ޒަކާތަކީ މުދާވެރިއަކު ފޯރުކޮށްދޭ ފަރުދީ އިޙްސާންތެރިކަމެއް ނޫންކަމަށާ އަދި އެއީ މުއްސަނދިންގެ މުދަލުން ނަގައި، އޭގެ ހައްގުވެރިންނަށް އަދާ ކުރަންޖެހޭ ހައްގެއްކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.

މިއަދުގެ ހުކުރު ހުތުބާގެ މައުޟޫއަކީ "ފަރުޟު ޒަކާތާއި އިގްތިސާދާހުރު ގުޅުން" އެވެ.

މި ހުތުބާގައި އިތުރަށް ވިދާޅުވީ މުއްސަނދިންގެ މުދަލުން ޒަކާތް ނެގުމުގެ ބޭނުމަކީ އެއްވެސް ހާލެއްގައި އެބައިމީހުންގެ ތަނަވަސްކަން ނިގުޅައިގަނެ އެއުރެންގެ ހަންގުތަކަށް އަރައިގަތުން ނޫންކަމަށެވެ.

މީގެއިތުރުން ކުރާނޭ މަސައްކަތެއް އޮވެފައި، އަދި އެމީހެއްގެ ހަށުގަޑުގައި ވަރުހުރިނަމަ އެފަދަ މީހަކު ޒަކާތް ލިބިގަތުން ހުއްދައެއް ނުވާނެކަމަށާއި އިސްލާމްދީން ބާރުއަޅަނީ ހަލާލު ގޮތުގައި މަސައްކަތް ކޮށްގެން ރިޒުގު ހޯދުމަށްކަމަށްވެސް ހުތުބައިގައި ވިދާޅުވިއެވެ.

އަދި ފަގީރުކަމުގެ ހާލަތަކީ އަގީދާގެ ގޮތުންނާއި ފިކުރުގެ ގޮތުންވެސް އިންސާނާގެ ނަފުސު އަޅުވެތިކޮށްލާ ކަމެއް ކަމުން ފަގީރުކަމަކީ އަބުރުވެރި އިންސާނަކު، އޭނާއާ ކުރިމަތިވާން އެދޭނެ ހާލަތެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

ކަން މިހެން އޮތް ނަމަވެސް، މީހަކަށް ކުރިމަތިވާ ކަމެއްގެ ސަބަބުން އޭނާގެ ގައިބާރު ދެރަވެ، ދިރިއުޅުމުގެ ޒަރޫރީ ކަންކަން ފުއްދޭނެ ގޮތެއް ނެތި، އަނެކުންގެ އެހީތެރިކަމަށް އެދެންޖެހޭއިރު، ކޮންމެ ކޮންމެ މީހަކު އެފަދަ މީހަކަށް އެހީތެރިވެ އޭނާގެ ބޭނުންތައް ފުއްދައި ނުދީފާނެ ކަމަށްވެސް ހުތުބައިގައި ވިދާޅުވެފައިވެއެވެ.

މުސްލިމް އަހުންނޭވެ! މުދަލުގެ ޒަކާތް ދިނުމަކީ ދީނުގެ މަތިވެރި ރުކުނަކަށް ވީނަމަވެސް ' އެއާމެދު ވަރަށް ގިނަ މީހުންގެ ހޭލުންތެރިކަން ކުޑައެވެ. ބައެއް މީހުން ހީކުރާ ގޮތުގައި ރަމަޟާންމަހު ފިތުރު ޒަކާތް ދެއްކުމުން ފުދުނީއެވެ. އަނެއްބަޔަކު ދެކޭ ގޮތުގައި ތިމައަކީ ބޮޑު ވިޔަފާރަވެރިއަކަށް ނުވާތީ ތިމާ ޒަކާތް ދައްކާކަށް ނުޖެހެއެވެ. ހަމަ އެހެންމެ ''.މުދަލުގެޒަކާތް ދައުލަތަށް ދެއްކުމަށް ދެކޮޅުހަދާ ބަޔަކުވެސް އުޅެއެވެ..
ހުތުބާގައި ވިދާޅުވިއެވެ