ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އިސްވެރިޔާ އަމިއްލަފުޅަށް ޤަބޫލުކުރައްވާ ގޮތުގައި ކޯވިޑް-19ގެ ބަލިމަޑުކަން ފެތުރެން ފަށާފައިވަނީ ޗައިނާގެ ލެބޯޓްރީއަކުން ލީކުވުމާ ގުޅިގެން ކަމަށް މެއިލް އޮން ސަންޑޭއިން ރިޕޯޓްކޮށްފިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިޔޭސޫސް، ޔޫރަޕްގެ އިސް ސިޔާސީ ބޭފުޅަކަށް ދާދި ފަހުން ވިދާޅުވި ގޮތުގައި، އޭނާ ބޮޑަށް ބުރަވެ ވަޑައިގަންނަވާ ގޮތަކީ ވޫހާންގެ ލެބޯޓްރީއެއްގައި ހިނގި ކާރިސާއެއްގެ ސަބަބުން ވައިރަސް ލީކުވީ ކަމަށެވެ.

މެއިލް އޮން ސަންޑޭ އިން ބުނިގޮތުގައި ޗައިނާގެ ވޫހާން އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީއާ މެދު ހުޅަނގުގެ ޖާސޫސީ ފަރާތްތަކުން ނުތަނަވަސްކަން ފާޅުކޮށްފައި ވަނީ އެ އިދާރާގައި އެކަށީގެންވާ ވަސީލަތްތައް ނެތުމުންނެވެ. ވޫހާޏުން ފެތުރުނު ކޮރޯނާއިން މުޅި ދުނިޔެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 18 މިލިއަނަށް ވުރެ މައްޗަށް އަރާފައެވެ.