ޗައިނާގެ ހައްގުގައި ޓައިވާންގެ އެއްވެސް މިންވަރެއް ޗައިނާއިން ދޫކޮށެއް ނުލާނެއެވެ. ޗައިނާގެ ދިފާއީ ވަޒީރު ވެއި ފެންޣެ ވަނީ ޖޫން މަހުގެ 10 ވަނަ ދުވަހު ސިންގަޕޫރުގައި އޮތް ޝަންގްރިއްލާ ޑައިލޮގްގައި އެމެރިކާގެ ޚާރިޖީ ވަޒީރު ލޮއިޑް އޮސްޓިންއާއެކު ބޭއްވި ބައްދަލުވުމެއްގައި ޗައިނާގެ ރައީސް ޝީގެ ސްޓޭންޑް ތަކުރާރުކުރައްވާފައެވެ.
އެމެރިކާގެ ދިފާއީ ވަޒީރަށް އިންޒާރު ދެއްވަމުން ޗައިނާ ވަޒީރު ވިދާޅުވީ "ހަނގުރާމައެއް ފެށުމަށް ޗައިނާއިން ފަސް ނުޖެހޭނެ" ކަމަށާއި "ޓައިވާނަކީ ޗައިނާގެ ޓައިވާން... ޗައިނާއިން ޓައިވާން ވަކިކުރަން އެއްވެސް މީހަކު އުޅެފިނަމަ ޗައިނާގެ ސިފައިން ކޮންމެ ފަދަ އަގެއް ދައްކަން ޖެހުނަސް ހަނގުރާމައެއް ފެށުމަށް ފަސްނުޖެހޭނެކަން" ކަށަވަރު ކަމަށެވެ.
ޖޫން މަހުގެ 12 ވަނަ ދުވަހު ޖަޕާންގައި އޮތް ސަމިޓްގައި އެމެރިކާގެ ރައިސް ބައިޑެން ދެއްވި ހަރުކަށި ތަގުރީރަށް އިޝާރާތް ކުރައްވައި ވެއި ވިދާޅުވެފައި ވަނީ ޓައިވާންގެ މިނިވަންކަން ހުއްޓުވަން "އެންމެ ފަހު ވަގުތާ ހަމައަށް ވެސް ޗައިނާއިން ހަނގުރާމަ" ކުރުމަށް ތައްޔާރށް އޮތް ކަމަށެވެ.
ޓައިވާނަށް ޗައިނާއިން ހަމަލާއެއް ދީފާނެ ކަމުގެ ބިރާއި އެމެރިކާގެ ރައްދު ހަމަލާއެއް އަތުވެދާނެ ކަމުގެ ފުރުސަތު މިވަގުތަކަށް ލަފައެއް ނުކުރެވެއެވެ.
އެމެރިކާގެ ގާނޫނު، ޓައިވާން ރިލޭޝަންސް އެކްޓް 1959 ގައި ބުނެފައި ވަނީ "ޓައިވާންގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުވަތަ އިޖުތިމާއީ ނުވަތަ އިގުތިސޯދީ ނިޒާމަށް ނުރައްކަލެއް ކުރިމަތިކުރުވާފަދަ އެއްވެސް ކަމެއް ހުއްޓުވުމަށް އެމެރިކާއިން ޓައިވާންގެ ގާބިލްކަން ދަމަހައްޓާނެ ކަމަށެވެ.
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާއި ޕެންޓަގަންގެ ކުރީގެ އޮފިޝަލުންނާއި ޗައިނާގެ ތަޖުރިބާކާރުން ގުޅިގެން އެޕްރީލް މަހު ބޭއްވި ހަނގުރާމައިގެ ގޭމެއްގައި ބަލާފައި ވަނީ 2027 ވަނަ އަހަރު ޗައިނާއިން ޓައިވާނަށް އަރައުގެންފި ހިނދެއްގައި ހަނގުރާމައިގެ ހާލަތު އޮންނާނެ ގޮތަކާ ބެހޭ ގޮތުންނެވެ.
