އުމުރުގެ ބާކީ އޮތް ދުވަސްތައް ހޭދަކުރަންޖެހޭނީ ޖަލުގައި ކަމަށް ބުނެ، ސުޕްރީމު ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އަލީ ރަޝީދު ހުސައިނަށް، ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު އިންޒާރުދިން މައްސަލަ ކުށްވެރިކޮށް، ފިޔަވަޅު އަދައި ދިނުމަށް އެދި ދިވެހި ފަނޑިޔާރުންގެ ޖަމިއްޔާއިން ގޮވާލައިފިއެވެ.
މި މަހުގެ 22 ވަނަ ދުވަހު މީޑިއާ އަށް ދިން އިންޓަރވިއުއެއްގައި ޝުޖާއު ބުނެފައިވަނީ ފަނޑިޔާރު ޢަލީ ރަޝީދު ސްޕްރީމް ކޯޓަށް ޢައްޔަންކުރެއްވީ ކުރީގެ ރައީސް ޔާމިން ޢަބްދުލްޤައްޔޫމް ޖަލަށްލުމަށް ހުކުމް ކުރެއްވުމުން އޭގެ ބަދަލެއްގެ ގޮތުގައި ކަމަށާ އެހެންކަމުން އިދިކޮޅު ކޯލިޝަނެއްގެ ވެރިކަމުގައި ފަނޑިޔާރު ޢަލީ ރަޝީދު ހުންނަވަންޖެހޭނީ ޖަލުގައި ކަމަށް ޝުޖާއު ވިދާޅުވިއެވެ.
މިކަން ކުށްވެރިކޮށް ފަނޑިޔާރުންގެ ޖަމިއްޔާއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ "ދި ޑެއިލީ" ގަައި 22 ނޮވެމްބަރު 2020 ވަނަ ދުވަހު ލިޔެފާ ލިޔުމުގައި ބުނެފައި، ދިވެހި ރާއްޖޭގެ ސުޕްރީމު ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އަލީ ރަޝީދު ހުސައިނަށް، އުުމުރުގެ ބާކީ އޮތް ދުވަސްތައް ހޭދަކުރަންޖެހޭނީ ޖަލުގައި ކަމަށް ބުނެ، ފަނޑިޔާރު އަލީ ރަޝީދަަށް ނިސްބަތްކޮށް، ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވާހަކަ ދައްކާފައިވާ ވާހަކަތަކަކީ ފަނޑިޔާރު އަލީ ރަޝީދަށް އިންޒާރުދީ ދައްކާފައިވާ ވަހާކަތަކަށްވާތީ، އެކަމާ ކަންބޮޑުވުން ފާޅުކުރާ ހިނދު، އެވާހަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
އަދި މިފަދަ ގޮތަކަށް ފަނޑިޔާރު އަލީ ރަޝީދަށް އިންޒާރުދީ ދައްކާފައިވާ ވާހަކަތަކާ މެދު ކަމާބެހޭ ފަރާތްތަކުންނާއި އިދާރާތަކުން ބަލަންޖެހޭ ކަންކަން ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެ ޖަމިއްޔާއިން ގޮވާލާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.