ޗައިނާގެ ޝިންޖިއާންގައި މުސްލިމުންނާ ދެކޮޅަށް ހަރުކަށި އުސޫލުތަކެއް ތައާރަފް ކޮށް ހުރަގެތައް ހަދައިގެން މުސްލިމުންނަށް ވޭންދެވި އަޒާބު ދެމުން ގެންދިޔަ ކޮމިއުނިސްޓް ޕާޓީގެ ވެރިޔާގެ މަގާމު ދަށްކޮށް އެހެން ސަރަހައްދަކަށް ކޮމިއުނިސްޓް ޕާޓީން އޭނާ ބަދަލުކުށްފިއެވެ. މީޑިއާ ރިޕޯޓްތައް ސިފަ ކޮށްފައި ވަނީ މިއީ ޗައިނާގެ ނަން ހުތުރުވެ، ހަރުކަށި ފިޔަވަޅުތަކެއް އެމެރިކާއިން އެޅުމުން ކޮމިއުނިސްޓް ޕާޓީން އެޅި ފިޔަވަޅެއް ކަމަށެވެ.

ޗައިނާގެ މުސްލިމުންގެ ޒާތީ މިނިވަން ސަރަހައްދު، ޝިންޖިއާންގެ ކުރީގެ ވެރިޔާ މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ އެހެން ހިސާބެއްގައި ދަނޑުވެރިކަމުގެ ދާއިރާގެ އިސް މަގާމެއްގައި ކަމަށް ނިއްކީ އޭޝިއާއިން ރިޕޯޓް ކުރެއެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިން، ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ލީޑަރުކަމުގެ މަގާމަށް ތިންވަނަ ދައުރަކަށް ހޮވިވަޑައިގަތުމަށް މަސައްކަތް ކުރައްވަމުން ގެންދަވާއިރު ޗައިނާގެ ނަން ހުތުރުވުމާއި އިގްތިސާދު ހަލަބޮލިވުމާއި ބޭރުގައި ޗައިނާއަށް ބެވުން އިތުރުވެފައިވާ މައްސަލައަކީ ޗައިނާގެ ލީޑާޝިޕުން ކަންބޮޑު ވާ މައްސަލައެކެވެ.

ސީސީޕީގެ ޝިންޖިއާންގެ ވެރިޔާގެ މަގާމުން ޗެން ކުއާންގުއޯ ބަދަލުކުރުމުން އޭނާ މިހާރު މަސައްކަތް ކުރައްވަނީ ކޮން ތަނެއްގައި ކަމެއް އަދި ސާފުވެފައެއް ނުވެއެވެ.

ޒިންހުއާ ނިއުސް އެޖެންސީން މިދިޔަ ހަފުތާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ޗެން ވަނީ ކޮމިއުނިސްޓް ޕާޓީގެ ސެންޓްރަލް ރޫރަލް ވޯކް ލީޑިން ގްރޫޕްގެ ޑެޕިއުޓީ ހެޑްގެ ހައިސިއްޔަތުން ދަނޑުވެރިކަމުގެ ސިޔާސަތާ ބެހޭ ގޮތުން ޖޫން 14 ގައި ބޭއްވި ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންފައެވެ. ނިކްއީ އޭޝިއާ ރިޕޯޓް ކުރިގޮތުގައި އެ ގްރޫޕުގެ އިސް ބޭފުޅަކަށް ހުންނަވަނީ ބޮޑު ވަޒީރުގެ ނާއިބް ހޫ ޗުންހުއާއެވެ.

ނިކްއީ އޭޝިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިއީ ނޭޝަނަލް ކޮންގްރެސްއާ ދިމާކޮށް، ވެރިއެއްގެ މަގާމު ދަށް ކުރުމުގެ އަމަލެކެވެ.

އުމުރުން 66 އަހަރުގެ ޗެން އަލުން ކޮމިއުނިސްޓް ޕާޓީގެ އެންމެ ކުރީ ސަފުގައި އަލުން ފެނިގެންދާނެ ކަމަށް ނުބެލެވެއެވެ. އަދި ޕޮލިޓްބިއުރޯގެ މެމްބަރެއްގެ ގޮތުގައި އޭނާއަށް ދެމިހުރެވިދާނެކަމެއް ނުވަތަ ނޫންކަމެއްވެސް އަދި ސާފެއް ނުވެއެވެ.

ޝިންޖިއާންގައި މުސްލިމުންނަށް ހަރުކަށިކަން ދެއްކުމުގެ ކުރިން ޗެން އަކީ ޓިބެޓްގައި ހުރަގެތައް ހަދައި ހުރި ހަރުކަށި ސަލާމަތީ ވަސީލަތްތަކެއް ބޭނުން ކޮށްގެން މީހން ކޮންޓްރޯލު ކުރުމަށް އެސްއޯޕީތަކާއި ސިޔާސަތު އެލުލަވާލި މަސްއޫލުވެރިޔާއެވެ.

ޝިންޖިއާންގެ މުސްލިމުން ފިރުއައުނުގެ ގޮތުގައި ސިފަކުރާ ޗެންއަކީ، ޝިންޖިއާންގައި މިލިއަނެއްހާ އުއިޣުރު ބައިމަދު ނަސްލުގެ މުސްލިމުން ބަންދުކޮށްފައި ހުރަގެއަށް ލުމުގެ ފަހަތުގައި ހުރި މޭސްތިރި ކަމަށް ބޭރާއި އެތެރޭގެ ގިނަ ބަޔަކު ދެކެ އެވެ.

ޝިންޖިއާންގައި ބައިމަދު ދަރިކޮޅުތަކުގެ މީހުންނާ ދެކޮޅަށް 2020 ވަނަ އަހަރު ބޮޑެތި އަނިޔާތަކެއް ދިން ކަމުގެ ކުށުގައި އެމެރިކާއިން އޭނާއާ ދެކޮޅަށް ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.

ޗެން ކުއާންގުއޯ (ޗެން) އަކީ 2016 ވަނަ އަހަރުން ފެށިގެން ޝިންޖިއާން އޮޓޮނޮމަސް ރީޖަންގެ ކޮމިއުނިސްޓް ޕާޓީ ސެކްރެޓަރީ އެވެ.