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާއި ޕެންޓަގަންގެ ކުރީގެ އޮފިޝަލުންނާއި ޗައިނާގެ ތަޖުރިބާކާރުން ނާ ހަވާލާދީ ވޮޝިންޓަން ޑީސީގައި ގާއިމްކޮށްފައިވާ ތިންކް ޓޭންކް ސެންޓާ ފޯ އަ ނިއު އެމެރިކަން ސެކިއުރިޓީ (ސީއެންއޭއެސް) އިން ބުނީ މި ގޭމުން ދެއްކީ ހަނގުރާމައިގެ ފުރަތަމަ ހަފުތާއަށް ފަހު ބެއިޖިން އަށް ވެސް އަދި ވޮޝިންޓަނަށް ވެސް ހަނގުރާމައގައި ކުރި ނުލިބިދާނެ ކަމަށެވެ.
ބެއިޖިންއިން ނިއުކްލިއަރ ހަތިޔާރު ބޭނުން ކުރުމުގެ ފުރުސަތު ބޮޑުކަން ހާމަކުރަމުން ސީއެންއޭއެސް އިން މި ގޭމަށްފަހު އިންޒާރު ކޮށްފައި ވަނީ ޗައިނާ އާއި އެމެރިކާއާ ދެމެދު ރަތް ރޮނގު ހުރަސްކޮށް ހަނގުރާމަ އިގެ މައިދާނުގައި ހީވެސް ނުކުރާފަދަ އަވަސް ގޮތަކަށް މަސްރަހު ހޫނުވެދާނެ ކަމަށެވެ.
ރަޝިއާ އާއި ޔޫކްރެއިން ހަނގުރާމައިން ބެއިޖިން އަށް މޮސްކޯގެ އަސްކަރީ އުކުޅުތަކާއި އެ ގައުމުގެ ލޮޖިސްޓިކް މައްސަލަތަކާއި ހަނގުރާމައިގެ ފުރަތަމަ މަރުހަލާގައި ކޯޑިނޭޝަން ގެއްލުމާއި އެފަދަ ނާކާމިޔާބީތައް ހުއްޓުވުމާއި ޓައިވާނަށް ދޭ ހަމަލާއެއްގައި އެއިން ލިބޭ ފިލާވަޅުތައް ބޭނުންކުރާނެ ގޮތް ޗައިނާއިން ދަސްކުރަމުން ދެއެވެ.
ޖޯޖިއާ، ޗެޗްނިއާ، ސީރިއާ އަދި ކްރައިމިއާގައި އެކަށީގެންވާ މިންވަރަށް ހަނގުރާމައިގެ ތަޖުރިބާ ހޯދި ނަމަވެސް ރަޝިޔާ ވަނީ ޔޫކްރެއިން ބަލިކުރަން ނުކުޅެދިފައެވެ.
މިއީ ޗައިނާއަށް ލިބޭނެ އަގުހުރި ފިލާވަޅެކެވެ. ޗައިނާގެ އަސްކަރީ ތަޖުރިބާކާރުން ރަޝިޔާގެ ފުރަތަމަ ނާކާމިޔާބީތައް ކުރިމަތިވި ސަބަބާމެދު ދިރާސާކޮށް ހައްލުތަކާ މެދު މަޝްވަރާކުރަމުންދާކަމަށް ރިޕޯޓްތައް ބުނެއެވެ.
ޓައިވާންގެ 24 މިލިއަން މީހުންގެ އާބާދީ އޮންނަނީ ވެރިރަށް ޓައިޕޭ ފަދަ ތޮއްޖެހިފައިވާ އުމްރާނީ ސަރަހައްދަކަށ ްޖަމާވެފައެވެ. އެފަދަ ސަރފަހައްދަކަށް އެއްގަމު މަގުން ހަމަލައެއް ފެށުމުގެ ކުރިން ޔޫކްރެއިންގެ އުމުރާނީ ސަރަހައްދުގައި ރަޝިޔާއިން ކޮށްފައިވާ ތަޖުރިބާތަކުން ޗައިނާ ފިލާވަޅު ލިބިގަންނާނެ އެވެ.
