ހުޅަނގު އައްސޭރިއާއި، ގުދުސްއާއި، ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުމާމެދު އިންޑިއާއިން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށް، އިސްރާއީލާއި ފަލަސްތީނާ ދެމެދު ދާއިމީ ސުލްހަ އެއް ގާއިމްކުރުމަށް ހުރަސް އެޅޭ ކޮންމެ ފިޔަވަޅަކާ ދެކޮޅަށް ބައިނަލްއަގްވާމީ މުޖުތަމައާއި އދގެ ސަލާމަތީ މަޖިލީހުން ވަރުގަދަ އިންޒާރެއް ފޮނުވުމުގެ މުހިންމުކަން ފާހަގަކޮށް، އިންޑިއާއިން ވަނީ ސަލާމަތީ މަޖިލީހުގައި ވާހަކަ ދައްކައިފިއެވެ.

'ފަލަސްތީނުގެ ސުވާލު' އާ ބެހޭ ގޮތުން ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިންޑިއާއިން އދއަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބުގެ ނައިބު އާރް ރަވިންދްރަ ވިދާޅުވީ، ހުޅަނގު އައްސޭރީގައި ހިނގަމުންދާ ކަންތައްތަކާ މެދުވެސް އިންޑިއާއިން ކަންބޮޑުވާ ކަމަށާ، ފަލަސްތީނުގެ އާއިލާތައް ގާނޫނާ ޚިލާފަށް ގެތަކުން ބޭރުކުށްލައި އެކަހެރިކުރުމަށް ކުރަމުންދާ މަސައްކަތާ މެދު ނުތަނަވަސްކަން އިތުރުވެފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ހުޅަނގު އައްސޭރިއާއި، ގުދުސްއާއި ޣައްޒާގައި ހިނގަމުންދާ ކަންތައްތަކާމެދު އިންޑިއާގެ ނުތަނަވަސްކަން ހާމަ ކުރައްވަމުން އޭނާ ވދާޅުވީ އަނިޔާވެރި ހަމަލާތައް ދެވި، އާންމުންގެ މީހުން މެރުމުގެ ސަބަބުން ފަލަސްތީނާއި އިޒްރޭލުގެ ދެފަރާތުންވެސް އެތައް ބައެއްގެ ފުރާނަ ވަނީ ގެއްލިފައި ކަމަށެވެ.

"އަދި ފަލަސްތީނުގެ ބިމުގައި ތަންތަން ސުންނާފަތިކޮށްލުމާއި ހަމަނުޖެހުމުގެ އަމަލުތައް ކުރިއަށް ދާކަން ސަލާމަތީ މަޖިލީހުގެ ސަމާލުކަމަށް ގެންނަވަމުން ރަވިންދްރަ ވިދާޅުވީ، އިންޑިއާއިން ތަކުރާރުކޮށް ބާރު އަޅަނީ އަނިޔާވެރި އަމަލުތައް ހުއްޓާލުމަށް ކަމަށެވެ.

އަދި އިޒްރޭލާއި ފަލަސްތީންގެ ދެ ދައުލަތުގެ ހައްލު ގެއްލިގެންދާ ގޮތަށް ހާލަތު ބަދަލުކުރުމަށް ދެކޮޅު ހަދާކަން ހާމަ ކުރައްވަމުން އޭނާ ގޮވާލެއްވީ އެފަދަ ކަމަކަށް ފަހިވާ ހުރިހައި އަމަލުތައް މިހާރުން މިހާރަށް ހުއްޓާލުމަށެވެ.

އިޒްރޭލާއި ފަލަސްތީނާ ދެމެދު ދާއިމީ ސުލްހައެއް ގާއިމްކުރުމުގެ ފުރުސަތު ހަނިވާނެ ފަދަ ކޮންމެ ފިޔަވަޅަކާ ދެކޮޅަށް އދގެ ސަލާމަތީ މަޖިލީހުން ވަރުގަދަ ސިގްނަލެއް ފޮނުވުމަކީ ބައިނަލްއަގްވާމީ މުޖުތަމައަށާއި ސަލާމަތީ މަޖިލީހަށް ނުހަނު ބޭނުންތެރި ކަމެއްކަމުގައި އޭނާ ވިދާޅުވިއެވެ.