1979 ވަނަ އަހަރުގެ ފަހުން ސްޕެއިނުން ފުރަތަމަ ފަހަރަށް ކޮލެރާ ޖެހިފައިވާ މީހަކު ފެނިއްޖެއެވެ. އެޕިޑެމިއޮލޮޖީ ކޮންފަރެންސެއްގައި ވާހަކަދައްކަވަމުން މެޑްރިޑްގެ ޕަބްލިކް ހެލްތު ޑިރެކްޓަރ އެލީނާ އެންޑްރާޑާސް ވަނީ ކޮލެރާގެ ކޭސް މިދިޔަ ހަފްތާގައި މެޑްރިޑްގައި އަންހެން ކުއްޖެއްގެ ގައިން ފެނިފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ.

އެއަންހެން ކުއްޖާއަށް ޕްރައިވެޓް ހޮސްޕިޓަލެއްގައި ފަރުވާ ދިން ކަމަށާއި މިހާރު ބެކްޓީރިއަލް އިންފެކްޝަން އިން ރަނގަޅުވެފައިވާ ކަމަށް ބުނެފައި ވެއެވެ.

ސްޕެއިންގެ ބައެއް މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އިންފެކްޝަން ޓްރޭސް ކުރެވިފައިވަނީ ޓޮލޭޑޯ ޕްރޮވިންސްގެ ފެން އިސްކުރަކަށެވެ. މިހާރު އެ ހިސާބު ގަނޑު ބަންދުކޮށްފައިވާ ކަމަށްވެސް މައުލޫމާތު ދީފައި ވެއެވެ.

ކޮލެރާ ހަލުވިކަމާއެކު ފެތުރެނީ ނަޖިހާއި ބޯފެން އެއްވާ ސަރަހަދުތަކުގައެވެ.