ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ގެންދަވަނީ އެތައް މައިދާނެއްގައި ހަނގުރާމަ ކުރައްވަމުންނެވެ. ސޫރިޔާގެ އުތުރުގައި ކުރުދީންނާ ދެކޮޅަށް އަސްކަރީ ޙަމަލާ ދިނުމާއި ސްވިޑްންއާއި ފިންލެންޑުން ނޭޓޯގެ މެންބަރުކަމަށް ކުރިމަތިލުމާއި ދެކޮޅު ހެދުމާއި އިގްތިސާދީ ކާރިސާއަކާ ކުރިމަތިލުމާއެކު އޭނާ ގެންދަވަނީ އަންކާރާގެ ސަރަހައްދީ ސިޔާސީ މަގާމު ވަރުގަދަކުރެއްވުމަށް މަސައްކަތް ކުރައްވަމުންނެވެ. އަދި ރަޝިޔާ ޔުކްރެއިންގެ ހަނގުރާމައިގެ މެދުވެރިއެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވައެވެ.

ތުރުކީގައި 2023 ވަނަ އަހަރުގެ ޖޫން މަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ކުރިން މިކަންކަމުގައި އެތެރޭގެ ސިޔާސީ މާހައުލާ ކުރިމަތިލައްވާއިރު އިގުތިސާދީ ކާރިސާއެއްގެ ސަބަބުން އޭނާގެ މަގްބޫލުކަން ނުރައްކަލަށް ހުށަހެޅިފައި ވެއެވެ.

އުރުދުޣާން ވަނީ ތުރުކީއާއި ނޭޓޯގެ ބައިވެރިންނާ ދެމެދު އޮންނަ ގުޅުން އަނެއްކާވެސް ވަރަށް ބޮޑަށް އުދަގޫ ކަމަކަށް ހައްދަވާފައެވެ. ސޫރިޔާގެ އުތުރުގެ ސަރަހައްދުތަކަށް ހަމަލަ ވަރުގަދަ ކުރައްވާފައެވެ. އަދި ރަޝިޔާއާ ދެކޮޅަށް ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގައި ބައިވެރިވުމަށް ދެކޮޅު ހައްދަވާފައެވެ. ތުރުކީން ވަނީ މި ހުރިހައި ކަމަކާއެކު ގްރީސްއާއެކު އޮންނަ ވާދަވެރިކަމުގައި އޭޖިއަން ކަނޑުގެ ޖަޒީރާތަކުގައި އިތުރު ދެބަސްވުމެއްވެސް އުފައްދަވާފައެވެ.

ތުރުކީގެ މަސްލަހަތުތަކުގެ ދިފާއުގައި އޭނާ ވަނީ ޔޫރަޕާއި އެމެރިކާއިން އިސްކަންދޭ ކަންތައްތަކުގައި ޝަރުތުތައް ކަނޑައަޅުއްވާފައެވެ.

ތުރުކީން ބޭނުން ވަނީ ފިލްލެންޑާއި ސްއިޑްންއިން ކުރުދިސްތާން ވޯކާސް ޕާޓީ (ޕީކޭކޭ)ގެ "ޓެރަރިސްޓުންނާ" ދެކޮޅަށް ފިޔަވަޅު އެޅުމަށެވެ. ނޭޓޯގެ އެލަޔަންސަށް މި ދެގައުމުން ބައިވެރިވުމުން ވަރަށް ބޮޑު ކުރިއެރުމެއް ލިބިދާނެ ކަމަށް އުރުދުޣާން ދެކިވަޑައި ގަންނަވައެވެ. ނަމަވެސް އަންކާރާއިން ދެކެނީ، 1984 ވަނަ އަހަރުން ފެށިގެން ތުރުކީއާ ދެކޮޅަށް ގެރިއްލާ ހަނގުރާމައެއް ހިންގަމުންދާ ޕީކޭކޭ ކޮންޓްރޯލް ކުރުމަށް ފިންލެންޑާއި ސްވިޑަން އިން މަސައްކަތް ކުރުމަށެވެ.

ޕީކޭކޭއަކީ މި ދެ ގައުމުގައި އެމީހުންގެ ރެފިއުޖީން ދިރިއުޅޭ ހަމްދަރްދީވާ ދެ ގައުމެވެ. ޕީކޭކޭގެ ކުރުދީންނަކީ އުތުރު އިރުމަތީ ތުރުކީއާއި، ސޫރިޔާގެ އުތުރުފަރާތާއި، އުތުރު ޢިރާޤާއި، އުތުރު އިރުމަތީ އީރާނުގެ ކުޑަ ތަންކޮޅެއް އެއްކޮށްގެން ކުރުދީ މިނިވަން ދައުލަތެއް ގާއިމް ކުރުމަށް މަސައްކޖަތް ކުރާ ޖަމާއަތެކެވެ.

