އަށްވަނަ ބައިނަލްއަޤުވާމީ ޔޯގާ ދުވަސް ޔޫއޭއީގައި ކުލަގަދަ ކޮށް ފާަހަގަ ކޮށްފިއެވެ. ޔޫއޭއީގައި ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަ ކުރުމުގައި ޝަރަފްވެރި މެހުމާނަކަށް ހުންނެވީ ޔޫއޭއީގެ މިނިސްޓަރ އޮފް ޓޮލަރެންސް އެންޑް ކޯއެގްޒިސްޓެންސް ޝައިޚް ނަޙްޔާން ބިން މުބާރަކް އާލަ ނަހްޔާންއެވެ.
އަބޫދާބީގެ ލޫވަރ މިއުޒިއަމްއާއި އިންޑިއާ އެމްބަސީ ގުޅިގެން ބޭއްވި ޔޯގާޑޭ ފާހަގަ ކުރުމުގައި ފަސް ހާހެއްހައި މީހުން ބައިވެރިވި އެވެ.
ޝެއިޚު މުބާރަކު ބައިވެރިންނާ މުޚާތަބު ކުރައްވަމުން ވިދާޅުވީ ދުވަހުގެ ތަހުނިޔާއާއި އެކު ހުރިހައި ބޭފުޅުންނަށްވެސް 'ނަމަސްތޭ" ދަންނަވާ ކަމަށެވެ.
ޔޫއޭއީގެ ރައްޔިތުންނާއި އެގައުމުގައި ދިރިއުޅޭ ބޭރު މީހުންނާއެކު އިންޑިއާގެ އެމްބެސެޑަރ ސަންޖޭ ސުދީރުވެސް ބައިވެރިވެވަޑައިގަތެވެ. ބައިނަލްއަގްވާމީ ޔޯގާ ދުވަސް މިއަހަރު ފާހަގަ ކޮށްފައި ވަނީ "ޔޯގާ ފޯ ހިއުމެނިޓީ" މި ޝިއާރުގެ ދަށުންނެވެ.
ޝެއިޚު މުބާރަކްގެ ތަގްރީރުގައި ވިދާޅުވީ އިންސާނީ ތަރިކައިގެ ތެރޭގައި ހިމެނޭ އަޚުލާގު ޕްރޮމޯޓް ކުރުމަށް ޔޫއޭއީން މަސައްކަތް ކުރާ ކަމަށެވެ.
"ޔޫ.އޭ.އީގައި، އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި، އަޅުގަނޑުމެންގެ އާންމު އިންސާނީ ތަރިކައިގެ ތެރޭގައި ހިމެނޭ އަޚްލާޤީ އަގުތަކާއި އުޞޫލުތައް ދިފާޢުކޮށް، ކުރިއެރުވުމުގައި، ދުނިޔޭގެ އެހެން ޤައުމުތަކާ ގުޅިގެން މަސައްކަތް ކުރެވޭނެ ވަރަށް ތަނަވަސް ދާއިރާއެއް އެބައޮތް. ޔޯގާއަކީ، އިންޑިޔާއިން ދުނިޔެއަށް ދީފައިވާ ހަދިޔާއެއް." ޝެއިޚު މުބާރަކް ވިދާޅުވިއެވެ.
އަދި އޭނާ ވަނީ ޔޯގާ ދުވަސް ފާހަގަ ކުރުމަށް އިންޑިއާއިން ހަމަޖައްސައިދިން ކަމަށްޓަކައި އިންޑިއާއަށް ޝުކުރު އަދާ ކުރައްވާފައެވެ.
"މި ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ދެއްވި ކަމަށްޓަކައި އިންޑިޔާގެ މުޅި ޤައުމަށް އަޅުގަނޑުމެން ޝުކުރު އަދާކުރަން. ޔޯގާގެ އަސާސްގެ ރޫޙުގައި، ސިޔާސީ، ފިކުރު ނުވަތަ ދީނަށް ބެލުމެއްނެތި، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ކުރާ މަސައްކަތް ޔޫއޭއީން ދެގުނައަށް އިތުރުކުރާނަން. އަޅުގަނޑުމެން އެކަކު އަނެކަކަށް ކަމޭހިތަވައި، އަބުރުވެރިކަމާއި ދުޅަހެޔޮ ޞިއްޙަތެއްގައި އެކުގައި އުޅުމަށް ޢަޒުމް ކަނޑައަޅާފަދައިން، ޞުލްޙަވެރިކަމާއި އަމާންކަމުގެ ރޫޙުގައި، އެކަކު އަނެކަކާ ހަމައަށް ވާސިލުވުމަށް އަޅުގަނޑުމެން ގަދައަޅައި މަސައްކަތް ކުރާނަން."
އަބޫދާބީގެ ޒައިދު ކްރިކެޓް ސްޓޭޑިއަމްގައި އޮތް ޔޯގާ ދުވަހުގެ ހަރަކާތްތަކުގެ ޝަރަފުވެރި މެހެމާންގެ ހައިސިއްޔަތުން ޝެއިޚު މުބާރަކު ވިދާޅުވިއެވެ.