އަފްޣާނިސްތާނުގެ މަގުތަކަށް ވަނީ ހިތާމައާއި މޯޅިކަން ވެރިވެފައެވެ. ދެ ދުވަހުގެ ތެރޭގައި އަފްޣާނިސްތާނުގެ ބައެއް ސަރަހައްދުތަކަށް 4.3 މެގްނިޓިއުޑްގެ ބާރުމިނުގައި އިތުރު ބިންހެލުމެއް ވަނީ އައިސްފައެވެ.މި ބިންހެލުން އައިސްފައިވަނީ އަފްޣާނިސްތާނުގެ ފައިޒްއާބާދުގެ ދެކުނު ހުޅަނގު ދެކުނުން 76 ކިލޯމީޓަރު ދުރުން 163 ކިލޯމީޓަރު އަޑިއަށެވެ.
ބުދަ ދުވަހުވެސް އިރުމަތީ އަފްޣާނިސްތާނަށް ބިންހެލުމެއް އައިސްފައި ވެއެވެ. މި ހާދިސާގައި މަރުވި މީހުންގެ އަދަދު 1000 އަށް ވުރެ މަތިވާނެ ކަމަށް ބެލެވެއެވެ. އަދި ޒަޚަމްވެފައިވާ މީހުންގެ އަދަދު، 1500 އަށް ވުރެ ގިނަ ވާނެކަމަށްވެސް ބެލެވެއެވެ.
ބިން ހެލުމުގައި އެންމެ ބޮޑަށް އަސަރުކޮށްފައިވާ ސަރަހައްދުތަކަކީ ޚޯސްތު ޕްރޮވިންސްގެ ސްޕެރާ ޑިސްޓްރިކްޓްއާއި، ޕަކްތިކާ ޕްރޮވިންސްގެ ބަރްމަލާ، ޒިރޫކް، ނަކާ އަދި ގަޔާން ޑިސްޓްރިކްޓްތަކެވެ.އަފްޣާނިސްތާނުގެ ތުލޫޢު ނިއުސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ބިންހެލުން އައިސްފައިވަނީ ރޭ މެންދަމު 1:30 ހާއިރު އެވެ. އޭނާ ވިދާޅުވީ މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ގިނައީ އެ ޕްރޮވިންސްގެ ގިޔާން ޑިސްޓްރިކްޓްގެ މީހުން ކަމަށެވެ.
ތާލިބާނުންގެ ތަރުޖަމާނު ޒަބީހުالله މުޖާހިދު ވިދާޅުވީ ބިންހެލުމުގައި ގެއްލުން ލިބުނު ރައްޔިތުންނަށް އެހީވުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ތާލިބާނުން ކުއްލި ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.
ޔޫއެސް ޖިއޮލޮޖިކަލް ސާވޭއިން ބުނީ މި ބިންހެލުން އައިސްފައިވަނީ ޚޯސްތު ސިޓީއާ 44 ކިލޯމީޓަރު ދުރުގައި ކަމަށާއި ރިކްޓަރ މިންގަނޑުން 6.1 ގެ ބިންހެލުމެއް ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މި ކާރިސާ އަކީ އަފްޣާނިސްތާނުގައި ތާލިބާނުން ވެރިކަމާ ހަވާލުވި ފަހުން އިގުތިސާދީ ބޮޑު ކާރިސާއަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައި، ދިމާވެފައިވާ ހިތާމަވެރި ހާދިސާއެކެވެ.
އެމެރިކާ އިސްވެ އޮވެ ބައިނަލްއަގުވާމީ ފައުޖުތައް 20 އަހަރު ވަންދެން އަފްޣާނިސްތާންގައި ކުރި ހަނގުރާމައަށް ފަހު އެގައުމު އެކަހެރިވެފައި ވަނިކޮށް، އެތެރޭގައިވެސް ހަަމަނުޖެހުން ބޮޑު ވެފައި ވެއެވެ.
އަފްޣާނިސްތާނަށް އައި ބިންހެލުމާ ގުޅިގެން އިންޑިއާއިން ވަނީ އަފްޣާނިސްތާނަށް ތައުޒިޔާ ކިޔާފައެވެ. އިންޑިއާއިން ބުނީ، މި ބޭނުންޖެހިފައިވާ މި ވަގުތުގައި އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމުގައި އެ ގައުމުގައި ދެމި އޮތް ކަމަށެވެ.