ޕީކޭކޭއަކީ ޓެރަރިސްޓް ޖަމާޢަތެއްގެ ގޮތުގައި އީޔޫއާއި އެމެރިކާއިން ކަނޑައަޅާފައިވާ ހަނގުރާމަވެރި ޖަމާޢަތެކެވެ.

އުރުދުޣާން ވިދާޅުވަނީ ނޭޓޯގެ ތެރެއަށް ވަނުމުގައި ސްވިޑަން އާއި ފިންލެންޑުން "ކޮންކްރީޓް" އަދި "ސީރިއަސް" ފިޔަވަޅުތަކެއް އަޅަން ޖެހޭނެ ކަމަށެވެ.

ސޫރިޔާއާ ދެކޮޅަށް ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅު އުވާލުމަކީވެސް ތުރުކީން ހުށަހަޅާ ޝަރުތެކެވެ.

ސޫރިޔާގެ އުތުރުގައި ކުރުދީ ފައުޖުތަކަށް ތުރުކީވިލާތުން ދިން ޙަމަލާއަށްފަހު 2019 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން ހުޅަނގުގެ ޤައުމުތަކުން ހަތިޔާރާއި ޓެކްނޮލޮޖީ ތުރުކީއަށް އެކްސްޕޯޓްކުރުން މަނާކޮށްފައި އޮތް އޮތުން އުވާލުމަށްވެސް އުރުދުޣާން ބާރުއަޅުއްވައެވެ.

ތުރުކީގައި ރިޔާސީ އިންތިޚާބާއި ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު ވެސް އަންނާނީ އެއް އަހަރެއްގެ ތެރޭގައެވެ. އެހެންވެ، ހުޅަނގުގެ ގައުމުތަކާ އެކު އުރުދުޣާން ކުޅުއްވާ ޖިއޮޕޮލިޓިކަލް ރާޒުވާ ކުޅިގަނޑުގެ ސަބަބުން އޭނާއަށް އިންތިޚާބީ ކުރިއެރުމެއް ލިބުމަކީވެސް އެކަށީގެންވާ ކަމެކެވެ.

އެއީ ތުރުކީ މީހުން ދެކޭ ގތުގައި ޔޫރަޕްގެ ގައުމުތަކަކީ ތުރުކީއަށް އޮތް ހުރަހެކެވެ. މިދިޔަ އޭޕްރީލް މަހު އާންމުކުރި ޖަރުމަނުގެ މާޝަލް ފަންޑުން ނެގި ހިޔާލު ހޯދުމުގެ ވޯޓަކުން ދައްކާ ގޮތުގައި ތުރުކީގެ "ގައުމީ މަސްލަހަތަށް" އޮތް އެންމެ ބޮޑު ނުރައްކަލަކީ އެމެރިކާ ކަމަށް ތުރުކީގެ 58.3 ޕަސެންޓް މީހުން ދެކެއެވެ.

އަދި 62.4 ޕަސެންޓް މީހުން ގަބޫލުކުރާ ގޮތުގައި ޔޫރަޕްގެ ގައުމުތަކުން ބޭނުންވަނީ "ކުރިން އުސްމާނީ ޚިލާފަތުގައި ހެދިހެން ތުރުކީ ބައިބައިކުރަން" ށެވެ.

އަދި 69.8 އިންސައްތަ މީހުން ޤަބޫލުކުރާ ގޮތުގައި ކުރުދީންގެ ޓެރަރިސްޓް ޕީކޭކޭ ފަދަ ވަކިވެގަތުމަށް މަސައްކަތްކުރާ ޖަމާޢަތްތައް ވަރުގަދަކުރުމަށް ޔޫރަޕްގެ ޤައުމުތަކުން ދަނީ އެހީތެރިވެދެމުންނެވެ.

އުރުދުޣާންއަކީ ސިޔާސީ ގޭމް ކުޅުމުގައި މިޅު ބޭފުޅެކެވެ. ހުޅަނގުގެ ގައުމުތަކާ އެކު އޭނާ ކުޅުއްވާ ސިޔާސީ ގޭމްތަކުގެ ފަހަތުގައި ފޮރުވިފައިވާ ދާހިލީ އެޖެންޑާއެއް އޮވެއެވެ.

ތުރުކީވިލާތުގެ ރައީސްގެ މި ނިންމެވުމާއި، ރަޝިޔާއިން އެސް-400 މިސައިލް ސިސްޓަމެއް ގަތުމާ މެދު އެމެރިކާއާއި ތުރުކީއާ ދެމެދު އުފެދިފައިވާ ދެބަސްވުންތަކާ ގުޅިގެން، ހުޅަނގުގެ ރައްޔިތުން ތުރުކީ ދެކެ ނުރުހުނަސް ދާޚިލީ އެޖެންޑާ ކުރިއަށް ގެންދިއުމަކީ ތުރުކީގެ ރައީސް ބޭނުންފުޅުވާނެ ކަމެކެވެ.

