ވަރުގަދަ އުޒްބެކިސްތާން އަތުން 4-0 އިން ރޭ ބަލިވުމާއެކު، 2023 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިޔަން ކަޕަށް ކޮލިފައި ނުވެ ރާއްޖެ ކަޓައިފިއެވެ.

މީގެ ދެ އަހަރު ކުރިން ފެށިގެން އޭޝިޔަން ކަޕަށް ކޮލިފައިވުމަށް އަމާޒުހިފި ރާއްޖެ ކޮޅަށް އުޒްބެކިސްތާނުން ޖެހި ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ޖެހީ އުޒްބެކިސްތާނުގެ ކެޕްޓަން، އިޓަލީގެ މަޝްހޫރު އަދި ނިމިދިޔަ ސީޒަނުގައި ޔުއެފާ ކޮންފަރެންސް ލީގުގެ ޗެމްޕިއަންކަން ހޯދި ރޯމާގެ ފޯވާޑް އެލްޑޯ ޝްމުރޮޑޯވްއެވެ.

އުޒްބެކް ކުޅުންތެރިޔަކު އަތުން ބޯޅަ ހޯދުމަށް ރާއްޖޭގެ ކެޕްޓަން އަކޫ މަސައްކަތް ކުރަނީ. ފޮޓޯ: އޭއެފްސީ

މީގެ ތެރެއިން ފުރަތަމަ ލަނޑު ޖެހީ ފުރަތަމަ މިނެޓުގައި ރާއްޖޭގެ ޑިފެންޑަރުންނަށް ހެނދުނު ގޯހެއްގެ ފައިދާ ނަގައި މެޗުގެ ދެވަނަ މިނެޓުގައެވެ. އަނެއް ދެލަނޑު ޖެހީ ދެވަނަ ހާފުގައެވެ. އުޒްބެކިސްތާނަށް ދެން ލަނޑު ޖަހައިދިނީ ރަޝިޔާގެ މަޝްހޫރު ސްޕާޓަކް މޮސްކޯއަށް ކުޅެން ސޮއި ކޮށްފައިވާ ޒުވާން މިޑްފީލްޑަރު އޮސްޓަން އުރުނޯވް،21، އެވެ. ލޯން އެއްބަސްވުމެއްގެ ދަށުން އުރުނޯވް މިވަގުތު ކުޅެމުން ދަނީ ރަޝިޔަން ޕްރިމިއަރ ލީގުގެ އުފާއަށެވެ.

އުޒްބެކިސްތާނުގައި ކުޅުނު މިމެޗުގައި ރާއްޖެއަށް އެކަށީގެންވާފަދަ ނުރައްކާތެރި ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ.

މިމެޗުން ބަލިވުމުން ރާއްޖެ އޮތީ ހަތަރު ޓީމު ހިމެނޭ ގްރޫޕް ސީގެ ފުލުގައެވެ. ގްރޫޕް ސްޓޭޖުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ތައިލެންޑް އަތުން ބަލިވީ 3-0 އިންނެވެ. މިގްރޫޕުގައި ތައިލެންޑާއި ލަންކާ އިއްޔެ ބައްދަލު ކުރި މެޗް ތައިލެންޑުން ކާމިޔާބު ކުރީ 2-0 އިންނެވެ. ފުރަތަމަ މެޗުގައި އުޒްބެކިސްތާން އަތުން ލަންކާ ބަލިވީ 3-0 އިންނެވެ. ރާއްޖެއަށް ވުރެ ކުރި ލަންކާއަށް ލިބެނީ ފައިދާ ލަނޑުގެ ތަފާތުންނެވެ. ރާއްޖެއަށް ގްރޫޕް ފުލުން ސަލާމަތްވެވެން އޮތީ އަންނަ އަންގާރަ ދުވަހު ލަންކާއާ ދެކޮޅަށް ކުޅޭ މެޗް ކާމިޔާބު ކޮށްގެންނެވެ.

އުޒްބެކް ކުޅުންތެރިޔަކު އަތުން ބޯޅަ ހޯދުމަށް ރާއްޖޭގެ ދެކުޅުންތެރިން މަސައްކަތް ކުރަނީ. ފޮޓޯ: އޭއެފްސީ

ދެކުނު އެޝިޔާއަށް ނިސްބަތްވާ ގައުމުތަކުގެ ތެރެއިން އޭޝިޔަން ކަޕަށް ކޮލިފައިވުމުގެ އަމިއްލަ ބާރު އޮތީ ހަމައެކަނި އިންޑިޔާއަށެވެ. އިންޑިޔާއިން ވަނީ މިހާތަނަށް ކުޅުނު ދެމެޗް (ކެމްބޯޑިޔާ އާއި އަފްގާނިސްތާން) ކާމިޔާބުކޮށް ގްރޫޕް ގްރޫޕް ޑީގެ ދެވަނަ މަގާމް ނުގެއްލޭނެކަން ޔަަގީން ކޮށްފައެވެ. ފަހު މެޗުގައި ހޮންކޮންގެ މައްޗަށް ކުރި ހޯދިއްޖެނަމަ އޭޝިޔަން ކަޕުން އޮޓަމެޓިކް ޖާގައެއް އިންޑިޔާއަށް ލިބޭނެއެވެ. ހޮންކޮންގ އަތުން ބަލިވިނަމަވެސް އިންޑިޔާއަށް އޭޝިޔަން ކަޕުން ޖާގަ ލިބުމުގެ ފުރުސަތު އޮންނާނެއެވެ. އެއީ ހުރިހާ ގްރޫޕްތަކަށް ބަލާއިރު އެންމެ ރަނގަޅު ނަތީޖާ ނެރޭ 5 ގައުމަށް ކުރިއަށް އޮތް އޭޝިޔަން ކަޕުން ފުރުސަތު ދިނުމަށް ނިންމާފައިވާތީއެވެ.