ޔޫރަޕިއަން ޕާލަމެންޓުގައި އިއްޔެ ފާސްކުރި ގަރާރަށް ވޯލްޑް އުއިގޫރު ކޮންގްރެސް (ޑަބްލިއުޔޫސީ) އިން ތައުރީފުކޮށްފިއެވެ. އެ ގަރާރުގައި ބުނެފައި ވަނީ އިރުމަތީ ތުރުކިސްތާނުގައި އުއިގޫރު ރައްޔިތުންނާ ދެކޮޅަށް ޗައިނާ ސަރުކާރުން ނިޒާމީ ސިފައެއްގައި ހިންގާ އިންސާނީ ހައްގުތަކާ ޚިލާފު އަމަލުތަކަކީ "އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކެއް ކަމަށާއި އަދި އެއީ ނަސްލު ނައްތާލުމުގެ އަމަލެއް" ކަމަށެވެ.

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި އެ ޖަމާއަތުގެ މެމްބަރު ގައުމުތަކުން "މި ޖަރީމާތައް ނިމުމަކަށް ގެނައުމަށް އދ.ގެ ޖެނޮސައިޑް ކޮންވެންޝަނާ އެއްގޮތަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމަށް" މި ގަރާރުގައި ގޮވާލިއެވެ.

ޑަބްލިއުޔޫސީގެ ރައީސް ޑޮލްކުން އީސާ ވިދާޅުވީ "ޝިންޖިއާން ޕޮލިސް ފައިލްސް އަކީ ވަރަށް ސާފުކޮށް ޔޫރަޕިއަން ޕާލަމެންޓަށް އުއިގޫރު މީހުންގެ ހާލަތުގެ އަވަސްކަމާއި ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭކަމުގެ އިހްސާސް ލިއްބައިދޭ ލޯ ހުޅުވާލަދޭ ލިޔުންތަކެއް" ކަމަށެވެ.

ޝިންޖިއާން ފައިލްތަކަކީ ޗައިނާ ކޮމިއުނިސްޓް ޕާޓީގެ މަސްއޫލުވެރިންނާއި ޝިންޖިއާންގެ ފުލުހުންގެ ޑޭޓާބޭސްތަކުން ފާއްދާލާފައިވާ މައުލޫމާތާއި ބަންދުކޮށްފައިވާ އެތައް ބައެއްގެ ވަނަވަރު ހިމެނޭ ފައިލްތަކެކެވެ.

އުއިގޫރު ކޮންގްރެސްގެ ޕްރެސް ރިލީސްގައި އިތުރަށް ބުނެފައިވަނީ، ޕާލަމެންޓްގެ ނިންމުމަށް އީޔޫއާއި، އެ އިއްތިހާދުގެ މެމްބަރު ގައުމުތަކުން ބަލައިގަނެ، އެ ގޮވާލުންތަކަށް އަމަލުކޮށް، އުއިގޫރު ނަސްލު ނައްތާލުމަށް ކުރެވޭ މަސައްކަތާ ދެކޮޅަށް ސަރުކާރުތަކާއި މަދަނީ މުޖުތަމައާ ގުޅިގެން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ގޮވާލާ ކަމަށެވެ.

އެމެރިކާ، ކެނެޑާ، އިނގިރޭސިވިލާތް، ނެދަލޭންޑްސް، ލިތުއޭނިއާ، ޗެކް ރިޕަބްލިކް، ބެލްޖިއަމް، ފަރަންސޭސިވިލާތް، އަޔަލެންޑަށް ފަހު ޔޫރަޕިއަން ޕާލަމެންޓަކީ، އުއިޣުރު ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ހިންގާ ނަސްލު ނައްތާލުމުގެ ޖަރީމާތައް ފާހަގަކޮށް މިނިވަން އުއިޣުރު ޓްރައިބިއުނަލްގެ ހޯދުންތައް ބަލައިގަނެ، ގަރާރެއް ފާސްކުރި ދުނިޔޭގެ ގާނޫނު ހަދާ މަޖިލިސްތަކުގެ ތެރޭން 10 ވަނަ ލެޖިސްލޭޓިވް ބޮޑީއެވެ.

އުއިގޫރު ކޮންގްރެސްއިން ގޮވާލާފައި ވަނީ އިންސާނީ ހައްގުތަކާ ބެހޭ އދގެ ހައި ކޮމިޝަނަރު ނެރުއްވި މިނިވަން ރިޕޯޓް ވަގުތުން ވަގުތަށް ޝާއިއު ކުރުމަށެވެ.