އިޒްރޭލުގައި 2010 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރުގެ ނިޔަލަށް ބޮލުން އުކުނު ފިލުވާ ބާވަތުގެ އުފެއްދުންތައް ވިއްކުން އޮތީ ބޮޑު ވިޔަފާރިއަކަށް ވެފައެވެ. ނަމަވެސް ފުރަބަންދުގެ ތެރޭގައި އޮފީހާއި އިސްކޫލުތައް ބަންދުވުމުން އުނުފު ފިލުވާ ބޭހުގެ ވިޔަފާރި އޮތީ ދަށަށް ގޮސްފައެވެ. ކޮވިޑްގެ ދުވަސްވަރު އުކުނު ފިލުވާ ބޭސް ވިއްކުން 40 ޕަސެންޓަށް ދަށަށް ދިޔަ ކަމަށް ހިބްރޫ ޔުނިވާސިޓީގެ މެޑިކަލް ސްކޫލްގެ ޕެރަސިޓޮލޮޖިސްޓް ޕްރޮފެސަރ ކޮސްތާ މުމްކުއޮގްލޫ ވިދާޅުވެއެވެ. އިޒްރޭލުގައި ބޮލުގައި އުކުނު އެޅުމަކީ އެ ގައުމުގެ ކަނބަލުން ހަނގުރާމަ ކުރާ މައްސަލައެކެވެ. މުމްކުއޮގްލޫއަކީ އުލުނާ ބެހޭ ގޮތުން އިޒްރޭލުގައި ހުންނެވި އެންމެ ފުންނާބު އުސް ތަޖުރިބާކާރެވެ.

ޔަހޫދީ އަންހެންކުދިންގެ ބޮލުން ލޭ ބޮއެ އުޅޭ ކުޑަ ސޫއްޕެއްވަރުޖގެ އުކުނަށް އެތައް އަހަރެއް ވަންދެން ޓެސްޓްތައް ކޮށްފައިވާ ޕްރޮފެސަރު ވަނީ ދާދި ފަހުން އެކްޓާ ޓްރޮޕިކާގައި މި މައުޟޫއުގައި ދިރާސާއެއް ޝާއިއުކުރައްވާފައެވެ. އެކްޓާ ޓްރޮޕިކާ އަކީ ގައިންގަޔަށް އަރާ ބަލިތަކާ ބެހޭ ބައިނަލްއަގުވާމީ ޖާނަލްއެކެވެ. މި ޖާނަލްގައި ޕަބްލިކް ހެލްތު ސައިންސާއި ބަޔޯމެޑިކަލް ރިސާޗްތައް ހިމަނާފައި ވެއެވެ. މި ޖާނަލްގައި ޚައްތު އިސްތިވާ ސަރަހައްދުތަކުގައި އިންސާނުންނާއި ޖަނަވާރުންގެ ސިއްހަތާ ގުޅުން ހުރި މައުޟޫތަކަށް ހާއްސަ އިސްކަމެއް ދެއެވެ.

"އިސްރާއީލުގައި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ކުރިއާއި ފަހުން ބޮލުގައި އުކުނު އެޅުން" މި މައުޟޫއަށް ކުރިއަށް ގެންދިޔަ ދިރާސާގައި، ތެލް ހަޝޫމަރުގައި ހުންނަ ޝީބާ މެޑިކަލް ސެންޓަރުގެ ސެންޓާ ފޯ ޖިއޮގްރަފިކް މެޑިސިން އެންޑް ޓްރޮޕިކަލް ޑިޒީޒަސްގެ ޕްރޮފެސާ އެލީ ޝްވާޓްޒް ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.

މި ދިރާސާގައި ލިޔުންތެރިން ލިޔުއްވާފައިވާ ގޮތުގައި "ފާމަސީތަކުގައި ގިނަ އަދަދަކަށް އުނުކު މަރާ ޕެޑިކިއުލިސައިޑް ބޭސްތައް ވިއްކަމުން ދިޔަ ނަމަވެސް އަދި ބެލެނިވެރިންގެ ބުރަ މަސައްކަތް ކުރިނަމަވެސް އިޒްރޭލު މީހުންގެ ބޮލުން އުކުނު ފިލުވުމާއި ކޮންޓްރޯލް ކުރުމަކީ އަދިވެސް ނާދިރު މަސައްކަތެކެވެ."

މި ޓީމުން ލިޔުއްވި ގޮތުގައި ހުޅަނގުގެ މުއްސަނދި ގައުމުތަކުގައިވެސް ޕެޑިކިއުލަސް ހިއުމަނަސް ކެޕިޓިސް (ބޮލުގައި އަޅާ އުކުނު)ގެ ސަބަބުން ބޮލުގައި ރިއްސުމަކީ އާންމު ސިއްހަތަށް ކުރިމަތިވެފައިވާ މައްސަލައެކެވެ. ފެންވެރުމާއި ބޯ ދޮވުމުން ދުރުހެލިވެ މަތި ހެދުމަކީ މި ކަމަށް މަގުފަހިވާ ކަމެކެވެ.

