"ކީރިތި ޤުރްއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ޤައުމީ މުބާރާތް 2020" އަށް ވައިބަރ މެދުވެރިކޮށް ކިޔެވުމުގެ ރެކޯޑިން ފޮނުވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ބުދަ ދުވަހު އިސްލާމިކް މިނިސްޓްރީން ބުނީ، ޕޯޓަލްއަށް މުބާރާތުގައި ކިޔެވުމުގެ ރެކޯޑިން ހުށަހަޅަން ދަތިވާ ބައިވެރިންނަށް 7321728 ވައިބަރ ނަންބަރަށް ވީޑިއޯ ފޮނުވުމުގެ އިންތިޒާމު ހަމަޖައްސާފައިވާކަމަށެވެ. އަދި، އެގޮތަށް ހަމަޖައްސާފައި ވަނީ ބައެއް ބޭފުޅުންނަށް ކިޔެވުމުގެ ރެކޯޑިން ޕޯޓަލްއަށް ހުށަހެޅުމުގައި ދަތިތަކެއް ދިމާވަމުން އަންނަ ކަމުގެ ޝަކުވާ ލިބެމުން ދާތީކަމަށެވެ.

ކޮވިޑް 19 ގެ ހާލަތަށް ރިއާޔަތްކޮށް ގުޅިގެން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިންތިޒާމު ކޮށްގެން ބާއްވާ "ކީރިތި ޤުރްއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ޤައުމީ މުބާރާތް 2020" އަކީ ވާޗުއަލްކޮށް ޤައުމީ ފެންވަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބަލައިގެން ކިޔެވުމުގެ ޚާއްޞަ މުބާރާތެކެވެ.

މި މުބާރާތް ދެ ކެޓަގަރީއަކަށް ބަހާލައިގެން ގެންދާއިރު މި ދެ ކެޓަގަރީއަކީ މުޖައްވަދުކޮށް (ދިގު ރާގަށް) އަދި ހަދަރުކޮށް (ކުރު ރާގަށް) ކިޔެވުމެވެ. މުބާރާތް ބޭއްވުމަށް މިނިސްޓްރީއިން ނިންމާފައި ވަނީ ދެ ބުރަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ބުރަކީ އޮޑިޝަންގެ ބުރެވެ. މި ބުރު ކުރިއަށްދާނީ 28 ނޮވެމްބަރ 2020 ގެ ނިޔަލަށެވެ. އަދި ފައިނަލް ނުވަތަ އެންމެ ފަހު ބުރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ 13 ޑިސެމްބަރ 2020 ފެށިގެން 17 ޑިސެމްބަރ 2020 ގެ ނިޔަލަށެވެ.