އެމެރިކާގެ ޕެސެފިކް އެއަރބޭސްއަށް ޗައިނާއިން ބޮން އަޅާ މަންޒަރު ދައްކައިދޭ ވީޑިއޯއަކީ ޕްރޮޕެގެންޑާއެއްކަން ހާމަ ވެއްޖެއެވެ.

ޗައިނާގެ އަސްކަރީ ވީޑިއޯއާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އަސްކަރީ ތަޖުރިބާކާރުން ބުނެފައިވަނީ ޗައިނާ ސިފައިން ތައްޔާރުކޮށްފައިވާ ވީޑިއޯއަކީ ހޮލީވުޑްގެ ފިލްމުތަކުން ނަގާފައިވާ މަންޒަރުތަކެއް ކަމުގައެވެ.

މި ވީޑއޯތަކުގައި ދައްކަނީ ޗައިނާ ސިފައިން އެމެރިކާގެ ޕެސިފިކް ކަނޑުގެ އަސްކަރީ މަރުކަޒުތަކަށް ބޮންއަޅާ މަންޒަރެވެ.

މިމަންޒަރުތަކަކީ މިއީ 2008ގެ ގަދަ ފިލްމު ދަ ހަރޓް ލޮކަރއާއި ދަ ރޮކްއިން ނަގާފައިވާ މަންޒަރުތަކެއް ކަމުގައި ސައުތު ޗައިނާ މޯނިންގ ޕޯސްޓުން ބުންޏެވެ.

ނަން ހާމަ ނުކުރުމަށް އެދި ސައުތު ޗައިނާ މޯނިންގ ޕޯސްޓާ ވާހަކަ ދެއްކި ޗައިނާ ސިފައިންގެ އިސްފަރާތަކުން ބުނެފައިވަނީ ޗައިނާއިން ސިފައިންނަށް ތައްޔާރުކުރާ ޕްރޮޕެގެންޑާ ވީޑިއޯތަކުގައި ހޮލީވުޑް ފިލްމުތަކުން މަންޒަރުތައް ނެގުމަކީ އާންމު ކަމެކެވެ.

2011 ގައި ޗައިނާގެ ނޭޝަނަލް ބްރޯޑްކާސްޓަރ ސީސީޓީވީއިން ގެނެސްދިން ސިފައިންގެ ޕްރޮޕެގެންޑާ ވީޑިއޯއެއްގައި އެމެރިކާގެ ފިލްމު ޓޮޕް ގަންގެ މަންޒަރުތައް ނަގާފައި ހުރެގެން ބޮޑު މައްސަލައަކަށް ވިއެވެ.

ޗައިނާއިން ދަނީ ޓައިވާން ރުޅިއރުވުމަށް އަސްކަރީ ހަރަކާތްތަކެއް ޓައިވާން ކައިރީގައި ހިންގަމުންނެވެ. ޗައިނާގެ ޕްރޮޕެގެންޑާ ވީޑިއޯތައް ހާމަ ކޮށްފައިވަނީ މިމުނާސަބާއާ ދިމާކޮށެވެ.