ޕާކިސްތާންގައި ގެއްލިފައިވާ މީހުންގެ މައްސަލައިގައި ބެއްވި އަޑުއެހުމުގައި އިސްލާމްއާބާދު ހައިކޯޓުން ވަނީ ޕާކިސްތާންގައި ގެއްލިފައިވާ މީހުންނާ ބެހޭ ގޮތުން އުފައްދާފައިވާ ކޮމިޝަނުން އެ ކޮމިޝަންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ފެއިލްވެފައިވާ ކަމަށް ބުނެފަ އެވެ.ހައިކޯޓުގެ އުއްތަމަ ފަނޑިޔާރު އައްތާރް މިނަالله ވިދާޅުވީ، ކޮމިޝަނުން މަސްއޫލުލިއްޔަތު އަދާ ކުރުމުގައި ފެއިލްވެފައިވާ ކަމަށް ތަކުރާރުކޮށް ބުނެފައި ވާނެ ކަމަށާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކަކީ ބޮޑުވެގެންވާ ޖަރީމާއެއް ކަމަށާއި އަދި އެއީ، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އަސާސީ ހައްގުތައް ނިގުޅައިގަތުމުގެ ބޮޑު ޖަރީމާއެއް ކަމަށް ތަކުރާރުކޮށް ބުނެފައިވާނެ ކަމަށެވެ.
ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގައި ދައުވާ ހުށަހަޅާފައިވަނީ ޕާކިސްތާނުގެ ކުރީގެ އިންސާނީ ހައްގުތަކާ ބެހޭ ވަޒީރު ޝީރީން މަޒާރީގެ ދަރިކަނބަލުން އީމާނު މަޒާރީއެވެ. އޭނާވެސް ކޯޓުގައި އިންނެވިއެވެ.
ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަން އޮފް އިންކުއަރީގެ ރަޖިސްޓްރާ ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، ޖޮއިންޓް އިންވެސްޓިގޭޝަން ޓީމްގެ ރިޕޯޓަށް ރިއާޔަތްކޮށް، ގެއްލުވާލާފައިވާ މީހުންގެ ކެޓަގަރީގައި، މިދިޔަ އަށް އަހަރު ވީނުވީއެއް ނޭނގި ގެއްލިފައިވާ ޒާހިދު އަމީން، މިހާރު ހިމަނާފައިވާ ކަމަށެވެ.
ކޯޓުން ބުނެފައި ވަނީ ކޮމިޝަނުން ގެއްލިފައިވާ މީހުންގެ އާއިލާތަކާ އަޅާ ނުލާކަމަށާއި އަދި ރެޖިސްޓްރާއަށް އަންގާފައިވަނީ އޭނާ ގެއްލިފައިވާ މީހުންގެ އާއިލާތަކަށް ޒިޔާރަތްކޮށް އެމީހުންގެ ގާތުން ވާނުވާ އޮޅުން ފިލުވުމަށެވެ.
ޕާކިސްތާންގައި ނިޒާމުން ގެއްލޭ ގިނަ މީހުންނަކީ ބަލޯޗިސްތާނާއި ޚައިބަރު ޕަޚުތޫންޚުވާ ޕްރޮވިންސްގެ މީހުންނެވެ.