ޓައިވާނަކީ (36،197 އަކަ ކިލޯމީޓަރު)ގެ ސަރަހައްދެކެވެ. އެއާ ޚިލާފަށް ޔޫކްރެއިންއަކީ (603،548 އަކަ ކިލޯމީޓަރު) ގެ ސަރަހައްދެކެވެ.އެހެންވެ، ރަޝިއާއަށް ކުރިމަތިވި ފަދަ ބިންތައް ކޮންޓްރޯލް ކުރުމުމުގެ މައްސަލައެއް ޗައިނާގެ ފައުޖުތަކަށް ދިމާނުވުމަކީ ޗައިނާއަށް ލިބޭނެ މޮޅެކެވެ.
އެމެރިކާގެ ހިލޭ ސާބަހަށް މަސައްކަތްކުރާ ގްލޯބަލް ޕޮލިސީ ތިންކް ޓޭންކް ރޭންޑް ކޯޕަރޭޝަނުން 2000ގެ އަހަރުތަކުގެ ކުރީކޮޅު ޓައިވާންގެ މައްސަލައިގައި އެމެރިކާއާއި ޗައިނާގެ ކުރިމަލުމެއް ހިނގައިފިނަމަ، އެ ކުރިމަތިލުމެއްގައި ކާމިޔާބު ހޯދި ފަރާތެއް ހޯދުމަށް ހަނގުރާމައިގެ ގޭމްސްތައް ބޭއްވިއެވެ. އޭގެ ތެރެއިން އެއް ގޭމެއްގެ ނަތީޖާގައި ހާމަކޮށްފައިވާ ގޮތުގައި ޕެންޓަގަން ބަލާފައި ވަނީ ޗައިނާއިން މަސައްކަތް ކުރާނީ އިރާގްގައި އެމެރިކާއިން ގެންގުޅުނުފަދަ ސިފައިން އެއްތަނެއްގައި ޖަމާވިޔަ ނުދިނުމަށް އހުރަސް އެޅުމުގެ އުކުޅު ބޭނުން ކުރުން ފަދަ ކަމަެކެވެ.
ރޭންޑް ޖަމާއަތުން މި ނަތީޖާއަށް އައީ ބެއިޖިންގެ އަސްކަރީ ޕްލޭންތަކާއި ހަތިޔާރު ޕްރޮގްރާމްތަކާ ބެހޭ ގޮތުން އެމެރިކާގެ ޖާސޫސީ ފަރާތްތަކުން ހޯދި ދިރާސާތަކަށް ފަހުއެވެ.
ޗައިނާގެ ސިފައިން އެމެރިކާއާ ކުރިމަތި ލުމަށް ޒަމާނީ ލަޝްކަރެއްގެ ގޮތުގައި ބައްޓަން ކުރުމަށް 1993ން ފެށިގެން މަސައްކަތް ފަށާފައި ވެއެވެ. 1993 ވަނަ އަހަރު އޭރުގެ ޗައިނާ ރައީސް ޖިއާން ޒެމިން ވަނީ "ޒަމާނީ ހާލަތުގައި ލޯކަލް ހަނގުރާމަތައް" ކުރުމުގެ ޝިއާރުގެ ދަށުން ސިފައިން ތަރައްގީ ކުރަން މަސައްކަތް ކުރައްވާފައެވެ.
އޭނާގެ ފަހުން ވަޑައިގަތް ރައީސް ހޫ ޖިންޓާއޯ އިތުރަށް ކުރިއަށް ވަޑައިގެން ޗައިނާ ސިފައިންނަށް އިރުޝާދު ދެއްވީ "މައުލޫމާތު ގެ ހަމަތަކުގެ މަތިން ލޯކަލް ހަނގުރާމަތައް ކާމިޔާބު ކުރުމަށެވެ."
