އާއިލާތައް ރޫޅުމުން ދަރިންގެ ނަފުސާނީ ދުޅަހެޔޮކަމަށް އަސަރުކުރާކަން އަޅުގަނޑުމެން އެންމެނަށްވެސް އެނެގެއެވެ. މީގެ އިތުރަށް ދަރިންގެ ޖިސްމާނީ ސިއްޙަތަށްވެސް ވަރަށް ބޮޑަށް އަސަރުކުރާކަމަށް ފަހުގެ ދިރާސާތަކުން ހާމަވެއެވެ.
އާއިލާތައް އެކީގައި އުޅޭއިރު ކުދިންވެސް އުޅެނީ އުފަލުގައެވެ. މައިންބަފައިން އެކީގައި އުޅޭތީއެވެ. ދަރިންނާއެކު ދެމަފިރިންވެސް ވަގުތު ހޭދަކުރާތީއެވެ. އެހެންނަމަވެސް އާއިލާތައް ރޫޅުމުން ދަރިންނާއެކު ވަގުތުހޭދަކުރަނީ ކޮންމެވެސް އެކަކެވެ. މަންމަ ނޫނީ ބައްޕައެވެ. ބައެއްފަހަރަށް މާމަ ނޫނީ ކާފަ ނުވަތަ އާއިލާގެ އެހެން މެންބަރެކެވެ. އެހެންކަމުން ކުދިންގެ ކެއުމާއި ބުއިމާއި އެހެނިހެން ކަންކަމަށް، އާއިލާއެކުގައި އުޅުނު އިރު ދެވުނު ސަމާލުކަމެއް ނުދެވެއެވެ. އެހެންވުމުން ކެއުމުގެ އާދަތަކަށް އަންނަ ބދަލުތަކުގެ ސަބަބުން ކުދިންގެ ޖިސްމާނީ ސިއްޙަތަށް އަސަރުކުރެއެވެ.
ދާދިފަހުން ލަންޑަންގެ ސްކޫލު އޮފް އިކޮނޮމިކްސް އެންޑް ޕޮލިޓިކަލް ސައިންސްގެ ޓީމަކުން ހެދި ދިރާސާއަކުން އެނގުނީ ދަރިންގެ އުމުރުން ހަ އަހަރު ވުމުގެކުރިން އާއިލާ ރޫޅިއްޖިނަމަ، އެކުދިންގެ ޖިސްމާނީ ދުޅަހެޔޮކަމަށް އަސަރު ފޯރާކަމެވެ. އެގޮތުން މި ދިރާސާގެ ނަތީޖާ ދެއްކީ މި އުމުރުގެ ކުދިން މައިންބަފައިން ވަކިވުމުން ހުންނަންވާވަރަށްވުރެ ބަރުދަން އިތުރުވެ ފަލަވި ކަމަށެވެ. އެއީ ރޫޅިފައިވާ އާއިލާތަކުގެ މާލީ ހާލަތު ދައްވުމުން ދަރިންގެ ހަށިގަނޑަށް ބޭނުންވާ ރަނގަޅު، ފައިދާހުރި ކާނާ ހޯދައި ނުދެވުމުގެ ސަބަބުންނެވެ. މީގެ އިތުރަށް މަންމަ އެކަނި ވުމުން ގިނަވުގުތު ވަޒީފާގައި އުޅެންޖެހުމުން ކުދިންގެ ކެއުމުގެ ގަޑިތަކަށް ސަމާލުކަން ނުދެވުމުންނެވެ.
މިއާއެކު އާއިލާތައް ރޫޅުމުން ދަރިންނާއެކު "ކޮލެޓީ" ވަގުތު ހޭދަ ނުކުރެވި ކެއުމުގެ ރަނގަޅު އާދަތައް ދަސްކޮށް ނުދެވެއެވެ. އަދި މައިމީހާއަށް ނުވަތަ ބައްޕައަށް ނަފުސާނީގޮތުން ދިމާވެފައިވާ ހިތްތަދިކަމުގެ ސަބަބުން ކުދިންނަށް މާ ގިނައިން ކާން ދެވުމާއި ހަށިގަނޑަށް ގެއްލުންވާފަދަ ތެޔޮ، ހަކުރު އަދި "ޖަންކް ފުޑްސް" މާގިނައިން ދެވުން ހިމެނެއެވެ.
މި ދިރަސާގައި އާއިލާ ރޫޅުމުން ދަރިންގެ ހަށިގަނޑު ފަލާވާކަން ހާމަވިޔަސް ރާއްޖެއަށް ބަލާލާއިރު ރަނގަޅުކާނާ ނުލިބުމުން ދަރިން ހިކި އަނަރޫފަވުމުގެ ސަބަބުންވެސް އެކުދިންގެ ޖިސްމާނީ ސިއްހަތަށް އަސަރުކުރެއެވެ. ޚާއްޞަކޮށްދަރިންގެ ޅަފަތުގައި އާއިލާ ރޫޅުމުން މިމައްސަލަ ކުރިމަތިވާ އާއިލާތައް ގިނައެވެ. އެހެންކަމުން ތުއްތު ދަރިންތިބި އާއިލާތަކުން ދަރިންގެ ސިއްޙަތަށްޓަކައި ކައިވެނީގެ ގުޅުން ބަދަހިކުރުމަކީ މުޙިންމުކަމެކެވެ.