ޗައިނާގެ ޝިންޖިއާން ސަރަހައްދުގެ ކުރީގެ ވެރިޔާގެ މަގާމު ދަށްކޮށްފިއެވެ. އޭނާ މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ އެގައުމުގެ އެހެން ހިސާބުތަކުގައި ދަނޑުވެރިކަމުގެ ދާއިރާގައި އިސް މަގާމެއްގައި ކަމަށް ދައުލަތުގެ މީޑިއާއިން މިދިޔަ ހަފްތާގައި ނިއްކީ އޭޝިއާއިން ރިޕޯޓް ކޮށްފައި ވެއެވެ.
ބައެއް އޮބްޒާވަރުން ވިދާޅުވާ ގޮތުގައި މި ފިޔަވަޅުން ދޭހަކޮށްދެނީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ލީޑަރުކަމުގެ ތިންވަނަ ދައުރަކަށް ރައީސް ޝީ ޖިންޕިން ހޮވިވަޑައިގަތުމަށް ކުރައްވާ މަސައްކަތުގައި ޗައިނާއާއި އެމެރިކާއާއެކު އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރެއްވުމަށް އެޅުއްވި ފިޔަވަޅެއްގެ ގޮތުގައެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު ޝިންޖިއާން އުއިޣުރު އޮޓޮނޮމަސް ރީޖަންގައި ކޮމިއުނިސްޓް ޕާޓީގެ ވެރިޔާގެ މަގާމުގައި ހުންނެވި ޗެން ކުއާންގުއޯ ގެ މަގާމު ބދަލުކުރުމަށްފަހު މިހާރު އޭނާ މަސައްކަތް ކުރައްވަމުން ގެންދަވަނީ ކޮން ހިސާބެއްގައިކަން އަދި ސާފުވެފައެއް ނުވެއެވެ. ނަމަވެސް މިދިޔަ ހަފްތާގައި ޒިންހުއާ ނިއުސް އޭޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި ޗެން ވަނީ އެ ޕާޓީގެ "ސެންޓްރަލް ރޫރަލް ވޯކް ލީޑިން ގްރޫޕް" ގެ ޑެޕިއުޓީ ހެޑްގެ ހައިސިއްޔަތުން ދަނޑުވެރިކަމުގެ ސިޔާސަތާ ބެހޭ ގޮތުން ޖޫން މަހުގެ 14 ވަނަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންފައެވެ.
ޗައިނާގެ މީޑިޔާގެ މަސްދަރަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިއީ ކޮމިއުނިސްޓް ޕާޓީގެ ގައުމީ ކޮންގްރެސްއާ ދިމާކޮށް، ފެނިގެން ގޮސްފައިވާ ކަމެކެވެ.
ޗެންއަކީ އުމުރުފުޅުން 66 އަހަރުފުޅުގެ ބޭފުޅެކެވެ. އަދި ނުފޫޒުގަދަ ޕޮލިޓް ބިއރޯގެ މެމްބަރެއްގެ ގޮތުގައި އޭނާ ބަހައްޓާނެ ކަމެއް ނުވަތަ ނޫންކަމެއްވެސް އަދި ސާފެއް ނުވެއެވެ.
2016 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރާ ހަމައަށް ކޮމިއުނިސްޓް ޕާޓީގެ ޝިންޖިއާން ހެޑްގެ މަގާމު ފުރުއްވި ޗެން، 2017 ވަނަ އަހަރު ޕޮލިޓްބިއުރޯގެ މެމްބަރުކަމަށް އައްޔަން ކުރިއިރު، އޭނާ ވަނީ ކޮމިއުނިސްޓް ޕާޓީގެ އެންމެ އިސް 25 އޮފިޝަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ފައެވެ. އަދި ނެޝަނަލް ކޮންގްރެސްގައި ޕާޓީގެ އެންމެ މަތީ އިދާރާ ކަމަށްވާ ޕޮލިޓިކަލް ބިއުރޯ ސްޓޭންޑިންގ ކޮމިޓީއަށް ވަނުމުގެ ޝަރުތު ވެސް އޭނާއަށް ވަނީ ހަމަވެފައެވެ.
ޗެންގެ "ޑިމޯޝަން" ގެ ސަބަބުން ބެއިޖިން އިން ވޮޝިންޓަންއާ އެކު އުފެދިފައިވާ ނުތަނަވަސްކަން ފިނިކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަށް ވަނީ އިތުރު ބާރެއް ލިބިފައެވެ.
ޗެންއަކީ އެމެރިކާ ސަރުކާރުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ލިސްޓްގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އޭނާއަށް ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގައި ތުހުމަތުކޮށްފައި ވަނީ ޝީންޖިއާންގްގައި އިންސާނީ ހައްގުތައް ނިގުޅައިގަތުމުގައި އިސް ދައުރެއް އަދާކުރައްވާފައިވާ ކަމަށެވެ.