ބްރެޒިލްގެ ގައުމީ ޓީމުގައިވެސް ހިމެނޭ ފޯވާޑް ގެބްރިއަލް ޖީސަސް، 45 މިލިޔަން ޕައުންޑުގެ ޓްރާންފާ ފީ އަކަށް އާސެނަލްއަށް ވިއްކާލުމަށް އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީއިން ރޭ އެއްބަސްވެއްޖެއެވެ.

މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ ފެބްރީޒިއޯ ރޮމާނޯ ރޭ ކުރި ޓްވީޓެއްގައި ބުނީ ސިޓީ އާއި އާސެނަލްއިން ޖީސަސްގެ ޓްރާންސްފާ ކަންކަމުގައި އަނގަބަހުން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށެވެ.

ޖީސަސް،25، ވިއްކާލުމަށް ސިޓީއިން މިނިންމީ، މިހާރު ހިނގަމުންދާ ޓްރާންސްފާ މާކެޓުގައި ނޯވޭގެ އުއްމީދީ ފޯވާޑް އާރްލިންގ ހާލަންޑް އެކްލަބަށް ގެނައުމަށްފަހުއެވެ. ސެންޓަރ ފޯވާޑަކަށް ކުޅޭ ޖީސަސް ކުރިން ބުނެފައި ވަނީ ޗެމްޕިއަންސް ލީގުގައި އަންނަ ސީޒަނުގައިވެސް އޭނާ ކުޅެން ބޭނުންވާ ކަމަށާއި އެފަދަ ފުރުސަތެއް ލިބޭ ޓީމަކަށް ބަދަލުވުމަށް ވިސްނާނެ ކަމަށެވެ. އެކަމަކު ނިމިދިޔަ ސީޒަނުގައި ލީގުގެ ގަދަ ހަތަރެއްގައި އޮވެ ނިންމާ ނުލެވުމުން ކުރިއަށް އޮތް ސީޒަނުގެ ޗެމްޕިއަންސް ލީގުން އާސެނަލްއަށް ވަނީ ފުރުސަތު ގެއްލިފައެވެ.

ސިޓީއަށް ޖީސަސް ބަދަލުވީ 2017 ވަނަ އަހަރު ޖެނުއަރީ މަހު ބްރެޒިލްގެ ޕަލްމެއިރަސްއިން 27 މިލިޔަން ޕައުންޑުގެ ޓްރާންސްފާ ފީ އަކަށެވެ. ސިޓީއާއެކު ޖީސަސް ވަނީ އިނގިރޭސި ޕްރިމިއަރ ލީގް ހަތަރު ފަހަރު ކާމިޔާބު ކޮށްފައެވެ.