މިކަންކަން މިހެން އޮތް ނަމަވެސް ތުރުކީން ޔޫރަޕާއެކު ގާތް ގުޅުމެއް ބާއްވަންވެސް ބޭނުންވާނެއެވެ. އީޔޫއަކީ އަދިވެސް ތުރުކީގެ އެންމެ ބޮޑު ވިޔަފާރީގެ ބައިވެރިޔާއެވެ. އަދި ތުރުކީއަކީ ޔޫރަޕްގެ ކަސްޓަމްސް ޔޫނިއަންގެ ބައެކެވެ. އަދި 2020 ވަނަ އަހަރު އެމެރިކާ ވެގެން ދިޔައީ ތުރުކީގެ ތިންވަނައަށް އެންމެ ބޮޑު އެކްސްޕޯޓް މާކެޓަށެވެ.

ތުރުކީން ވަނީ ހުރިހައި ބައިވެރިވުންތަކާއެކު ވެސް ބައެއް ފަހަރަށް އަމއްލަ ގޮތްތައް ގެންގުޅުއްވާފައެވެ. އުރުދުޣާން ވަނީ ރަޝިޔާއާ ދެކޮޅަށް ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގައި ބައިވެރިވުމަށްވެސް ދެކޮޅު ހައްދަވާފައެވެ. މިކަމުގެ ފަހަތުގައިވާ ސަބަބުތަކަކީ ތުރުކީގެ އިގުތިސާދަކީ ރަޝިއާގެ ގޮދަނާއި ހަކަތައިގެ ސަޕްލައިއަށް ފެންބޮވައގެންފައިވާ އިގުތިސާދަކަށް ވާތީ އެވެ.

ހުޅަނގާއި އެމެރިކާއިން ނުރުހޭކަންކަންވެސް ތުރުކީން ބައެއްފަހަރަށް ކޮށްދައްކައި ގޮންޖަހައވެސް ހަދައެވެ.

މިދިޔަ ހަފްތާތަކުގެ ތެރޭގައި އުރުދުޣާން ވަނީ ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯއާއެކު އަންކަރާގައި މަޝްވަރާތައް ބާއްވަވާފައެވެ. މަޑޫރޯގެ ވެރިކަމަކީ ސައްހަ ވެރިކަމެއް ކަމަށް އީޔޫއިން ވެސް އަދި އެމެރިކާއިން ވެސް ބަލައިގެންފައެއް ނުވެ އެވެ.

އަނެއް ކޮޅުން އުރުދުޣާން ވަނީ ގްރީސްގެ ސަރުކާރާއެކު ބާއްވަވާ ރަސްމީ ބައްދަލުވުންތައް ނިމުމަކަށް ގެންނާނެކަމަށް މިދިޔަ ޖޫންމަހުގެ ކުރީކޮޅު އިޢުލާނު ކުރައްވާފައެވެ. އަންކާރާއިން ތުހުމަތުކުރާ ގޮތުގައި އެތެންސްއިން ތުރުކީގެ އައްސޭރިފަށުގެ އޭޖިއަން ޖަޒީރާތަކުގައި ސިފައިން ބައިތިއްބާފައި ވަނީ ސުލްހައިގެ މުއާހަދާތަކާ ޚިލާފަށެވެ.

އުރުދުޣާން މަސައްކަތް ކުރައްވަނީ ތުރުކީއަކީ އަލުން ބޮޑު ބާރަކަށް ހެއްދެވުމަށެވެ. އަދި އެ މަސައްކަތަކީ ސަރަހައްދާއި ދުނިޔޭގައިވެސް ތުރުކީން ސާބިތުކޮށްދޭން ބޭނުންވާ ކަމެކެވެ.

އުރުދުޣާންގެ މެދުމިނުގެ އިސްލާމީ ސިޔާސީ ޕާޓީކަމަށްވާ ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް ޕާޓީއިން ދެހާހުގެ އަހަރުތަކުން ފެށިގން ކާމިޔާބު ހޯދައި، ވެރިކަން ދަމަހައްޓާފައި ވަނީ ތިޔާގި އިގްތިސާދަކަށް ތުރުކީ ހަދާނެ ކަމުގެ އުންމީދާއެކުގައެވެ. ނަމަވެސ ތަކެތީގެ އަގު ބޮޑު ވުމާއެކު އެ އުންމީދުތައްވެސް މިހާރު ފަނޑުވެފައި ވެއެވެ.