ޓާޓާ ޕަވަރ އިން ވަނީ ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި އިންޑިއާގެ ކަޝްމީރުން ކަންޔާކުމާރީއާ ހަމައަށް ހުރިހައި ސަރަހައްދެއްގައި އިލެކްޓްރިކް ވެހިކަލް ޗާޖު ކުރާ ސްޓޭޝަންތަކެއް ބިނާ ކުރުމަށް ނިންމާފައެވެ. ޓާޓާ ކުންފުނިން ބުނިގޮތުގައި މި ފިޔަވަޅަކީ އެ ކުންފުނީގެ ޓްރާންސްފޮމޭޝަން ޕްރޮގްރާމް، ޓާޓާ ޕަވަރ 2.0 ގެ ދަށުން ކަސްޓަމަރުންނަށް ސަމާލުކަން ދީގެން ދެމެހެއްޓެނިވި ގޮތެއްގައި ޑިޖިޓަލް އިކޮނޮމީއަށް ފޯކަސްކޮށްގެން ކުރާ މަސައްކަތެއް ކަމަށެވެ.
ކަރަންޓާއި ހަކަތަ އުފައްދާ ޓާޓާ ޕަވަރއިން ވަނީ އުޅަނދު އުފައްދާ ޓާޓާ މޯޓަރސް އާއި ގުޅިގެން މި ޚިދުމަތް ދޭން އެއްބާރުލުން ދީފައެވެ. އެގޮތުން ޓާޓާ އިން ގަންނަ ކޮންމެ އުޅަނދަކަށް ގޭގައި ޗާޖު ކުރެވޭނެ ފަދަ ވަސީލަތްތައް ގާއިމް ކޮށްދިނުންވެސް ހިމެނެއެވެ.
މިޙާރުވެސް އެކުންފުނިން ވަނީ ގާތްގަޑަކަށް 15،000 ހޯމް ޗާޖަރ ފޯރުކޮށްދީފައެވެ. އޭގެ އިތުރުން، ގާތްގަނޑަކަށް 170 ސިޓީއެއްގައި 2،000 ޕްލަސް ޕަބްލިކް ޗާޖަރު ފޯރުކޮށްދީފައި ވެއެވެ.ޓާޓާއިން ބަހައްޓަން އުޅޭ ގިނަ އަދަދެއްގެ އުޅަނދުތައް އެއްފަހަރާ ޗާޖު ކުރާ ފެސިލިޓީތަކުގައި އާންމު ދަތުރުފަތުރުގައި ބޭނުންކުރާ އުޅަނދާއި ބަސްތައް ވެސް ޗާޖު ކުރުމުގެ ޚިދުމަތް ދެވޭނެއެވެ.
މިތަންތަން ގާއިމު ކުރުމަށް ނިންމާފައި ވަނީ ސިޓީތަކާއި ހައިވޭތަކުގައި މީހުންނަށް ބޭނުންކުރަން ފަސޭހަ ގޮތަށެވެ. އަދި މި ތަންތަނާއި ޚިދުމަތާ ގުޅޭ އެޕެއް ތައްޔާރު ކުރުމަށްވެސް މަސައްކަތް ކުރެވެމުން ދާކަމަށް އެކުންފުނިން ބުނެއެވެ.
އެއީ ދަތުރުފަތުރު ކުރުމުގައި، ބޭނުން ގޮތަކަށް ކުރީބައިގައި ޗާޖަރު ބުކް ކުރުންފަދަ ފަސޭހަތައް ފަހިކޮށް ދިނުމުގެ ގޮތުންނެވެ. އަދި ޚިދުމަތަށް ފައިސާ ދެއްކުންވެސް އެޕް މެދުވެރިކޮށް ހަމަޖެހިފައި ހުންނާނެ ކަމަށް ބުނެއެވެ.