"ބޮލުން ބޮލަށް އުކުނު އުރުމަކީ މިހާތަނަށް އުކުނު އެކެއްގެ ކިބައިން އަނެކެއްގެ ބޮލަށް އެރުމުގެ އެންމެ އާންމު ގޮތް،" ދިރާސާގައި ބުނެފައިވެ އެވެ. "މާޗް 2020ގައި ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން ވަނީ ކޮވިޑް19 ފެތުރެނީ ބަލިމަޑުކަމެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އަދި 2020 ވަނަ އަހަރުގެ މާޗް މަހުން ފެށިގެން އިސްރާއީލު ސަރުކާރުން ވަނީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އެކަހެރި ކޮށް އުޅުން މަޖުބޫރުކޮށްފައެވެ.

"މި ދިރާސާގެ މަޝްރޫއުގެ މަގުސަދަކީ ކޮވިޑް 19 ގެ ބަލިމަޑުކަމުގެ ކުރިން އުކުނު ބޭސް ވިއްކުމުގެ އަދަދުތަކަށް ބަަދަލެއް އައިސްފައިވޭތޯ އަޅާކިޔުން." ކަމަށް ބުންޏެވެ.

މި ޓީމުން ވަނީ 2010 ވަނަ އަހަރާއި 2020 ވަނަ އަހަރާ ދެމެދު އުކުނު ބޭހުގެ ސޭލްސް ހުރި ގޮތާ ބެހޭ ގޮތުން އިޒްރޭލުގެ އެންމެ ބޮޑު ފާމަސީ ޗެއިން ކަމަށްވާ ސުޕަފާމް އިން ޑޭޓާ އެއްކޮށްފަ އެވެ. 2010 ވަނަ އަހަރު އުކުނު ބޭހުގެ 281،986 ޕެކެޓް ވިއްކާފައި ވާއިރު 2019ވަނަ އަހަރަށް އައިއިރު މިއަދަދު 498،107 ޕެކެޓަށް އިތުރުވެފައިވެއެވެ. އެކަމަކު ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރު އުކުނު ބެސް ވިއްކުން ވަނީ 294،477 އަށް ދަށަށް ގޮސްފައެވެ.

މި ދިރާސާގެ ނަތީޖާއިން ދައްކާ ގޮތުގައި ފަހަކަށް އައިސް ބޮލުގައި ރިއްސުމުގެ އިންފެކްޝަންތައް އިތުރުވަމުން ގޮސްފައިވާ ކަމަށާއި ކޮވިޑް-19 ގެ ސަބަބުން ކުޑަކުދިން އެކަހެރިކުރުން އިތުރުވުމުގެ ސަބަބުން ކުޑަކުދިންގެ ބޮލުގައި އުކުނު އެޅުން އިތުރު ވެފައިވާ ކަމަށެވެ.

އިޒްރޭލުގައި ހަތަރު އަހަރާއި 13 އަހަރާ ދެމެދުގެ ހުރިހާ ކުދިންގެ ތެރެއިން 10 ޕަސެންޓާއި 15 ޕަސެންޓާ ދެމެދުގެ ކުދިން ކޮންމެ ވަގުތަކު ވެސް ބޮލުގައު އުކުނު އަޅައިގެން އުޅެއެވެ. އޭގެ އިތުރުން %10 އާއި %15 އާއި ދެމެދުގެ ކުދިންގެ އިސްތަށިގަނޑުގައި އުކުނުގެ މަރުވެފައިވާ ބިސް ނުވަތަ ބިހުގެ ތޮށި ހުންނަކަން ދިރާސާގައި ފާހަގަ ކޮށްފައި ވެއެވެ. އޭގެ ތެރެއިން 8% ކުދިންގެ ބޮލުގައި ރިއްސުމުގެ މައްސަލަ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ފިރިހެން ކުދިންނަށްވުރެ އަންހެން ކުދިންގެ ބޮލުގައި އުކުނު އެޅުން އިތުރެވެ. އިޒްރޭލުގައި ހެދި އެޕިޑެމިއޮލޮޖިކަލް ދިރާސާތަކުން ދައްކާ ގޮތުގައި އަންހެން ކުދިންގެ ގައިން ގަޔަށް އެރުނު ނިސްބަތް ދެ ގުނަ އާއި 10 ގުނަ އިތުރު ކަމަށް ދައްކައެވެ.

