ޕޯޗުގަލްގެ ބެންފީކާއަށް ކުޅެމުން އަންނަ އުރުގުއޭގެ އުއްމީދީ ފޯވާޑް ޑާވިން ނުނޭޒް ގަތުމަށް އިނގިރޭސިވިލާތުގެ އެންމެ ވާދަވެރި ދެކްލަބުގައިވާ ލިވަޕޫލް އާއި މެންޗެސްޓަރ ޔުނައިޓެޑް ވަރުގަދަ ވާދައެއް ކުރަން ޖެހިއްޖެއެވެ.
މިދިޔަ ސީޒަނުގައި ބެންފީކާއިން ވިދާލި ނުނޭޒް ގަތުމަށް ލިވަޕޫލްގެ ކޯޗް ޔާގެން ކްލޮޕް، 94 މިލިޔަން ޑޮލަރު ޓްރާންސްފާ ފީއަށް ހޭދަކުރަން ތައްޔާރަށް ހުރި ކަމަށް އިނގިރޭސި މީޑިޔާ ރިޕޯޓުތައް ބުނެއެވެ. އަނެއްކޮޅުން މެންޗެސްޓަރ ޔުނައިޓެޑުގެ އައު ކޯޗް ޓެންހާގަށް ލިބިފައިވާ ބޮޑު ބަޖެޓުން ނުނޭޒް ގަތުމަށް އިސްކަންދޭނެކަމަށްވެސް މީޑިޔާ ރިޕޯޓުތައް ބުނެއެވެ. އެކަމަކު ޔުނައިޓެޑުން ނުނޭޒް ގަތުމަށް ހަރަދު ކުރަން ނިންމާފައި ވަނީ ކިހާވަރެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ. ބައެއް މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުން 65 މިލިޔަން ޑޮލަރަށްވުރެ ބޮޑު އަގެއް ނުނޭޒް ގަތުމަށް ހަރަދުކުރަން ޔުނައިޓެޑުން ބޭނުމެއް ނުވެއެވެ. ސަބަބަކީ ބާސެލޯނާއަށް ކުޅެމުން އަންނަ ނެދަލޭންޑްސްގެ މިޑްފީލްޑަރު ފްރެންކް ޑިޖޯން ޔުނައިޓެޑަށް ގެންނަން ބޭނުންވާނަމަ ޓްރާންސްފާ ފީއަށް 100 މިލިޔަން ޑޮލަރު ހޭދަކުރަން ޔުނައިޓެޑަށް މަޖުބޫރުވެފައި އޮތުމެވެ.
ނުނޭޒް،22، ލިވަޕޫލް ކޯޗް ކްލޮޕް ލޮލުގައި އަޅައިގަތީ އެންމެފަހުގެ ޗެމްޕިއަންސް ލީގް ކުއާޓާފައިނަލުގައި ލިވަޕޫލާ ދެކޮޅަށް އޭނާ ދެއްކި ކުޅުމުގެ ސަބަބުންނެވެ. ޖާނުން ވަރުގަދަ ނުނޭޒް ވަނީ ކުއާޓާގެ ދެލެގުގައިވެސް ލިވަޕޫލް ކޮޅަށް ލަނޑު ޖަހާފައެވެ. ލިވަޕޫލުން މަސައްކަތް ކުރަމުން ދަނީ އެކްލަބަށް ކުޅެމުން އަންނަ ވިންގަރ ސަޑިއޯ މާނޭ، ޖަރުމަނުގެ ބަޔާން މިޔުނިކަށް މިހިނގާ ޓްރާންސްފާ މާކެޓުގައި ވިއްކާލުމަށެވެ.
ޔުނައިޓެޑާއި ލިވަޕޫލުން ނުނޭޒް ގަތުމަށް މަސައްކަތް ކުރަމުން އަންނައިރު އޭނާ ގަތުމުގައި ކާމިޔާބު ހޯދާނީ ލިވަޕޫލް ކަމަށް ޔޫރަޕުގެ ފުޓްބޯޅައިގެ ހަބަރުތައް ދިރާސާކުރާ ގިނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ.