އެއީ 2016 ވަނަ އަހަރެވެ. އެއަހަރު ގަގަންދީޕް ކައުރް ނިންމީ އޭނާގެ ހިތަށް ތުރާވާ ކަމާ މެދު ވިސްނަން އިނުމުގެ ބަދަލުގައި އެކަމެއް ހައްލެއް ހޯދާށެވެ. މަގުމަތީގައި ސަލާން ޖަހަމުންދާ ކުދިންނަށް ކަމެއް ކޮށްދޭން ޖެހޭނެ ކަމަށް އޭނާ ނިންމިއެވެ. މިހާރު ހަ އަހަރު ފާއިތުވެގެން ގޮސްފައިވާއިރު، އޭނާ ހިތް ހަމަ ޖެހޭ ގޮތަށް އެކަން އޭނާއަށް ގެންދެވިފައި ވެއެވެ. އެއިރު ބިކަވެފައި މަގުމަތީގައި ސަލާން ޖަހަމުން ދިޔަ 150އެއްހައި ކުދިން ދަނީ މިހާރު ސަރުކާރު ސްކޫލުތަކުގައި ކިޔަވަމުންނެވެ.

މިއީ ގަގަންދީޕް ހޯދާފައިވާ ކާމިޔާބީއެކެވެ. އޭނާގެ މަސައްކަތް އެވަރުން ނިންމައެއް ނުލައެވެ. ސަރުކާރުގެ ސްކޫލްތަކުގައި އެޑްމިޝަން ހޯދައި ދިނުމުގެ ބަދަލުގައި ސްކޫލްގައި ނަގައިދޭ ފިލާވަޅުތައް އެކުދިންނާއެކު ބެލުމަށް ދުވާލަކު އެއްގަޑިއިރަށް ހަވީރުގެ ގަޑީގައި އޭނާ ކްލާސްތައް ވެސް ނަގައި ދެއެވެ. އޭނާގެ އެންޖީއޯއިން މިކކުދިންގެ ކިޔެވުމުގެ ކަންކަން އިންތިޒާމު ކޮށްދެއެވެ.

ގަގަންދީޕް ބުނި ގޮތުގައި މިއީ މަގުމަތީގައި އުޅުނު ކުދިން ކަމުގައިވިއަސް މި ކުދިންނަކީވެސް ވަރަށް ގިނަ ހުނަރުތަކެއް ހުރި ކުދިން ތަކެކެވެ. އޭނާ ބުނިގޮތުގައި އިންޑިއާގެ މިނިވަންކަމަށް މަސައްކަތް ކުރި ޝަހީދު ބަގަތު ސިންގގެ އުފަން ދާއިރާގައި ކުދިން މަގުމަތީގައި ސަލާން ޖަހަން އުޅޭތަން ބަލާކަށް އޭނާއަށް ފަސޭހައެއް ނުވިއެވެ.

އެނާ ދަނީ ސޯޝަލް ސެކިއުރިޓީ އެންޑް ވިމެން އެންޑް ޗައިލްޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓްގެ ސަރަހައްދީ އިދާރާއާ ގުޅިގެން އޭނާގެ އެންޖީއޯ މެދުވެރިކޮށް މަސައްކަތްތަކެއްވެސް ކުރަމުންނެވެ. އެގޮތުން ކޮންމެ ހުކުރު ދުވަހު ސެމިނާއެއް ބާއްވައެވެ. މި ސެމިނާގައި ހައްސާސް މައުޟޫއުތަކުގެ މައްޗަށް މައުލޫމާތު ދެވެއެވެ. އޭގެ ތެރޭގައި މީހުން ކުދިންގެ ގައިގައި އަތް ލުމާއި އޭގެ ހެވާއި ނުބައި ދަނެގަތުމަށް ކުދިން ހައްސާސް ކޮށްދެވެއެވެ.

މި ތަޖުރިބާގެ އަލީގައި އޭނާ ވަނީ ޖާލަންދަރްއާއި ޖައްމޫގައިވެސް މަގުމަތީގައި ސަލާން ޖަހާ ކުދިންނަށް އަމާޒުކޮށްގެން މަސައްކަތްތަކެއް ފަށާފައެވމި ދެސިޓީގައިވެސް ކުދިން ސްކޫލްތަކުގައި އެޑްމިޓް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި އަދި ކުދިން ސަލާންޖަހާ ތަން ފެނިއްޖެނަމަ، ވަގުތުން އެކުދިންގެ މައިންބަފައިންނާ ވާހަކަ ދައްކައި އުނގެނުމާއި މުސްތަގްބަލުގައި ރަގަޅު ވަޒީފާއަކާއި އާމްދަނީއެއްގެ މުހިންމު ކަން ކިޔައިދޭ ކަމަށެވެ.

ގަގަންގެ އެންޖީއޯއިން ދަނީ ކުދިންގެ ހުނަރުތައް މުއްސަނދިކުރުމަށް ތަފާތު ދާއިރާތަކުން ތަފާތު ކުޅިވަރު ހަރަކާތްތަކާއި ކުރެހުމާއި އާޓް ހަރަކާތްތައް ފަދަ ތަފާތު މުބާރާތްތައް ވެސް އިންތިޒާމުކުރަމުންނެވެ.

ގަގަން ފާހަގަ ކުރިގޮތުގައި ކުދިންގެ ކިބައިގައި ފާހަގަ ކުރެވޭ އެންމެ ރަގަޅު ކޮލިޓީއަކީއަކީ އަމާނާތްތެރި ކަމެވެ. އެއީ މި ދުވަސްތަކުގައި ވަރަށް މަދުން ނޫނީ ނުފެންނަ ކޮލިޓީއެއް ކަމުގައި އޭނާ ބުންޏެވެ.