ފޯވާޑް ރޮބާޓް ލެވަންޑޮސްކީ މިހާރު ހިނގަމުންދާ ޓްރާންސްފާ މާކެޓުގައި ބާސެލޯނާއަށް ބަދަލުވެއްޖެނަމަ، އޭނާ ނެތްތަން ފޫބައްދަން ބަޔާން މިޔުނިކުން ބޭނުން ވަނީ ކްރިސްޓިއާނޯ ރޮނާލްޑޯ ގެންނަން ކަމަށް ކުޅިވަރު ހަބަރުތައް ގެނެސްދިނުމަށް މަޝްހޫރު "އޭއެސް" އިން ރިޕޯޓް ކޮށްފިއެވެ.

ލެވަންޑޮސްކީއަށް ބާސެލޯނާއިން އިއްޔެ 35 މިލިޔަން ޔޫރޯ ބިޑްކޮށްފައިވާއިރު މިފަހަރުގެ ޓްރާންސްފާ މާކެޓުގައި އޭނާ ބާސާއަށް ބަދަލުވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ސެންޓަރ ފޯވާޑަކަށް ކުޅޭ ލެވަންޑޮސްކީ ނެތްހާލަތުގައި އެތަން ފޫބައްދަން މިވަގުތު ލިބެން ހުރި އެންމެ ރަނގަޅު ކުޅުންތެރިޔަކީ ރޮނާލްޑޯ ކަމުގައި ބަޔާނުން ދެކެއެވެ.

އަނެއްކޮޅުން ބަޔާންއިން ރޮނާލްޑޯ ގަންނަން ބޭނުންވާ ކަމުގެ ރިޕޯޓުތައް މީޑިޔާއަށް ތިލަވެފައި މިވަނީ، ރޮނާލްޑޯ ކުޅެމުން އަންނަ މެންޗެސްޓަރ ޔުނައިޓެޑާ ވާދަވެރި މެންޗެސްޓަރ ސިޓީން ޒުވާން ނުރައްކާތެރި ފޯވާޑް އާރްލިންގ ހާލަންޑް އަދި ލިވަޕޫލްއިން އުރުގުއޭގެ އުއްމީދީ ފޯވާޑް ޑާވިން ނުނޭޒް ގެނެސް ޓީމު ވަރުގަދަ ކުރިއިރުވެސް ޓްރާންސްފާ މާކެޓުގައި ޔުނައިޓެޑަށް އެންމެ ކުޅުންތެރިއެއްގެ ސޮއިވެސް ހޯދިފައި ނުވާ ދަނޑިވަޅެއްގައެވެ.