ޕޮލެންޑްގައި ނޭޓޯއިން ސިފައިން އެއްކުރުމަށް ކުރާ މަސައްކަތަށް ރައްދު ދޭނެ ކަމަށް ރަޝިޔާއިން ބުނެފިއެވެ. އަދި ކިއޭވްއިން ވަނީ ރަޝިޔާއިން ބްލެކް ސީގައި ދުއްވާ ކްރޫޒް މިސައިލް އުފުލާ 6 މަނަވަރެއްގެ ހަރަކާތައް ގާތުން ބަލަމުންދާ ކަމަށް ބުނެފައެވެ.
އިންޓަފެކްސް ނިއުސް އޭޖެންސީން ރަޝިޔާގެ ޑިޕްލޮމޭޓަކާ ހަވާލާދީ ބުނެފައިވަނީ، ޕޮލެންޑްގައި ނޭޓޯގެ ފައުޖުތައް ރުކުރުވާލުމަށް ކުރާ މަސައްކަތަށް މޮސްކޯއިން ރައްދު ދޭނެ ކަމަށް ރަޝިޔާގެ ޚާރިޖީ ވުޒާރާއިން އިޢްލާން ކޮށްފައިވާ ކަމަށާއި، އެކަމަށް އިޖާބަ ދޭނީ އެކަށީގެންވާ މިންވަރަށް އެކަށީގެންވާ ވަގުތެއްގައި ކަމަށެވެ.
ޚާރިޖީ ވުޒާރާގެ ޔޫރަޕްއާ ބެހޭ ޑިޕާޓްމަންޓެއްގެ އިސްވެރިޔާ އޮލެގް ޓިއަޕެކިން ވިދާޅުވީ ރަޝިޔާއިން ދޭ ރައްދަކީ ރަޝިއާގެ ސަލާމަތަށް ކުރިމަތިވެދާނެ ނުރައްކާތައް ނިއުޓްރަލައިޒް ކުރުމުގެ މަގްސަދުގައި ދޭ ރައްދަކަށްވާނެ ކަމަށެވެ.
ހުކުރު ދުވަހު ފަރަންސޭސި ރިޔާސަތުން ވަނީ، ޔޫކްރެއިންގެ ދެކުނުގައި އޮންނަ އޮޑެސާ ބަނދަރު ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އެ ބަންދަރުން މައިންތައް ސާފުކޮށް އޮޑެއްސާ އިން އެކްސްޕޯޓް ކުރާ ގޮވާމުގެ ބާވަތްތައް ރަނގަޅު އަގެއްގައި ޚާއްސަކޮށް އެފްރިކާގެ ގައުމުތަކަށް ލިބޭ ގޮތަށް ކުރާ މަސައްކަތުގައި އދއާ ގުޅިގެން ފްރާންސް މަސައްކަތް ކުރަން ތައްޔާރަށް އޮތް ކަމަށް ބުނެފައެވެ.