އެއަށްފަހު ދެހާހުގެ އަހަރުތަކުގެ ތެރޭގައި ޗައިނާ ސިފައިންގެ ކާމިޔާބީގެ ބާރަކަށް ވެގެން ދިޔައީ ސައިބާ އަދި ސްޕޭސްގެ ރޮނގުންނާއި އަދި އިލެކްޓްރޯމެގްނެޓިކް ހަނގުރާމަތަކަށް ވަރަށް ފުޅާ ދާއިރާއެއްގައި ފޯކަސް ކޮށްގެން ސިފައިން ތަރައްގީ ކުރުމުގެ މަސައްކަތް ކުރުމުގައެވެ.
ޗައިނާގެ ރައީސް ޝީގެ ޒައާމަތުގައި ޒަމާނީ، ޓެކްނޮލިޖީއަށް އަހުލުވެރި ސިފައިންގެ ފައުޖަކަށް ޗައިނާ ސިފައިން ބައްތގަން ކުރެވިގެން ދިޔައެވެ. ޝީ ވަނީ ޗައިނާ ސިފައިންގެ ސްޓްރެޓީޖިކް ސަޕޯޓް ފޯސް، ސައިބަރ، ސްޕޭސް އަދި އިލެކްޓްރޯނިކް ވޯފެއަރ ސަރވިސް ބްރާންޗް އުފައްދަވައި ޚާއްސަ ތަމްރީން ލިބިފައިވާ މީހުން އެލަޝްކަރުގައި ހިމަނުއްވާފައެވެ. އަދި 2015 ވަނަ އަހަރު ޗައިނާ ރައީސް އެކަން އިއުލާން ކުރެއްވިއެވެ.
އެމެރިކާގެ ދިރާސާތަކުން ދައްކާ ގޮތުގައި އެމެރިކާއާ އެއްވެސް ކަހަލަ ދެކޮޅުވެރިކަމެއް އުފެދިއްޖެނަމަ، ޗައިނާ ސިފައިން ބަރޯސާވާނީ ޖައްވުގެ މަގުންނާއި ވައިގެ މަގުން ހިންގާ ފާރަވެރިވުމުގެ އަމަލުތަކާއެކު ލިބިގެންވާ ޚާއްސަ ބާރުތައް ބޭނުން ކުރާށެވެ.
އެގޮތުން ދެކުނު ޗައިނާ ކަނޑުގައި ޗައިނާގެ މަސްއޫއީ އަސްކަރީ ޖަޒީރާތަކާއި ސަބްމެރިންތަކާއި މަނަވަރުތައް ބޭނުންކޮށްގެން ހުޅަނގު ޕެސިފިކްގެ އެމެރިކާގެ އަސްކަރީ މަރުކަޒު (ގުއާމް) އަދި އިންޑިއާ ކަނޑުގެ ސަރަހައްދުގައިވާ ފޯޅަވައްސަށާއި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދޭނެއެވެ. މި ކަމުގައި އެމެރިކާއަށް ޗައިނާގެ ކާމިޔާބީ ބޮޑުވާނެކަމަށް ދައްކައެވެ.
އެމެރިކާގެ 300 މަނަވަރާ ޚިލާފަށް ޗައިނާގައި 360 ހަނގުރާމަމަތީ މަނަވަރު އޮވެއެވެ.
2030 ވަނަ އަހަރު ހިނގާފާނެކަމަށް ލަފާކޮށް ޕެންޓަގަންއިން 2020 ވަނަ އަހަރު ނެރުނު ހަނގުރާމައިގެ އެހެން ގޭމުން ވެސް މި ނަތީޖާ ދައްކައެވެ.
މި ގޭމްތަކުގައި ދައްކަނީ ޗައިނާއިން ޓައިވާނަށް ހަމަލައެއް ދީފިނަމަ، ޓައިވާން ދިފާއުކުރުމަށް އެމެރިކާއިން އަޅާ ފިޔަވަޅަކުން ޗައިނާއިން ގުއާމްއަށް އަމާޒުކޮށް ދފޭ ހަމަލާ ވެގެން ދާނީ އެމެރިކާ އިނދެޖައްސާލާ ފަދަ ހަމަލައަކަށެވެ.
