ޕާކިސްތާނާއި އީރާނުގެ ގުޅުން ސަރަހައްދު ހުރަސްކޮށް ދޭ މައްސަލަތަކާ ހެދި ގޯސްވަމުންދާ ކަމަށް މީޑިއާއިން ބުނެއެވެ. އީރާނުން އެދިފައިވަނީ ޕާކިސްތާން ސަރަހައްދު ހުރަސްކޮށް އީރާނަށް ދެމުންދާ ހަމަލާތައް ހުއްޓުވާށެވެ. އީރާނުން ވަނީ ޕާކިސްތާނުގެ 107 ރެފިއުޖީން މި މަހު ކުރީކޮޅު ޑީޕޯޓްކޮށްފައެވެ. ޕާކިސްތާނުގެ ސިންދު ޕްރޮވިންސްގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ސިންދުދޭޝް ރިޕަބްލިކަން އާމީ (އެސްއާރްއޭ)ގެ ކެޑޭޓުންނަށް ތެހެރާނުން ތަމްރީނުދޭ ކަމަށް ޕާކިސްތާނުން ތުހުމަތު ކުރެއެވެ.
ޕޯޓަލް ޕްލަސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ކަރާޗީގައި ސިންދު ރިޕަބްލިކަން އާމީން ވަނީ އައިއީޑީއެއް ގޮއްވާލައިގެން ހަމަލާއެއް ދީފައެވެ. މިހާދިސާއާ ގުޅިގެން ކަރާޗީގެ މައުރީޕޫރު ސަރަހައްދުގައި ހިނގި ކުރިމަތިލުމެއްގައި ދެ މީހެއްގެ ގަޔަށް ބަޑިޖަހައި މަރާލާފައި ވެއެވެ. އިސްލާމްއާބާދުގެ ކައުންޓާ ޓެރަރިޒަމް ޑިޕާޓްމަންޓުން ބުނީ އުމުރުން 28 އަހަރާއި 26 އަހަރުގެ ދެ މީހުންނަކީ އީރާނުން ތަމްރީން ހޯދާފައިވާ ދެމީހުންނެވެ. އަދި މި ދެމީހުންނަކީ ގޮވާތަކެތީގެ ތަޖުރިބާކާރުން ކަމަށެވެ.
ޕާކިސްތާނުން ބުނާގޮތުގައި އީރާނުން ވަނީ ސިންދު ރިޕަބްލިކަން އާމީގެ ވެރިޔާ އަސްޣަރު އަލީއަށް އީރާނުގައި ރައްކާތެރި ސަރަހައްދެއް ފޯރުކޮށްދީފައެވެ. ޕޯޓަލް ޕްލަސްއިން ރިޕޯޓްކުރާ ގޮތުގައި، ޕާކިސްތާންގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ޚާން ވަނީ މި މައްސަލަތައް ތެހެރާނަށް ކުރެއްވި ދަތުރުފުޅުގައި އީރާންގެ އޭރުގެ ރައީސް ރައީސް ހަސަން ރޫހާނީގެ ސަމާލުކަމަށްވެސް ގެންނަވާފައެވެ.
އީރާނުން ތުހުމަތު ކުރާ ގޮތުގައި ޖެއިޝުލް އަދުލު ނަމަކަށް ކިޔާ ސަލަފީ ޖަމާއަތަކަށް ޕާކސްތާނުން ވާގި ވެރިވެއެވެ. އީރާނުގައި ޖައިޝުލް އަދުލަކީ މަނާކޮށްފައިވާ ޖަމާއަތެކެވެ. އީރާނުން ތުހުމަތު ކުރާ ގޮތުގައި ޖެއިޝުލް އަދުލުގެ މުއްލާ އުމަރު ނަމަކަށް ކިޔާ މީހަކު ވަނީ އީރާނގެ ސިފައިންގެ ބަޔަކު މަރާލާފައެވެ. އަދި އީރާނުން އޭނާ ހޯދަން ޕާކިސްތާންގައި އެދުމުން ޕާކިސްތާނުން އެކަމަށް އިޖާބަ ދީފައެއް ނުވެއެވެ.