ޗައިނާގެ ހުޅަނގުގެ ޝިންޖިއާން ސަރަހައްދުގައި ހިނގަމުންދާ ލާއިންސާނީ އަމަލުތަކާ މެދު އެތައް ގައުމަކުން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް އަލްޖަޒީރާއިން ރިޕޯޓް ކޮށްފިއެވެ. އދގެ ހައްގުތަކާ ބެހޭ ހައިކޮމިޝަރގެ އެ ސަރަހައްދުގެ ހާލަތާ ބެހޭ ގޮތުން ތައްޔާރު ކުރައްވާފައިވާ ރިޕޯޓްވެސް އަހަށް ޝާއިއު ކުރުމަށް ގޮވާލާފައި ވެއެވެ.
ޖެނީވާގައި ހުންނަ އދ.އަށް ކަނޑައަޅާފައި ހުންނަވާ ނެދަލޭންޑްސްގެ އެމްބަސެޑަރ ޕޯލް ބެކަރސް އދގެ ހިއުމަން ރައިޓްސް ކައުންސިލްގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވަނީ، ޝިންޖިއާން އުއިގޫރު އޮޓޮނޮމަސް ރީޖަންގެ އިންސާނީ ހައްގުތަކުގެ ހާލަތު އަދިވެސް އޮތީ ކަން ބޮޑުވާފަދަ ދަރަޖައެއްގައި ކަމަށެވެ.
ބެކަރސް ވަނީ، 47 ގައުމެއްގެ ފަރާތުން ގުޅިފައިވާ ބަޔާނެއް ކައުންސިލަށް އިއްވަވާފައެވެ. އޭނާ ވިދާޅުވީ އުއިގޫރު ދަރިކޮޅުގެ މިލިއަނަކަށްވުރެ ގިނަ މީހުންނާއި، އެނޫންވެސް އެހެން މުސްލިމް މައިނޯރިޓީތައް ވަކި ހަމައެއް ނެތި ޗައިނާއިން ބަންދުކޮށްފައިވާކަން އެނގޭ ފަދަ "ސައްހަ ރިޕޯޓްތަކެއް" ލިބިފައިވާ ކަމަށެވެ.
ޗައިނާއިން ވަނީ މީހުން ބަންދުގައި ބައިތިއްބާ ކޭމްޕްތަކެއް ޝިންޖިއާންގައި ހުރި ކަމަށް އިއުތިރާފުވެފައެވެ. ނަމަވެސް އެއީ މަސައްކަތާައި ހުނަރު ދަސްކޮށްދޭ ވޮކޭޝަނަލް ސްކިލްސް ޓްރެއިނިން ސެންޓަރުތަކެއް ކަމަށާއި އެމަސައްކަތަކީ ހަރުކަށި ފިކުރު ހުއްޓުވުމަށް ކޮންމެހެން ވެސް ބޭނުންވާ ވަސީލަތެއްކަމަށް އިއުތިރާފުވެފަ އެވެ.
ނެދަރލެންޑްސްގެ މަންދޫބު ވަނީ ފުޅާ ދާއިރާއެއްގައި ޗައިނާއިން މުސްލިމުންނާ ދެކޮޅަށް ފާރަލުމުގެ މަސައްކަތް ކުރާ ކަމަށާއި އުއިގޫރު ދަރިކޮޅުގެ މީހުންނާއި، އެހެން ބައި މަދު ނަސްލުތަކަށް ނިސްބަތްވާ މީހުންނާ މެދު ތަފާތުކުރުންތައް ޗައިނާއިން ގެންގުޅެމުންދާ ކަމުގެ ރިޕޯޓްތައް ލިބޭ ކަންވެސް ފާހަގަ ކުރައްވާފައެވެ.
އޭނާ ހުށަހެޅުއްވި ބަޔާނުގައި، ކުޑަކުދިންނަށް އަނިޔާ ކުރާ ކަމަށާއި އއިލާތައް ބައިބައި ކުރާ ކަމަށާއި އަންހެނުން ގަދަކަމުން ދަރިމައި ނުވާ ގޮތް ހަދާ ކަމަށް ވެސް ޗައިނާއަށް ތުހުމަތު ކުރެއްވިއެވެ.
އޭނާ ޗައިނާއަށް ގޮވާލެއްވީ މިކަމަށް ޙައްލެއް ހޯދުމަށް މަސައްކަތް ކުރުމަށެވެ.
އޭގެ އިތުރުން ޝިންޖިއާންގެ ހާލަތު މިނިވަންކަމާއެކު އޮބްޒާވް ކުރުމަށް މިނިވަން އޮބްޒާވަރުންނަށާއި އިންވެސްޓުގޭޓަރުންނަށް ހުރަހަކާ ނުލައި އެކްސަސް ދިނުމަށްވެސް އޭނާ ޗައިނާއިން އެދިވަޑައި ގަތެވެ.