ޕާކިސްތާނުން ކާބުލްއަށް 13 މެމްބަރުން ހިމެނޭ ދަންނަބޭކަލުންގެ ވަފްދެއް ފޮނުވުމަށް ޕާކިސްތާނުން ނިންމައިފި ކަމަށް ޕާކިސްތާން މީޑިއާއިން ބުނެފިއެވެ. މި ވަފްދުގެ ދަތުރަކީ ޕާކިސްތާނުގެ ތާލިބާން ޖަމާއަތް ކަމުގައިވާ ތަހްރީކޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ)އާ އެކު ކުރިއަށް ގެންދާ މަޝްވަރާތައް އަވަސް ކުރުމަށް ބާރު އެޅުމެވެ.
ޕާކިސްތާނުގެ އެކްސްޕްރެސް ޓްރިބިއުން ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި އެ ވަފުދު ކާބުލްއަށް ދަތުރުކުރާނެ އެވެ.
ޕާކިސްތާންގައި ތަހްރީކޭ ތާލިބާނުން ދޭ ހަމަލާތައް މަޑު ޖައްސާލުމަށް އެއްބަސްވެފައިވާ މުއްދަތު އިތުރު ކުރުމަށް ތާލިބާނުން މެދުވެރިވެގެން ކުރިއަށް ގެންދާ މަޝްވަރާތަކުގައި މި ވަފްދުން ބައިވެރިވާނެއެވެ.
އެކްސްޕްރެސް ޓްރިބިއުން ނޫހުން ބުނީ ޕާކިސްތާނުގެ ޕާލަމެންޓުން ފާސްކޮށްފައިވާ ގަބީލާ ސަރަހައްދުތަކާ ބެހޭ އިސްލާހު އަނބުރައި ގެންދިއުމަށް ޕާކސްތާނު ތާލިބާނުން ކުރާ ޑިމާންޑް ދޫކޮށްލުމަށް ބާރު އަޅާނެއެވެ. އަދި ޕާކިސްތާނާ ދެކޮޅަށް ތާލިބާނުން ކުރާ "ޖިހާދު" ދޫކޮށްލުމަށް ބާރުއަޅައި ވާހޖަކަ ދައްކާނެއެވެ.
އެކްސްޕްރެސް ޓްރިބިއުން ނޫހުން ބުނީ ތަހްރީކޭ ތާލިބާން ޕާކިސްތާނުން ވަނީ މި ވަފްދާ ބައްދލު ކުރާން އެއްބަސްވެފައެވެ.
ކާބުލްގެ އިންޓަކޮންޓިނެންޓަލް ހޮޓަލުގައި ޕާކިސްތާނު ސަރުކާރުން ތަހްރީކޭ ތާލިބާނާއެކު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ތާލިބާނުން ވަނީ ފުރުސަތު ދީފައެވެ.
މެއި މަހުގެ 18 ވަނަ ދުވަހު ތާލިބާނުންގެ ތަރުޖަމާނު ޒަބީހުالله މުޖާހިދު ވިދާޅުވީ، ތަހްރީކޭ ތާލިބާން މީހުންނާއި އެކު ބާއްވާފައިވާ މަޝްވަރާތަކުގައި އަފްޣާން ތާލިބާނުން ވަނީ އިސްލާމްއާބާދާ ދެކޮޅަށް ހަމަލަތައް ނުދިނުމަށް އެއްބަސްވުމަކަށް އާދެވިފައެވެ.
ޒަބީހުالله މުޖާހިދު ވިދާޅުވީ، ތަހްރީކޭ ޠާލިބާން ޕާކިސްތާނާއި އިސްލާމްއާބާދުން ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވީ، ތާލިބާނުން ދެފަރާތް ދެމެދުގައި މެދުވެރިއެއްގެ ބައި އަދާކުރުމުން ކަމަށެވެ.