މި ދިރާސާ ކުރެއްވި ފަރާތްތަކުން އިސްރޭލް މީހުންގެ ބޮލުގައި އުކުނު އަޅާ ސަބަބާ މެދުވެސް ލިޔުއްވާފައި ވެއެވެ. އިޒްރޭލު މީހުންގެ ބޮލުގައި އުކުނު އެޅުމަކީ ގިނަ ސަބަބުތަކާ ހުރެ އާންމު ކަމެއް ކަމަށް މުމްކުއޮގްލޫ ވިދާޅުވާ އިރު، މި ކަމުގައި ފާހަގަ ކުރެވޭ އެންމެ މުހިންމު އެއް ކަމަކީ ފާމަސީތަކުގައި ވަރަށް ގިނައިން މި ކަމަށް އެކަށީގެންވާ ރަގަޅު ބޭސްތައް ހުންނައިރުވެސް މީހުން އެބޭސްތައް އިރުޝާދުތަކާ އެއްގޮތަށް ބޭނުން ނުކުރުމެވެ. އެންމެ އުކުނު ބޮލަކުންވެސް މުޅި އާބާދީއަށް އަސަރުކުރާ ކަމަށް ބުނެފައި ވެއެވެ.

"އިޒްރޭލުގައި ފާއިތުވެދިޔަ އަހަރުތަކުގައި އުކުނު ބޭހުގެ ޖުމްލަ ސޭލްސްއާ މެދު ދިރާކޮށްލުމަށް އަޅުގަނޑުމެން އެދުނީ އިނގިރޭސިވިލާތުގައި ތޯންޓަން ރޮސް ލިމިޓެޑުން އުފައްދާ އެންމެ ގިނައިން ބޭނުންކުރާ ޕެޑިކިއުލިސައިޑްސް ކަމަށްވާ ހެޑްރިންގެ ޑިސްޓްރިބިއުޓަރުގެ އަތުން މައުލޫމާތު ހޯދައިގެން އެ މީހުންގެ ސޭލްސްގެ ޕަސެންޓަކީ ކޮބައިކަން ހޯދައިގެންނެވެ." ދިރާސާގައި ލިޔެފައި ވެއެވެ.

ހެޑްރިންގެ އުފެއްދުންތަކުގެ ތެރެއިން ދެބައިކުޅަ އެއްބައި ވިއްކަނީ އިޒްރޭލްގެ ސުޕަފާމް އަށެވެ. 35% އަކީ ހެލްތު ފަންޑް ފާމަސީތަކަށް ވިއްކާ ޕްރޮޑަކްޓްތަކެވެ. އަދި ބާކީ 15% އަކީ އާދައިގެ ފާމަސީތަކަށާއި އޮންލައިން ސޭލްސްއަށް ވިއްކާ ޕްރޮޑަކްޓްތަކެވެ. އެފަރާތުން ލިބުނު ޑޭޓާގެ މައްޗަށް ބިނާކޮށް، ހިސާބު ކުރެވޭ ގޮތުގައި، އިސްރާއީލުގައި އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 565،000 އާއި އެއް މިލިއަން ޔުނިޓާ ދެމެދު އަދަދެއްގެ އުކުނު ބޭސް ވިއްކައެވެ.

ދިރާސާގައި ބުނެފައި ވަނީ އިޒްރޭލުގައި ޓީޗަރުން ދަރިވަރުންގެ ބޮލުގައި އުކުނު ހުރިކަން ފާހަގަ ކުރެވިގެން ބެލެނުވެރިންނަށް ނޯޓްތައް ފޮނުވާ އިރު އެމީހުންނަކީ އެކަމުގެ މާހިރުން ނޫން ކަމަށާއި ހަގީގަތުގައި އުކުނު ސްކޫލަށް އުފުލާ ބަޔަކީ ޓީޗަރުން ކަމަށެވެ.

އެމެރިކާ އާއި އެހެން ގައުމުތަކުގައި ވެސް ބޮލުން އުކުނު ފެނުމުން ކުދިން ވަގުތުން ގެއަށް ފޮނުވާލާ ކަމަށާއި އަދި އަލުން ކްލާސްރޫމަށް ކުއްޖާ ވައްދަނީ އުކުނު ނެތްކަން ޔަގީން ކޯށްދިނުމުންނެވެ.

އިޒްރޭލުގެ ބާޒާރުގައި އަދިވެސް ގިނަ ވައްތަރުގެ އުކުނު ބޭސްތައް ލިބެން އެބަހުރި ކަމަށާއި އެ ބޭސްތަކުގެ ބާރު ވަޒަން ކުރުމަށް ޓެސްޓު ކޮށްފައި ނުވާ ކަމަށާއި އެހެންކަމުން އެ ތަކެތީގެ ބާރާ މެދު ޝައްކު އުފެދޭ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެފައިވެއެވެ. އަދި އުކުނު ބޭހުގެ އާ ފޯމިއުލާއެއް ބާޒާރަށް ނެތރޭނަމަ ހެލްތު މިނިސްޓްރީން އެއެއްޗެއް ޓެސްޓް ކޮށް ކަށަވަރު ކުރުމަށްވެސް ދިރާސާގައި ބާރު އަޅާފައި ވެއެވެ.