އެމެރިކާގެ ދިފާއީ މަސްދަރުތަކާ ހަވާލާދީ ޓައިމްސް ނޫހުން ބުނެފައި ވަނީ އެ ހާލަތުގައި އިންޑޯ ޕެސިފިކް ސަރަހައްދުގައި ހުންނަ އެމެރިކާގެ ކޮންމެ މަރުކަޒަކަށް ޗައިނާއިން ހަމަލާއެއް ދީފާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.
ސެންޓާ ފޯ ސްޓްރެޓީޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީޒް (ސީއެސްއައިއެސް) ގެ ޗައިނާ ޕަވާ ޕްރޮޖެކްޓްގެ ޑިރެކްޓަރު ބޮނީ ގްލޭޒާރު ޓައިމްސް އަށް ވިދާޅުވި ގޮތުގައި ޓައިވާނަކީ ދެ ސުޕަޕަވަރުންގެ މެދުގައި އޮތް "އެންމެ ހަލަބޮލި މައްސަލަ" އެވެ. އެ މައްސަލަ އަކީ ނިއުކްލިއާ ހަނގުރާމައެއް ފެށިދާނެ ކަމުގެ އިންޒާރު ދެވޭ މައްސަލައެކެވެ.
2018 ވަނަ އަހަރާއި 2020 ވަނަ އަހަރު ވެސް ހަނގުރާމައިގެ އިތުރު ދެ ގޭމެއް ގައި ދައްކައި ދީފައި ވަނީ ޗައިނާއިން ގުއާމްއަށް އަމާޒުކުރާނެ ކަމަށެވެ. 2018 ވަނަ އަހަރުގެ ހަނގުރާމައިގެ ގޭމްއިން ހާމަވި ގޮތުގައި އަސްކަރީ ޓެކްނޮލޮޖީއާއި މިސައިލްތަކުގައި ޗައިނާއިން ހޯދާފައިވާ ކުރިއެރުމަށް ރިއާޔަތްކޮށް އެމރިކާއިން އެގައުމުގެ އަސްކަރީ ތަރައްގީ ކުރުމުގެ މިސްރާބު ބަދަލު ނުކޮށްފިނަމަ އެމެރިކާގެ އަސްކަރިއްޔާ ގެ ބާރު ވަރަށް ބޮޑަށް ގެއްލޭނެއެވެ.
2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އެމެރިކާއިން ބޭއްވި އެހެން ހަނގުރާމައިގެ ގޭމެއްގައި ޗައިނާއިން ވަނީ ކޮވިޑް-19 ފެތުރެން ފެށިތާ އަހަރަކަށްވުރެ މަދު ދުވަސްކޮޅެއް ފަހުން، އިންޑޯ ޕެސިފިކް ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށާއި ހަނގުރާމަމަތީ މަނަވަރުތަކަށް ހަމަލާދިނުމަށް ބަޔޮލޮޖިކަލް ހަތިޔާރު ބޭނުންކޮށްފައެވެ.
އެމެރިކާ ސިފައިން ކުޅުނު މި އަންދާސާ ގޭމް ނިމުނީ ޗައިނާގެ މިސައިލްތައް އެމެރިކާގެ ބޭސްތަކަށާއި ހަނގުރާމަމަތީ މަނަވަރުތަކަށް ހަމަލާދީ، ވައިގެ މަގުން ކުއްލި ހަމަލައެއްދީ ކުރި ހޯދިތަނެވެ.
އަސްކަރީ ގޮތުން ޗައިނާއިން ވަނީ މާގިނަ ވައްތަރުގެ ހަތިޔާރު އުފައްދާފައެވެ. އޭގެ ތެރޭގައި މަތިންދާބޯޓް އުފުލާ މަނަވަރުތައް ގޮއްވާލާ ޒާތުގެ މިސައިލްވެސް ހިމެނެއެވެ. އެހެންވެ، ޗައިނާ ބަލި ކުރަން އަދި ވަގުކޮޅެއް ބޭނުން ވެއެވެ.