އިރުމަތީ އަފްޣާނިސްތާނަށް އައި ބާރުގަދަ ބިންހެލުމުގައި 1000 މީހުން މަރުވެ، އެތައް ބަޔަކަށް އަނިޔާ ލިބި އިންފްރާސްޓްރަކްޗަރ ހަލާކުވެފައިވާ ކާރިސާގައި އިންސާނީ އެހީ ދިނުމަށާއި އެހީތެރިވެ ދިނުމަށް އިންޑިއާއިން ކާބުލްއަށް ޓެކްނިކަލް ޓީމެއް ފޮނުވައިފިއެވެ. އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނީ އެޓީމު އޮޕަރޭޓް ކުރާނީ ކާބުލްގައި ހުންނަ އިންޑިއާ އެމްބަސީންނެވެ. އިންޑިއާއިން ވަނީ ދެ ދުޖވަސް މަތިން އަފްޣާނިސްތާނަށް އެހީގެ ދެޝިޕްމެންޓް ފޮނުވާފައެވެ. އޭގައި ފޭލިގެތަކާއި ރަޖައާއި ކާނާގެ އެހީ ފޮނުވާފައި ވެއެވެ.
އިންޑިއާއިން ބުނީ އަފްޣާނިސްތާނުގެ ރައްޔިތުންނާ އެކު އޮންނަ ގުޅުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށްޓަކައި، އިންސާނީ އެހީ ފޯރުވައިދިނުމުގައި އެކި ފަރާތްތަކުން ކުރަމުންދާ މަސައްކަތްތައް ވަރަށް ގާތުން މޮނިޓަރކޮށް ވިލަރެސް ކުރުމަށް އިންޑިއާ ޓީމުން މަސައްކަތް ކުރާނެ ކަމަށެވެ.
މިދިޔަ އަހަރު އެމެރިކާއިން އަފްޣާނިސްތާނުން ސިފައިން ބޭލުމުން ކާބުލްގައި ތިބި އިންޑިއާޣެ ޑިޕްލޮމޭޓުން ވަނީ އަނބުރައި ގެންގިސްފައެވެ. ނަމަވެސް އެމްބަސީގައި އަފްޣާން މުވައްޒަފުން މަސައްކަތް ކުރެއެވެ.
އިންޑިއާއިން ވަނީ އަފްޣާނިސްތާނަށް ގިނަ އަދަދެއްގެ ގޮދަނާއި ބޭހާއި ކޯވިޑްގެ ވެކްސިން ސަޕްލައި ކޮށްދީފައެވެ.
އިންޑިއާއިން ވަނީ މަތީ ފެންވަރުގެ ވަފްދެއް ކާބުލްއަށް މިމަހުގެ ކުރީކޮޅު ފޮނުވާފައެވެ. އަދި އިންޑިއާގެ މަންދޫބުން ވަނީ ގަތަރުގެ ވެރިރަށް ދޯހާގައި ތާލިބާނުންގެ މަންދޫބުންނާ ބައްދަލުކޮށް މަޝްވަރާތައްވެސް ބާއްވާފައެވެ. އިންޑިއާއިން ބުނަނީ ތާލިބާނުންގެ ސަރުކާރު ބަލައިގަތުމާމެދު ގޮތެއް ނިންމުމުގައި ބަލާނީ އދން އަމަލުކުރާނެ ގޮތަކަށެވެ.