯދި ސޮން، ސީޒަނުގެ ފުރަތަމަ އެގާރައިގައި ނުހިމެނުމުން ގިނަބަޔަކު ގެންދަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.
ޕީއެފްއޭއިން ހޮވި ސީޒަނުގެ ފުރަތަމަ އެގާރައިގައި އެޓޭކިންގ ކުޅުންތެރިންނަށް ހޮވާފައި ވަނީ ލިވަޕޫލްގެ މުހައްމަދު ސަލާހާއި ސާޑިއޯ މާނޭގެ އިތުރުން މެންޗެސްޓަރ ޔުނައިޓެޑުގެ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މީގެ ތެރެއިން ސަލާހްއަކީ 23 ލަނޑު ޖަހައިގެން ރަންބޫޓް ސޮންއާއި ހިއްސާކުރި އެއް ކުޅުންތެރިޔާއެވެ. މީގެ އިތުރުން ސީޒަނުގައި އެންމެ ގިނަ އެސިސްޓް (13 އެސިސްޓް) ހެދީވެސް ސަލާހްއެވެ. ސަލާހާއެކު ލިވަޕޫލްގެ ފޯވާޑް ލައިން ބަލަހައްޓަމުން އަންނަ މާނޭ ވަނީ ލީގުގައި 16 ލަނޑު ޖަހައި 2 ލަނޑު ޖެހުމަށް އެސިސްޓް ކޮށްފައެވެ. ލިވަޕޫލުން އެންމެފަހު މެޗާއި ހަމައަށް ލީގަށް ވާދަ ކުރުމުގައި މާނޭގެ ހިއްސާ ބޮޑެވެ. ރޮނާލްޑޯއަށް ބަލާއިރު ލީގުގައި އޭނާ 18 ލަނޑު ޖެހިއެވެ. މީގެ ތެރޭގައި 3 ޕެނަލްޓީ ހިމެނެއެވެ. 3 ލަނޑު ޖެހުމަށް އެހީތެރިވެދިންއިރު ޔުނައިޓެޑަށް ސީޒަން ނިންމާލަން ޖެހުނީ އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގުން ޖާގައެއް ނުހޯދިއެވެ.
ޕީއެފްއޭއިން ހޮވި ސީޒަނުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި މޮޅު ޕްލޭމޭކަރގެ މަގާމް ހޯދީ ސަލާހެއެވެ. އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމް ހޯދީ މެންޗެސްޓަރ ސިޓީއަށް ކުޅޭ އިނގިރޭސި މިޑްފީލްޑަރު ފިލް ފޯޑެންއެވެ.