އެމްޓީސީސީގެ އައު ބަސްތަކުގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތް ރަސްމީކޮށް ފަށްޓަވައި ދެއްވީ ހުޅުމާލޭ ފޭސް ދޭއްގައި ރޭ ބޭއްވެެވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހެވެ.

މީގެ އިތުރަށް އެމްޓީސީސީން ވަނީ ބަހުގެ ޚިދުމަތް އައު ދެ ރޫޓަކުން ދޭން ވެސް ތާވަލު ކޮށްފައެވެ. މި ބަދަލާއެކު 30 ސެޕްޓެމްބަރ 2021 ވަނަ ދުވަހު ހުޅުމާލެ ދެވަނަ ފިޔަވައްސަށް ތަޢާރަފު ކުރެވުނު ބަހުގެ ޚިދުމަތް ފުޅާވެ، ގްރޭޓަރ މާލެ ސަރަހައްދުގައި މިހާރު ދެމުންގެންދާ 6 ރޫޓުގެ ބަދަލުގައި 8 ރޫޓެއްގެ ޚިދުމަތް ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. ހަމައެހެންމެ ހުޅުމާލެ ދެވަނަ ފިޔަވަހިން މާލެ ވެސްޓް ޕާރކްއަށް ދަތުރުކުރާ ޑައިރެކްޓް ބަސް ރޫޓް މިހާރު އޮޕަރޭޓް ކުރެވެމުންދާ އަވަސްމިން ޕީކް ގަޑީގައި 15 މިނިޓަށް އަދި އޮފް ޕީކް ގަޑީގައި 20 މިނެޓަށް ބަދަލުވެގެންދާނެ ކަމަށް ވެސް އެމްޓީސީސީން ބުނެފައިވެއެވެ. އަދި ފްލީޓަށް އިތުރުކުރެވޭ 15 ޑަބަލް ޑެކަރ ބަސްތަކާއެކު ޖުމްލަ 46 ބަހެއް ޚިދުމަތުގައި ދެން ބޭނުންކުރެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

މި އައު ބަސް ރޫޓްތަކުގެ ޚިދުމަތުގެ އަގަކީ ޕަސިންޖަރަކަށް 15 ރުފިޔާއެވެ. އަދި މިހާރުވެސް ބޭނުންކުރަމުންދާ ބަސް ކާޑު އައު ރޫޓުތަކުން ޚިދުމަތް ހޯދުމުގައިވެސް ކަސްޓަމަރުންނަށް ބޭނުންކުރެވޭނެއެވެ. އިތުރުކުރެވުނު ބަސްތަކާއެކު ގްރޭޓަރ މާލެ ސަރަހައްދުގެ ރައްޔިތުންނަށާއި ވަކިން ޚާއްސަކޮށް ހުޅުމާލެ 2 ވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ބަހުގެ ޚިދުމަތް ހޯދުމުގައި ދިމާވަމުންއައި ދަތިތަކަށް ހައްލު ލިބި، އިތުރު ލުއިފަސޭހަކަން ލިބިގެންދާނެކަމަށް އެެ ކުންފުނިން އުންމީދު ކުރެއެވެ.