ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން މި މަހުގެ މިހާތަނަށް 86 ކެންޑިޑޭޓުން ނަން އަނބުރާ ގެންގޮސްފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އީސީން ބުނީ، 86 ކެންޑިޑޭޓުންގެ ތެރެއިން 59 ކެންޑިޑޭޓުންނަކީ ކައުންސިލްތަކަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުން ކަމަށެވެ. ބާކީ 27 ކެންޑިޑޭޓުންނަކީ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ފަރާތްތަކެވެ.
ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ 41 ކެންޑިޑޭޓުން ނަން އަނބުރާ ގެންގޮސްފައިވެއެވެ. އިދިކޮޅު ޕީޕީއެމުން ވާދަކުރާ 12 ކެންޑިޑޭޓަކު ވަނީ ނަން އަނބުރާ ގެންގޮސްފައެވެ. އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އަމިއްލަ ގޮތުން ވާދަކުރާ 27 ކެންޑިޑޭޓަކު ވަނީ ނަން އަނބުރާ ގެންގޮސްފައެވެ. އެންމެ މަދުން ނަން އަނބުރާ ގެންގޮސްފައިވަނީ ޖުމްހޫރީ ޕާޓީންނެވެ. އެ ޕާޓީން ވާދަކުރާ ހަ ކެނޑިޑޭޓަކު ވަނީ ނަން އަނބުރާ ގެންގޮސްފައެވެ.
މި އަަހަރުގެ އޭޕްރީލް މަހު ބާއްވަން ނިންމާފައި އޮތް ލޯކަލް ކައުންސިލްގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ފަސްކޮށްފައިވަނީ ކޮވިޑް-19 އާ ގުޅިގެންނެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ބާއްވަން މިހާރު ތާވާލުކޮށްފައި ވަނީ އަންނަ އަހަރުގެ މާޗް މަހުގެ ހަވަނަ ދުވަހަށެވެ.